ނަމާދުގަ ޚުޝޫޢަތްތެރިވާން މަސައްކަތްކުރަން ފަށަން އޮތީ ކިހާ ހިސާބަކުންތަ؟

އިމާމް މީހާ ޤަމަތް ދިނުމުން ގިނަ ބައަކު ތެދުވަނީވެސް އެހެން މީހުން ތެދުވާތީއެވެ. ތެދުވާތަން ފެނުމުންނެވެ. އެހެންވީމާ އެހިސާބުންވެސް އެމީހާ އެބަ ފޭލްވެއެވެ. ފޭލްވާން ބޭނުން ނޫން ނަމަ ސަމާލުކަންދީގެން ތެދުވާށެވެ! ހިތްވަރާ ޖޯޝާއެކު ތެދުވާށެވެ!  
މިބުނަނީ ބައެއް މީހުން ނަމާދަށް ފަށާއިރު ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރަން ފަށާވާހަކައެވެ. ނަމާދާއި ދުރު ޚިޔާލުތަކުގައި ހުރެގެން ނަމާދަށް ފަށާވާހަކައެވެ. އަވަސް އަރުވާލައި ދޭންޖެހޭ ސަމާލުކަން ނުދީވެސް ތަކްބީރް ކިޔައި ޙަރަމް ބަނދެވެއެވެ. އެހެން އެކަން ނުކުރާށެވެ! ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނީ ރަނގަޅު ފެށުމަކުން ފަށައިގެންނެވެ. ޝައިޠޯނާ ފައްސައި ދުރަށް ފޮނުވަމުން ނަމާދުކުރުމުންނެވެ.  
ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ އެކަމަކަށް ދޭންޖެހޭ ސަމާލުކަންދީގެން ކުރުމުންނެވެ. ފުރަތަމަ ކަމަކަށްވެސް އެކަމަކަށް ދޭންޖެހޭ ސަމާލުކަންދީގެން އެކަމެއް ކުރަން ފެށުމުންނެވެ. އެގޮތުން ނަމާދު ކުރުމުގައިވެސް އޮތީ ހަމައެގޮތެވެ.  
ނަމާދުގެ ޖަމާއަތް ފެށާފައިވުމުން ނަމަވެސް، ކިތަންމެ އަވަހަކަށް ޔަކްބީރްކިޔައި ޙަރަމް ބަން ނަމަވެސް ނަމާދަށް ހުއްޓުމާއިއެކު މިހުއްޓުނީ ނަމާދަށްކަމާއި ﷲ ތަޢާލާގެ ޙަޟްރަތުގައިކަން ހިތަށް ގެންނާށެވެ. އަދި ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަންވެސްމެއެވެ. އެއަށްފަހު އަޢޫޛް ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށްފަހު ޙަރަމް ބަންނާށެވެ!  
އެކަންކަމަށް ހޭދަވާ ފަޅި ސިކުންތުކޮޅަށްވުރެ އެކަންކަން ނުކޮށް އަވަސް އަރުވާލައި، ތެޅިފޮޅެގަނެގެން ޙަރަމްބަނުމުން ލިބޭދެރަ މާބޮޑުވާނެއެވެ. ޝައިޠޯނާ ތިބާ ވަށާލައިފާނެއެވެ. ހިތަށްވެރިވެގެންފާނެއެވެ. އެޙާލަތުގައި ކުރާ ނަމާދަކީ ބޭކާރު ނަމާދަކަށްވުން އޮތީ ކައިރިއެވެ.  
ނަމާދުގައި ޚުޝޫޢަތްތެރި ނުވެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. ވީމާ ޝައިޠޯނާ ފައްސައި ދުރައްޖައްސާނުލައި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. މިސާލަކަށް ބުނާނަމަ ގިނަ ބައަކަށް އަލްޙަމްދުގެ މާނައެނގެއެވެ. ނަމަވެސް ސުވާލަކީ ކިޔަވާއިއރު ހިތްމައްޗަށް މާނަ ގެނެވޭ ހެއްޔެވެ؟ ނުގެނެވޭ އެންމެ ބޮޑު ސަބަބަކީ ޝައިޠޯނާގެ ވަސްވާސްތަކެވެ. ވީމާ އޮތީ ރައްކައުތެރިވާން މަސައްކަތްކުރުމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ