ސްޓްރޯކެއް ޖެހުނު ފިލްމީ ފަންނާނު ނިމާލް އަވަހާރަވެއްޖެ

ދިވެހި ފިލްމީ ފަންނާނު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް އޭނާ މިއަދު އަވަހާރަވެއްޖެ އެވެ.
ވީކިހިނެއް؟ - މިދިޔަ ޑިސެމްބަރު މަހުގެ 31ގައި އޭނާއަށް ސްޓްރޯކެއް ޖެހިގެން ފުރަތަމަ ގެންދިޔައީ އޭޑީކޭއަށެވެ. އޭގެ ފަހުން އައިޖީއެމްއެޗަށް ބަދަލުކުރިޔަސް، އޭނާއަށް ފަރުވާދެމުން ދިޔައީ އައިސީޔޫގަ އެވެ.
ތަފްސީލް - ނިމާލް އަވަހާރަވީ އައިޖީއެމްއެޗުގައި މިއަދު ހެނދުނެވެ.
ނިމާލަށް ސްޓްރޯކް ޖެހުނީ ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. އޭރު އޭނާ ހުރީ، އޭޑީކޭ ވެސް ހުންނަ ސޯސަން މަގުގަ އެވެ.
ފާހަގަކޮށްލެވޭ - ނިމާލަކީ ތަޖުރިބާކާރު އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެކެވެ. ބައެއް ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގި އެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމުތަކަށް ވާހަކަ ވެސް ލިޔެދީފަ އެވެ. މިފަހުން ނުކުތް ގިނަ ފިލްމުތަކުގެ މުހިންމު ރޯލުތަކުން ވެސް އޭނާ ފެނުނެވެ.
ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984ގައި ފިލްމު 'ނުފޫޒު'ންނެވެ. އޭގެ ފަހުން އޭރު މަޝްހޫރުވި ގިނަ ލަވަތަކެއްގައި ވެސް އެކްޓްކުރި އެވެ.
ނިމާލްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 'ޒަލްޒަލާ'، 'ހިތް އެދެނީ'، 'ސަބަބު'، 'ރާނީ'، 'ނިއުމާ' އަދި 'ކަނބުލޮ' ފާހަގަކުރެވެ އެވެ.
މީގެ އިތުރުން 1991ގައި ގައުމީ އެވޯޑު ވެސް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ