ރާއްޖެއަށް ތެޔޮ ސަޕްލައި ކުރާ އޮމާންގެ ސަލާލާހް ބަނދަރުގައި ތެޔޮ ރައްކާ ކުރާ ޓޭންކުތަކަށް ހަމަލާދީ ރޯކޮށްލާފައިވާ ކަމަށް އޮމާންގެ ރަސްމީ ނޫސް އޭޖެންސީން ބުނެފި އެވެ.
އޮމާންގެ ސިވިލް ޑިފެންސްއާ ހަވާލާދީ އެ ގައުމުގެ ނޫސް އޭޖެންސީން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
އޮމާންގެ ދައުލަތުގެ ޓީވީން ބުނީ ޑްރޯންތަކުން ހަމަލާދީފައި ވަނީ އެ ބަނދަރުގައި ހުރި ތެޔޮ ޓޭންކުތަކަށް ކަމަށެވެ. ނަމަވެސް އޮމާންގެ ރަސްމީ ނޫސް އޭޖެންސީން ބުނީ ތެލުގެ ސަޕްލައި އަދި ޕެޓްރޯލިއަމް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ ފާމް އެމްބްރޭ އިން ބުނީ އޮމާންގެ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނަށް ގެއްލުން ދީފައިވާ ކަމަށެވެ. ނަމަވެސް އެމްބްރޭ އިން ބުނީ ވިޔަފާރި އުޅަނދުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މާސްކުން އިއްޔެ ބުނީ އޮމާންގެ ސަލާލާހް ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލާފައިވާ ކަމަށެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އޮމާންގެ ސުލްތާނަށް ފޯނުން ގުޅުއްވައި ވިދާޅުވީ ސަލާލާހް ބަނދަރުގައި ހިނގި ހާދިސާ ތަހުގީގު ކުރައްވާނެ ކަމަށެވެ.
އޮމާންގެ ރަސްމީ ނޫސް އޭޖެންސީން ބުނީ އެ ފޯން ކޯލްގައި ސުލްތާން ވަނީ އޮމާންގެ ބަނދަރަށް ދިން ހަމަލާގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި އެކަން ކުށްވެރި ކުރައްވާފައި ކަމަށެވެ.
ރާއްޖެއަށް ތެޔޮ ސަޕްލައި ކުރާ އޮމާންގެ ތެޔޮ ރައްކާ ކުރާ ޓޭންކްތަކަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ