އަމިއްލަ ނަފްސުގެ ދިފާއުގައި އީރާން ދޭ ހަމަލާތައް ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

ނިޔުޔޯކް (12 މާޗް 2026) : އީރާނުން ގަލްފުގެ އަރަބި ގައުމުތަކާއި އުރުދުން އަށް އެއްވެސް ސަބަބެއްނެތި އުދުވާނީ ހަމަލާތަކެއް ދެމުން ގެންދާކަމަށް ބުނެ އެ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ. މި ގަރާރު ހުށަހެޅީ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މައިމަރުކަޒު ހުންނަ އަދި އެމެރިކާ ގެ ހިމާޔަތުގައި އުޅޭ ގަލްފުގެ ކުޑަ ގައުމެއްކަމަށްވާ ބަހްރައިން އިންނެވެ. މި ގަރާރަށް ތާއީދުކުރީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އަރަބި ގައުމުތައް ކަމަށްވާ ކުވައިތު، ގަތަރު، ޔޫއޭއީ، ސައޫދީ އަރަބިއާ އަދި އުރުދުން އިންނެވެ. މިގަރާރު ފާސްކޮށްފައިވަނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 13 ގައުމުގެ ވޯޓުންނެވެ. ރަޝިއާ އާއި ޗައިނާ މިގަރާރަށް ވޯޓެއް ނުދެއެވެ. އެއީ މި ގަރާރުގައި މައްސަލައިގެ އަސްލުކަމަށްވާ އެމެރިކާ އާއި އިސްރާއީލުން ހައްގުން އެއްވެސް ކަމަކާނުލައި އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް އީރާނަށް އިސްވެ ހަމަލާދީ އީރާނުގެ އިސްވެރިން ޝަހީދުކޮށް ސްކޫލްތައްފަދަ މަދަނީ ތަންތަނަށް ހަމަލާދީ ގަތުލުއާންމުތައް ހިންގާއިރު މިގަރާރުގައި އެކަމަށް އިޝާރާތްވެސް ކުށްވެރިކޮށްފައި ނުވާތީ މިއީ އިންސާފުވެރި ގަރާރެއްކަމަށް އެދެގައުން ނުދެކޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގަރާރުގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް އެއްވެސް ކަމެއް ކުރަމުންގެންދާކަންވެސް ބަޔާން ކޮށްފައި ނުވެއެވެ. މިގަރާރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ގަތަރުގެ މަންދޫބާ އައްޝައިޚާ އަލްޔާ އާލު ޘާނީ ވިދާޅުވީ އީރާނުން އެއްވެސް ސަބަބެއްނެތި އޭނާގެ ގައުމަށް އުދުވާނީ ހަމަލާތައް ދެމުން ގެންދާކަމަށާ އެކަން ހުއްޓާލަން ޖެހޭ ކަމުގައެވެ. ސައޫދީ އަރަބިޔާގެ މަންދޫބު އަބްދުލްއަޒީޒް އަލްވާސިލް ވަނީ އީރާނަކީ އަވަށްޓެރި ގައުމުތަކަށް އިހުތިރާމް ނުކުރާ އަދި އަވަށްޓެރި ގައުމުތަކަށް އިސްވެ ހަމަލާދޭ ގައުމެއްކަމަށް ސިފަކުރައްވާފައެވެ. ޔޫއޭއީ ގެ މަންދޫބު މުހައްމަދު އަބޫ ޝިހާބު ވަނީ އީރާނުގެ އުދުވާނުގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ޔޫއޭއީ އަށާއި ގަލްފުގެ އެހެން ގައުމުތަކަށްވެސް އޮންނާނެކަމަށް ވިދާޅުވެފައެވެ. ކުވައިތުގެ މަންދޫބު ނާސިރުލް ހައިނު ވަނީ އީރާނުގެ އުދުވާން އާ ދެކޮޅަށް ކުރަންޖެހުނު ކޮންމެ ކަމެއް ހިއްވަރާއެކު ކުވައިތުން ކުރަމުން ގެންދާކަމަށާ އަދި ކުރާނެކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ މަންދޫބު ވަނީ މި ގަރާރަކީ އީރާނުގެ ހަރުކަށި ކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ދެވޭ ވަރަށް ވަރުގަދަ މެސެޖެއްކަމަށް ސިފަކުރައްވާފައެވެ. އަދި އީރާނުގެ އުދުވާނުގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ގަލްފުގެ ގައުމުތަކާއި އުރުދުން އަށް ލިބިގެންވާކަން މިގަރާރު ކަށަވަރުކޮށްދޭ ކަމަށްވެސް އެމެރިކާގެ މަންދޫބު ވިދާޅުވިއެވެ. އީރާން ވަނީ މިއީ ވަރަށް ބޭއިންސާފު ގަރާރެއްކަމަށް ސިފަކޮށްފައެވެ. އދ. ގައި ހުންނަވާ އީރާނުގެ މަންދޫބު ވިދާޅުވީ ބޭއިންސާފާއި އަނިޔާވެރިކަމާއި ހަގީގަތް އޮޅުވާލުމުގެ ކުރިމަތީގައި އޭނާގެ ގައުމު ކުޑަކަކޫ ނުޖަހާނެކަމަށް ވިދާޅުވެފައެވެ. އީރާނުގެ މަންދޫބު އާމިރު ސާއިދު ވަނީ ގަލްފުގެ ގައުމުތަކާއި އުރުދުން އާ ދެކޮޅަށް އީރާނުން ހަމަލާ ނުދޭކަމަށާ ހަމަލާދެނީ އެގައުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތު ތަކަށް ކަމަށް ވިދާޅުވެފައެވެ. އދ. އިން ވަކިކޮޅަކަށް ޖެހި ގަރާރުތައް ފާސްކުރި ނަމަވެސް އަމިއްލަ ނަފްސުގެ ދިފާއުގައި އީރާން ދެމުންގެންދާ ރައްދު ހަމަލާތަކަށް ކުޑަވެސް ބަދަލެއް ނާންނާނެކަމަށް އީރާނުގެ މަންދޫބު ވިދާޅުވިއެވެ. "ބޭއިންސާފުން ކުރާ އެއްވެސް ކަމެއް ކާމިޔާބު ނުވާނެ އަދި އެއިން ނަތީޖާ އެއްވެސް ނުނުކުންނާނެ" އީރާނުގެ މަންދޫބު ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ އުދުވާނީ ހަނގުރާމައިގާ ގަލްފުގެ އަރަބި ގައުމުތަކާއި އުރުދުން ގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ބޭނުންކުރަމުން ގެންދާކަމަށް އީރާނުން ބުނާއިރު އެމެރިކާވެސް ވަނީ އެކަން ކަށަވަރުކޮށްދޭ ފަދަ ބަޔާންތައް ދީފައެވެ. އީރާނަށް ޖާސޫސުކުރުމާއި އީރާނުގެ މިސައިލްތައް ޑިޓެކްޓް ކުރުމަށާއި ސައިބާ އެޓޭކް ދިނުންފަދަ ކަންކަމުގައި ގަލްފުގައިވާ އެމެރިކާ ގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރަމުން ގެންދާކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ބަޔާންތަކުން ވަނީ ހާމަވެފައެވެ. އީރާން ވަނީ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ 17 އަސްކަރީ ބޭސް އެއްކޮށް ކަހަލަ ގޮތަކަށް ފުނޑާލައި އެތަންތަނުގައިވާ ރާޑަރުތައް ފަދަ ވަސީލަތްތައް އަންދާލާފައެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުށްވެރި ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ހުރިހާ ގަރާރުތަކެއް އެމެރިކާ ވަނީ ޚުދުމުޚުތާރު އުސޫލުން ވީޓޯގެ ބޭނުންކޮށްގެން ހުއްޓުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ