ޤުރުއާނާއި މިސާލު: އަނދަމުން ދާ އަލިފާންގަނޑު

ސޫރަތުލް ބަޤަރާގެ 17 ވަނަ އާޔަތުގައި ﷲ މިސާލެއް ޖައްސަވަ އެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަ އެވެ: "އެމީހުންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެން ތިބި ބަޔެއްގެ މިސާލެވެ. އެ އަލިފާންގަނޑު، އެމީހުންގެ ވަށައިގެންވާ ތަނަށް އަލިކޮށްލި ހިނދު، ﷲ އެމީހުންގެ (އަލިފާންގަނޑުގެ) އަލިކަން ގެންދަވައި އެމީހުންނަށް އެއްޗެއް ނުފެންނަ ފަދަ އަނދިރިތަކެއްގެ ތެރެޔަށް އެމީހުން ދޫކުރެއްވި އެވެ."
މި މިސާލު ދެނެގަތުމަށްޓަކައި ބަޤަރާ ސޫރަތް ބާވައިލެއްވިއިރުގެ ހާލަތަށް ބަލަން ޖެހެ އެވެ. ﷲ މި ސޫރަތް އަމާޒުކުރައްވަނީ ތިން ބަޔަކަށެވެ. އެއީ އީމާންވި މީހުންނާއި ކާފިރުވި މީހުންނާއި މުނާފިގުންނެވެ. މި ސޫރަތް ބާވައިލެއްވިއިރު ކާފިރުންނަށް ވުރެ މުނާފިގުންގެ އުނދަގުލާއި ދުއްތުރާ މާ ބޮޑެވެ. އެމީހުން ހުރިހާ ނުބައެއް ހަދަމުން ދިޔައީ މުސްލިމުންގެ ގޮތުގައި ތިބެ އެވެ. މުނާފިގުންގެ ތެރޭގައި ގިނައީ ކުރިން ޔަހޫދީންގެ ގޮތުގައި މަދީނާގައި އުޅުނު މީހުންނެވެ. މުނާފިގުންގެ ހާލަތު ހުރީ ބަނީ އިސްރާއީލްގެ މީހުން ފަދައިންނެވެ. މައްކާގެ މުޝްރިކުންނަށް ވުރެ ވެސް މި މީހުންގެ ނުރައްކާ މާ ބޮޑެވެ. މައްކާގެ މުޝްރިކުންގެ ހާލަތު ހުރީ ފިރުއައުނު ފަދައިންނެވެ.
މައްކާއެކޭ އެއްގޮތަށް މަދީނާގެ މީސްތަކުން ވެސް ތަފާތު ގަބީލާތަކަށް ބެހުނެވެ. އެގޮތުން މަދީނާގައި ސާދަ ގަބީލާ އޮތެވެ. އޭގެ ތެރެއިން ދެ ގަބީލާ ފާހަގަކޮށްލެވެ އެވެ. އެއީ އައުސް ގަބީލާ އާއި ހަޒްރަޖު ގަބީލާ އެވެ. މި ދެ ބައި މީހުން އިސްވެ ހުރިހާ ގަބީލާތައް ގުޅިލާމެހޭ މަރުކަޒީ ސަރުކާރެއް އެކުލަވާލަން މަސައްކަތްކުރި އެވެ. އަދި އެމީހުންގެ ރަސްކަލަކަށް ޢަބުދުﷲ އިބުނު އުބައްޔު ހަމަޖައްސަން އެމީހުން އުޅުނެވެ. މިކަން ހިނގީ ރަސޫލުﷲ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިންނެވެ.
ޔަހޫދީންނަށް ބަލާއިރު އެމީހުން މަދީނާގައި ތިބީ ބަނީ އިސްރާއީލްގެ ގޮތުގަ އެވެ. ބަނީ އިސްރާއީލަކީ ޔައުގޫބުގެފާނުގެ ދަރިފަސްކޮޅެވެ. އިބުރާހީމްގެފާނުގެ ދުއާ އިޖާބަކުރައްވައި، އެކަލޭގެފާނަށް ފަހު ﷲ ހުރިހާ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވީ އެކަލޭގެފާނުގެ ދަރިފަސްކޮޅުންނެވެ. އެގޮތުން ބަނީ އިސްރާއީލުގެ އެންމެ ފަހުގެ ރަސޫލަކީ އީސާ ޢަލައިހިއްސަލާމް އެވެ. ޔަހޫދީންނަކީ ބަނީ އިސްރާއީލް މީހުންގެ ތެރެއިން އެމީހުން އުފަންކުރި ދީނެކެވެ. ޔަހޫދީ އިލްމުވެރިންނަށް ހޯދުނު ގޮތުގައި ދެން ފޮނުއްވާނީ އެންމެ ފަހުގެ ނަބިއްޔާ އެވެ. އަދި އެ ނަބިއްޔާ ފޮނުއްވާނީ މަދީނާ އޮތް ސަރަހައްދަށެވެ. އެހެންވެ އެންމެ ފަހުގެ ރަސޫލާއަށް ވުމުގެ ފޮނި އުންމީދުގައި ޔަހޫދީންގެ ތެރެއިން ބަޔަކު މަދީނާއަށް ހިޖުރަކުރި އެވެ. އެމީހުން ގަބޫލުކުރި ގޮތުގައި އެންމެ ފަހުގެ ނަބިއްޔާ އެމީހުންނަށް ނަސްރާއި ކާމިޔާބު ހޯއްދަވައި ދެއްވައި އެމީހުން އެކަތިގަނޑަކަށް ހައްދަވާނެ އެވެ.
ޔަހޫދީން ދުށް ގޮތުގައި އެންމެ ފަހުގެ ނަބިއްޔާ ފޮނުއްވާނީ އެމީހުންގެ ތެރެއިންނެވެ. ޔަހޫދީން ހިމެނޭ ގޮތަށް މަދީނާގެ ހުރިހާ ގަބީލާތަކުން އެދިއެދި ތިބީ އެމީހުން އެކަތިގަނޑަކަށް ހަދައިގެން ވެރިކަން ކުރާނެ ބޭކަލަކަށެވެ. އެކަމަކު އެބިމަށް އުފަންނުވާ މީހަކަށް އެ ފުރުސަތު އޮތުމަކީ އެންމެ ހަމަޖެހޭ ގޮތް ކަމަށް އެމީހުންގެ ތެރެއިން ބައެއް މީހުންނަކަށް ނުފެނުނެވެ. ރަސޫލުﷲ އަކީ މަދީނާއަށް ހިޖުރަކުރެއްވި ބޭރު ރަށެއްގެ ބޭކަލެކެވެ. ޔަހޫދީން، އެކަލޭގެފާނު ގަބޫލުނުކުރީ އެކަލޭގެފާނު އެމީހުންގެ ތެރެއިން ނުވުމުންނެވެ. މި މިސާލު އަމާޒުވާ މީހުންގެ ތެރޭގައި ކާފިރުވި މީހުންނާއި މުނާފިގުން ހިމެނެ އެވެ. މުނާފިގުންނަކީ ކުރިން ބަނީ އިސްރާއީލް މީހުން ކަމަށް ދައުވާކުރި މީހުންނެވެ.
ސަހަރާގައި ބަޔަކު އަލިފާންގަނޑެއް އަންދާނީ ދެ ބޭނުމެއްގަ އެވެ. އެއީ ގެއިން ބޭރުގައި ޔައުނީ ސަހަރާގައި ރޭގަނޑުގެ ވަގުތުގައި އަލިކުރުމަށާއި ފިނި މޫސުމުގައި ހޫނުކަން ހޯދުމަށެވެ. މަދީނާގެ ޔަހޫދީން ތިބީ އެމީހުންނަށް މަގުދައްކާނެ އެންމެ ފަހުގެ ނަބިއްޔާގެ އިންތިޒާރުގަ އެވެ. މަދީނާގެ އެހެނިހެން ގަބީލާތައް އިންތިޒާރުކުރަމުން އައީ އެމީހުން އެކަތިގަނޑަކަށް ހަދައި މަގުދައްކާނެ ވެރިޔަކަށެވެ. ރަސޫލުﷲ ވަޑައިގަނެ ﷲގެ އާޔަތްތައް ކިޔަވައި ވިދާޅުވުމުން މަދީނާގެ މީސްތަކުންނަށް އަލިކަން ލިބި ހޫނުކަން ލިބެން ޖެހެ އެވެ. އެމީހުންނަށް ވެރިޔަކު ލިބި ތެދުމަގު ލިބެން ޖެހެ އެވެ.
ވިސްނާލަން ހިނގާށެވެ. ޖިބުރީލް ޢަލައިހިއްސަލާމް ވަޑައިގެން ރަސޫލުﷲގެ ހިތްފުޅަށް ދެއްވަމުން ގެންދެވި ﷲގެ ކަލާމްފުޅަކީ ނޫރު ނުވަތަ އަލިކަމެވެ. އެ ނޫރުން ކުރިކަމަކީ އިންސާނާއަށް ތެދުމަގު ދެއްކުމެވެ. ސަހަރާގައި މަގު ގެއްލި ގަދަ ފިނީގައި ތިބި ބަޔަކަށް އަލިފާންގަނޑެއް ރޯކުރުމުން އެމީހުން އެއަށް ދިނީ ފުރަގަހެވެ. މިއީ ކާފިރުވި މީހުންނާއި މުނާފިގުންގެ ހާލެވެ. އެންމެ ފަހުގެ ނަބިއްޔާ ފެނި އެކަލޭގެފާނާ އެކުގައި އުޅެން ފުރުސަތު ލިބުމަށް ވުރެ ބޮޑު ނަސީބެއް އިންސާނަކަށް ނުލިބޭނެ އެވެ. ﷲ، އެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުމުން ވެސް އެކަމުގެ ފައިދާ ލިބިނުގަތް މީހުން މި މިސާލުން އަންގައިދެ އެވެ. ކާފިރުވި މީހުންނާއި މުނާފިގުންނަށް ޖެހުނު ދަތުރުގެ ބޮޑު ހިތާމަ މި މިސާލުން ސާފުވެ އެވެ. މި މިސާލުން ލިބޭ އެއްފިލާވަޅަކީ ކިތަންމެ ރަނގަޅު ބަޔަކާ އެކު އުޅޭ މީހަކު ވެސް އަނދިރިކަމުގައި ހުރެދާނެކަމެވެ. މާނަޔަކީ އެމީހާ ތަދުމަގުން އެއްކިބާވެފައި ހުރެދާނެކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ