ކައުންސިލް އިންތިހާބާއެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަށް އިއުލާންކޮށްފައިވާތީ، ރީ-ރަޖިސްޓްރޭޝަނަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަން(އީސީ)ން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބާއްވައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ފާސްކޮށްފަ އެވެ. އެގޮތުން:
އެ އިސްލާހަށް އަމަލު ކުރެވެނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން، އެއަށް ތާއީދު ނުލިބިގެން
އެހެންވެ، އެ އިސްލާހަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު، އެޕްރީލް 4ގައި އޮންނަ ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ރައީސް މުއިއްޒު ވަނީ ނިންމަވައި، އެކަން އިއުލާންކުރައްވާފައި
އެއާއެކު މިދިޔަ އަންގާރަ ދުވަހު އީސީން ވަނީ ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލް އިންތިހާބާއެކު އޮންނާނެކަން ރަސްމީކޮށް އިއުލާންކޮށް އަދި ރީ-ރަޖިސްޓްރޭޝަނަށް އިއްޔެ ހުޅުވާލިކަން ވެސް ގެޒެޓްކޮށްފައި
ތަފްސީލު - އީސީގެ އިއުލާންގައިވާ ގޮތުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ އިއްޔެއިން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން ހަތަރު ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ސުންގަނޑި ހަމަވާނީ، އަންނަ އާދިއްތަ ދުވަހު މެންދުރު 3 އަކަށެވެ.
ކައުންސިލް އިންތިހާބަށް ވެސް އީސީން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި އެވެ. އެ މުއްދަތު ހަމަވީ، މިދިޔަ ހޯމަ ދުވަހަށެވެ.
އަލަށް ހުޅުވާލި މި ފުރުސަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބަދަލު ކުރުމަށް ބޭނުންވާ މީހުން އެކަނި ކަމަށް ވެސް އީސީން ބުންޏެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް [VR space IDNo] ޖެހުމަށް ފަހު، 1414އަށް މެސެޖްކުރުމުން ބަލާލެވޭނެ އެވެ. އޭގެ އިތުރުން ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ބަލާލެވޭނެ އެވެ.
ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އީސީގެ 'ރީ-ރަޖިސްޓްރީޓޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް
އެ ފޯމު ހުށަހަޅާއިރު، ރަޖިސްޓްރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުން ކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ
'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ، ހަމަ އެކަނި ވޭރިފައިޑް އީފާސް އެކައުންޓަކުން؛ އެގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހޅާ މީހާގެ ފޮޓޯ އަދި އައިޑީކާޑި ކޮޕީ ހުށަހަލަން ނުޖެހޭނެ
އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންނަމަ، އީސީގެ ހޮޓްލައިން 1414އަށް ގުޅުއްވާ
އެނގުން މުހިންމު - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށަހެޅީ، ހަރަދު ކުޑަ ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އެވެ.
އިދިކޮޅުން ބުނާ ގޮތުގައި މިއީ، މި ސަރުކާރުން ދިގު މުއްދަތަކަށް ވެރިކަމުގައި ތިބުމަށް ހީލަތްތެރި ރޭވުމަކުން ކުރާ ކަމެވެ.
މި އިސްލާހު ތަސްދީގުކުުރެއްވުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އެގޮތުން:
މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި
ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް
އިސްލާހުގައިވާ ގޮތުން މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށް ކަމަށް؛ އެ މުއްދަތު ހަމަވުމުން މިހާރު އޮތް މަޖިލިސް އުވުނީ
ހިޔާލު ހޯދުމުގެ ވޯޓު ނަގާތީ ރީރަޖިސްޓްރޭޝަންއަށް އިތުރު ފުރުސަތެއް؛ އާދިއްތައަށް ހަމަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ