ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން ބާއްވާ މާރަނގަ މާކެޓް މިމަހު 10ގައި

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކ.މާފުށީގައި ކުރިއަށްގެންދާ މާރަނގަ މާކެޓް ފާހަގަކޮށްލެވެއެވެ.
މާރަނގަ މާކެޓަކީ، މާފުށީ ކައުންސިލާއި ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، އެމްއެލްއޭސީއާއި ބީސީސީ ގުޅިގެން ކުރިއަށްގެންދާ މާކެޓެކެވެ.
މިއީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިސްތިހާރުކޮށް ވިއްކުމުގެ ފުރުޞަތު ފަހި ކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މާކެޓެއް ކަމަށް ބީސީސީން ވިދާޅުވެއެވެ.
އެގޮތުން ނިމުނު އޭޕްރިލް މަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު މާފުށީގައި އެ މާކެޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭޕްރިލް މަހު އެ މާކެޓް ކުރިއަށް ގެންގޮސްފައިވަނީ، އެމަހުގެ 23 އިން 25އަށެވެ.
މާރަނގަ މާކެޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޒިޔާއު ވިދާޅުވީ، މިމަހު މި މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މޭއި 10ކުން ފެށިގެން ކަމަށެވެ.
" މިއަންނަ މަހު އަޅުގަނޑުމެން މި މާކެޓް ބާއްވަން ހަމަޖެހިފައިމިވަނީ، ކުޑަކުދިންގެ ދުވަހާ ދިމާކޮށް ޚާއްސަކޮށް ބޮޑުކޮށް އެ މާކެޓް މާފުށީގައި ބޭއްވުން. އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކަށް މިވަނީ، ކުޑަކުދިންގެ ދުވަހަކީ ވަރަށް ޚާއްސަ ދުވަހަކަށްވެފަ އަދި ވިޔަފާރިތަކަށްވެސް އެ ފުރުޞަތު ފަހިކޮށްދިނުން، އެ ދުވަހާ ގުޅުވައިގެން އަޅުގަނޑުމެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެގެން މާކެޓުގައި ބައިވެރިވުން". ޒިޔާއު ވިދާޅުވިއެވެ.
މީގެއިތުރުން ޒިޔާއު ވިދާޅުވީ، އޭޕްރިލް މަހު ކުރިއަށް ގެންދިޔަ މާކެޓުން 12 ކިއޮސްކް ދޫކުރި ކަމަށެވެ. ނަމަވެސް، މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ވިޔަފާރިތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މާކެޓުގައި ބައިވުމަށް ލިބެމުންދާ ތަރުޙީބަށް ބެލުމަށްފަހު، ކިއޮސްކްތައް އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.
މާރަނގަ މާކެޓުގެ ކިއޮސްކްތަކުގައި، ދިވެހީންގެ ސަޤާފަތާއި، އާދަކާދަ ދައްކުވައިދޭ ދިވެހީންގެ އަމިއްލަ އެތަކެއް އުފެއްދުންތައް ހިމެނެއެވެ. އޭގެތެރެއިންވެސް، ކާބޯތަކެއްޗާއި، ޕޭސްޓްރީއާއި، އަތްތެރި މަސައްކަތުގެ ތަކެތި ފާހަގަކޮށްލެވެއެވެ.
އޭޕްރީލް މަހު ބޭއްވި މާރަނގަ މާކެޓުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ، އެ ފަރާތްތަކުގެ ޚިޔާލު ޕީއެސްއެމް ނިއުސްއާ ހިއްސާ ކޮށްފައެވެ. އެގޮތުން އެފަދަ މާކެޓެއް މާފުށީގައި ބޭއްވުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މާކެޓް ކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރައްވައެވެ.
ކ.މާފުއްޓަކީ، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރަށު ފަތުރުވެރި ކަމުގެ ވިޔަފާރި ކުރާ ރަށެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޒިޔާރަތް ކުރާ މާފުށީގައި މިފަދަ ހަރަކާތެއް ބޭއްވުމަކީ، އެރަށުގެ ރައްޔިތުންނަށްވެސް ވަރަށް ފައިދާވާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ޤަބޫލު ކުރައްވައެވެ.
ކ. މާފުށްޓަކީ، ފަތުރުވެރި ކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށަކަށްވެފައި، އެރަށުގައި މިފަދަ މާކެޓެއް ކުރިއަށް ގެންދިއުމުގެ ފައިދާ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށްވެސް ބީސީސީން ޤަބޫލުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ