ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ޚިލާފުވުން އިތުރުވެއްޖެ؛ މިދިޔަ އަހަރު 38 މީހުން ހައްޔަރުކުރި
ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ޚިލާފުވި 38 މީހުން މިދިޔަ އަހަރު ހައްޔަރުކުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެ ޚިދުމަތުން ބުނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ނެރޭ ކޯޓު އަމުރުތަކާ ޚިލާފުވާ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެގެން ޖުމްލަ 99 މައްސަލައެއް ފުލުހަށް ހުށަހެޅިއެވެ. އެ މައްސަލަތަކާ ގުޅިގެން 38 މީހަކު ހައްޔަރުކުރިއިރު، އެ ފަދަ 24 މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅާފައެވެ. އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް: މިދިޔަ އަހަރު، ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ޚިލާފުވި 38 މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ޔޫއެންޑީޕީ ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރު ވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ. އެ ކަމުގެ މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި އެ މީހުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް ދިނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރާއްޖޭގައި ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ގިނައެވެ. ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނަކަން ތަފާސްހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ