ބޮޑު ބަންދުގައި އާންމު ބަލިތައް އާދަޔާ ޚިލާފަށް ގިނަ؛ ބޭރަށް ހިންގުމުގެ ކޭސްތަކަށް 86 ޕަސެންޓުގެ އިތުރުވުމެއް

މިދިޔަ ބޮޑު ބަންދުތެރޭ އަރިދަފުސް ރޯގާއާއި ޑެންގީހުމާއި ބޭރަށް ހިންގުން އާދަޔާ ޚިލާފަށް ރާއްޖޭގައި އިތުރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޑިސެންބަރު މަހު ބޭރަށް ހިންގައިގެން 3،405 މީހަކު ރިޕޯޓުކުރިއިރު، މިދިޔަ ޖަނަވަރީ މަހު އެ އަދަދު ވަނީ އޭގެ ގާތްގަނޑަކަށް ދެގުނަ ބޮޑުވެފައެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހު 7،792 މީހަކު ބޭރަށް ހިންގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމުގެ 4183 ކޭސްއެވެ. އެހެންކަމުން، އެ މުއްދަތާ އަޅައިބަލާއިރު މިދިޔަ ޖަނަވަރީ މަހު ކޭސްތައް ވަނީ 86 ޕަސެންޓް އިތުރުވެފައެވެ. އޭގެ އިތުރުން، ޑެންގީހުން ޖެހިގެން މިދިޔަ ޑިސެންބަރު މަހު 424 މީހަކު ރިޕޯޓުކުރިއިރު، މިދިޔަ ޖަނަވަރީ މަހު 647 މީހަކު ރިޕޯޓުކުރިއެވެ. އެއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އޭގެ ކުރީ އަހަރުގެ ޑިސެންބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންނަށްވުރެ ހަ ގުނަ ބޮޑު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ޑެންގީހުން ޖެހިގެން 103 މީހަކު ރިޕޯޓުކުރިއިރު، އޭގެ ކުރީ އަހަރުގެ ޑިސެންބަރު މަހު ޑެންގީހުން ޖެހިގެން 69 މީހަކު ރިޕޯޓުކުރިއެވެ. އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި މީހުންގެ އަދަދު، ޑިސެންބަރު މަހާ އަޅައިބަލާއިރު އިތުރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖަނަވަރީ މަހަށް ވުރެ މި އަހަރުގެ ޖަނަވަރީ މަހު ކޭސްތައް މަދެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހު 34،840 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، މިދިޔަ ޑިސެންބަރު މަހު 29،461 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު 38،799 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، އޭގެ ކުރީ އަހަރުގެ ޑިސެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރީ 30،590 މީހުންނެވެ. އައިޖީއެމްއެޗް ކުރިމަތި: ބޮޑު ބަންދުގައި އާންމު ބަލިތައް އާދަޔާ ޚިލާފަށް އިތުރުވި -- ފޮޓޯ/ މާނިއު މުހައްމަދު އެޗްޕީއޭއިން ބުނީ، އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން މިދިޔަ ޖަނަވަރީ މަހު 791 މީހަކު ޓެސްޓުކުރި ކަމަށާއި، އޭގެ ތެރެއިން އިންފްލުއެންޒާއަށް 96 މީހަކު ފައްސިވި ކަމަށެވެ. މިދިޔަ ޑިސެންބަރު މަހު 560 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކުރިއިރު، 152 މީހަކު ފައްސިވިކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ޑިސެންބަރު މަހު 26ގައި ފެށި ސްކޫލް ޗުއްޓީއަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ މިދިޔަ މަހުގެ 27ގައެވެ. އެ މުއްދަތުގައި ގިނަ ބަޔަކު އެތެރެއާއި ބޭރުގެ ގިނަ ދަތުރުތައް ކޮށްފައިވާއިރު، ގިނަ އަދަދެއްގެ މީހުން އުމްރާއަށް ވެސް ގޮސްފައިވެއެވެ. އުމްރާއަށް ފަހު މީހުން އެނބުރި އަންނަ ދުވަސްވަރު އާންމުކޮށް ބަލިތައް އިތުރުވެއެވެ. އެޗްޕީއޭއިން ވަނީ ޑެންގީހުމާއި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާއާއި ބޭރަށް ހިންގުމުން ރައްކާތެރިވާން އަޅަންވީ ފިޔަވަޅުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން ޑެންގީހުމުން ރައްކާތެރިވުމަށް މަދިރި ލޯޝަނާއި ސްޕްރޭ ބޭނުންކުރުމަށާއި، ފަތިސް ވަގުތާއި އިރު އޮއްސޭ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ހުސް ފުޅި ފަދަ ފެން ހަރުލާ ތަކެތި މަގުމައްޗަށް އުކާނުލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޑެންގީހުން ޖެހިއްޖެނަމަ ދިޔާތަކެތި ގިނަގިނައިން ބޭނުންކޮށް، ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން އެދެއެވެ. ހަމަ އެހެންމެ، އަރިދަފުހާއި އިންފްލުއެންޒާއިން ރައްކާތެރިވާން ބޭނުންނަމަ، ކެއްސައި ކިނބިހި އަޅާއިރު ޓިޝޫ ބޭނުންކުރުމަށާއި، ސައިބޯނި ލައިގެން އަތްދޮވުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ހިންގުމުން ރައްކާތެރިވާން ބޭނުންނަމަ ކާބޯތަކެތި ރައްކާކުރަނީ ސާފުތާހިރު ތަނެއްގައިތޯ ކަށަވަރުކޮށް، ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ރަނގަޅަށް ސާފުކުރަންވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ