ޕާކިސްތާނަށް އިތުބާރެއް ނުކުރަން، އެއީ ހަމައެކަނި މެދުވެރިއެއް: އިސްރާއީލް

ޕާކިސްތާނަށް އިތުބާރެއް ނެތް ކަމަށާއި، އެއީ ހަމައެކަނި މެދުވެރިއެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު އިސްލާމްއާބާދުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކުގެ ކުރިން، އިސްރާއީލުން ޕާކިސްތާނާ މެދު އޮތް ބޮޑު ނުތަނަވަސްކަން ހާމަކޮށް، އިންޑިއާގައި ހުންނަ އިސްރާއީލުގެ ސަފީރު ރޫވެން އަޒާރު ބުނީ، އިސްރާއީލުން ޕާކިސްތާނަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށާއި، އެމެރިކާއިން ވެސް ޕާކިސްތާނަކީ ހަމައެކަނި ކަންކަން ފަސޭހަކޮށްދޭ މެދުވެރިއެއްގެ ގޮތުގައި ބަލާ ކަމަށެވެ.
ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ޕާކިސްތާނުން ކުށްވެރިކުރުމާ ގުޅިގެން އަޒާރު ބުނީ، އިސްރާއީލުގެ ދިފާއުގައި ކުރަންޖެހޭ ކަންކަން އެ ގައުމުން ކުރަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޕާކިސްތާނުގެ ސިފައިން ބައިވެރިވުމަށް އިސްރާއީލުން ދެކޮޅު ހަދާ ކަމަށާއި، ލަޝްކަރޭ ތައިބާ ފަދަ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތަކާ ހަމާސްއާ ގުޅުން އޮންނަ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.
މި ދަނޑިވަޅުގައި އީރާނުން ބުނެފައިވަނީ އިސްރާއީލުން ލުބުނާނަށް ހަމަލާދީ، އެމެރިކާއާއި އީރާނާ ދެމެދު އޮތް ވަގުތީ ސުލްހައަށް ހުރަސް އަޅަމުންދާ ކަމަށެވެ. ނަމަވެސް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، ލުބުނާނަކީ މި އެއްބަސްވުމުގެ ބައެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ