ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް، ކުރީގެ އިންވެސްޓަރު އަދި ޖިންސީ ކުށްވެރިއެއް ކަމަށްވާ ޖެފްރީ އެޕްސްޓީންއަށް ހިއްސާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދެއްގައި ހުންނަ އެންޑްރޫ މައުންޓްބެޓަން-ވިންޑްސާގެ ގޭގައި ހުންނަވަނިކޮށް އިނގިރޭސި ފުލުހުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
ބީބީސީ އާއި ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޯފޯކްގައި ހުންނަ ސޭންޑްރިންހަމް އެސްޓޭޓްގެ ވުޑް ފާމަށް ފުލުހުންގެ ހަ އުޅަނދަކާއި އާދައިގެ ހެދުމުގައި ތިބި އަށް އޮފިސަރަކު ގޮސްފައިވެ އެވެ.
ތޭމްސް ވެލީ ފުލުހުން ވަނީ ނޯފޯކްއަށް ނިސްބަތްވާ އުމުރުން 66 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި ބާކްޝަޔާ އާއި ނޯފޯކްގެ ބައެއް ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހާ މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އުސޫލުތައް ހުންނަ ގޮތުން އޭނާގެ ނަން ހާމަނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެސިސްޓަންޓް ޗީފް ކޮންސްޓަބަލް އޮލިވާ ރައިޓް ވިދާޅުވީ، މި މައްސަލައިގައި ކުރެވޭ ތުހުމަތުތައް ފުރިހަމައަށް ދިރާސާކުރުމަށް ފަހު ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި މިއީ އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ މައްސަލައަކަށް ވާތީ، ތަހުގީގުގެ މިނިވަންކަމާއި އިތުބާރު ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ތޭމްސް ވެލީ ފުލުހުން މި މަހުގެ ކުރީކޮޅު ބުނެފައިވަނީ، އެމެރިކާ ސަރުކާރުން ދާދި ފަހުން އާންމުކުރި ލިޔެކިޔުންތަކެއްގައިވާ ގޮތުން، އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް އެޕްސްޓީންއާ ހިއްސާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޮއަކަށް ވިޔަސް އެޕްސްޓީންގެ މައްސަލައިގައި ޝާހީ އިނާޔަތްތަކާއި ލަގަބު ވެސް ކަނޑާލާފައިވާ އެންޑްރޫ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެޕްސްޓީންއާ އޮތް ގާތްކަމާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، އެންމެ ފަހުން ފެންމަތިވި މި ކަންތައްތަކާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން އޭނާ ވަނީ އުޒުރުވެރިވެފަ އެވެ.
ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި އެންޑްރޫ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ