ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް، ބަގާވާތް ކުރެއްވި ކަމުގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
މި ހުކުމް އިއްވީ ޑިސެމްބަރު 2024ގައި އޭނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ގައުމުގެ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލަން އުޅުއްވި މައްސަލައިގަ އެވެ. މި މައްސަލައިގައި ޕްރޮސެކިއުޓަރުން އެދިފައިވަނީ ބަގާވާތުގެ މައްސަލަތަކުގައި އެ ގައުމުގެ ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ކަމަށްވާ މަރުގެ އަދަބު ދިނުމަށެވެ.
ހުކުމް އިއްވަވަމުން ފަނޑިޔާރު ޖީ ކުއީ-ޔޫން ވިދާޅުވީ، އޭރުގެ ޑިފެންސް މިނިސްޓަރު ކިމް ޔޮން-ހިޔުންއާ ގުޅިގެން ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ސިފައިން ފޮނުވުމަކީ ބަގާވާތުގެ އަމަލެއް ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން މަޖިލީހަށް ފޮނުވައި މީހުން ހައްޔަރުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ކިމް 30 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއިރު، ސަރުކާރުގެ އެހެން އިސް ބައެއް ބޭފުޅުންނަށް ވެސް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފަ އެވެ.
އުމުރުން 65 އަހަރުގެ ޔޫންގެ ވަކީލުން ވިދާޅުވީ ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރުމަށް ވިސްނަމުންދާ ކަމަށެވެ.
ޔޫން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ހުރަސް އެޅުންތައް ހުއްޓުވުމަށް ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. ހަ ގަޑިއިރަށް ދެމިގެންދިޔަ މި ހާލަތު ނިމުމަކަށް އައީ އާންމު ރައްޔިތުންގެ ބޮޑެތި އިހުތިޖާޖުތަކާއި މަޖިލީހުން އެކަމާ ދެކޮޅަށް ވޯޓު ދިނުމާ ގުޅިގެންނެވެ.
މިހާރުގެ ރައީސް ލީ ޖޭ މިޔުންގް ވަނީ އާންމު ރައްޔިތުން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މި ނަތީޖާއަކީ ދެކުނު ކޮރެއާގެ ރައްޔިތުން ޑިމޮކްރަސީގެ ހިމާޔަތުގައި ދެއްކި ނަމޫނާގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ