ގުދުރަތީ މާހައުލެއްގައި ހޭދަކޮށްލާ އެންމެ 20 މިނެޓުން ވެސް ސިއްހަތަށް އެތަކެއް ފައިދާތަކެއް

ބަގީޗާއެއްގައި ހިނގާލުމުން ނުވަތަ ގަސްތަކުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ހިތަށް ހަމަޖެހުން ލިބޭކަން އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭނަމަ، އެއީ ހަމައެކަނި ހީވާ ހީވުމެއް ނޫނެވެ. އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ބަޔޮލޮޖީއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމަށް ދިރާސާވެރިންގެ ހޯދުންތަކުން މިވަނީ ހާމަވެފައެވެ. ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަކޮށް އެ މާހައުލުތަކުން ހިތަށާއި ސިކުނޑިއަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަމަކީ ހަށިގަނޑުގެ އެތެރޭގެ ނިޒާމުތަކަށް މިންކުރެވޭ ފަދަ ބަދަލުތަކެއް ގެނުވާ ކަމެކެވެ. އޭގެ ތެރޭގައި ސްޓްރެސް ހޯމޯންތައް ދަށްވުމާއި، ލޭގެ ޕްރެޝަރު ރަނގަޅުވުމާއި، އަދި ބަނޑާއި ގޮހޮރުގެ ސިއްހަތު ރަނގަޅުވުން ހިމެނެއެވެ. މި ފައިދާތައް ހޯދުމަށްޓަކައި އެތައް ގަޑިއިރަކު ހިނގާކަށް ނުޖެހެއެވެ. އެންމެ ބޮޑު ފައިދާއެއް ކުރަނީ އެންމެ 20 މިނެޓުންނެވެ. އެހެންކަމުން، ހަފުތާއަކު މަދު ފަހަރަކު ނަމަވެސް ބަގީޗާއެއްގައި ހިނގާލައި، އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނުމަކީ ވެސް ހަށިގަނޑާއި ސިކުނޑިއަށް ނުހަނު ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ. ގުދުރަތީ މާހައުލުން ސިއްހަތަށް ފައިދާކުރާ މައިގަނޑު ހަތަރު ގޮތެއް ބަޔާންކޮށްލާނަމެވެ. ގުދުރަތީ މާހައުލެއްގައި ހޭދަކޮށްލާ ކޮންމެ މިނެޓަކީ ވެސް އަޅުގަނޑުމެން ފަހުން އަމިއްލަ ނަފުސަށް ޝުކުރުވެރިވާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް 1. ނޭނގި ހުރެވެސް ހަށިގަނޑަށް ލުއިކަން ލިބުން: ފެހިކަން ގަދަ ގަސްތަކާއި، ގަސްގަހާގެހީގެ މީރުވަހާއި، ފަތްތަކުގެ މެދުގައި ވައިރޯޅި ދަތުރުކުރާ އަޑާއި ދޫނި ސޫފާސޫފީގެ މިއުޒިކީ އަޑުތައް އިވުމުން، ހަށިގަނޑުގެ އޮޓޮނޮމިކް ނާވަސް ސިސްޓަމް ވަގުތުން އެކަމަށް އިޖާބަދެއެވެ. މިކަން ކައިރީގައި ހުންނަ ކުޑަ ބަގީޗާއަކަށް ދިއުމުން ވެސް ތަޖުރިބާ ކުރެވިދާނެއެވެ. އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ކެތީ ވިލިސް ވިދާޅުވާ ގޮތުގައި، ގުދުރަތީ މާހައުލެއްގައި ހުރުމުން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ވިންދު ޖަހާ މިންވަރު މަޑުޖެހި، މުޅި ހަށިގަނޑަށް ފިޒިއޮލޮޖިކަލް ގޮތުން ހަމަޖެހުން ލިބެއެވެ. އިނގިރޭސިވިލާތުގައި 20,000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ހަފުތާއަކު މަދުވެގެން 120 މިނެޓު ގުދުރަތީ މާހައުލެއްގައި ހޭދަކުރާ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އެނޫން މީހުންނަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅެވެ. 2. ހޯމޯންތަކުގެ މިންވަރު ހަމަޖެހުން: ގުދުރަތީ މާހައުލެއްގައި ވަގުތު ހޭދަކުރުމުން، ހަށިގަނޑުގެ ހޯމޯންތައް އުފައްދާ ނިޒާމު މަސައްކަތްކުރާ ގޮތަށް ހެޔޮ ބަދަލެއް ގެނެސް ހާސްކަމާއި ފިކުރުބޮޑުވުމުން މީހާ ދުރުކޮށްދެއެވެ. ދިރާސާއަކުން ދެއްކި ގޮތުގައި، ވަކި ބާވަތެއްގެ ގަސްތަކުން ނެގޭ ތެލުގެ ވަސް (ހިނޯކީ އޮއިލް) ބޭނުން ކުރުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހިމެނޭ ވައިރަސްއާ ހަނގުރާމަކުރާ ސެލްތައް އިތުރުވެ، އެކަމުގެ އަސަރު ދެ ހަފުތާ ވަންދެން ހަށިގަނޑުގައި ހުރެއެވެ. ޕްރޮފެސަރ މިންގް ކުއޯ ވިދާޅުވާ ގޮތުގައި، ގުދުރަތީ މާހައުލަކީ ހަށިގަނޑުގައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައިދީ، ވަރުގަދަކުރަންޖެހޭ ދިފާއީ ބާރުތައް ވަރުގަދަކޮށްދޭ ވަސީލަތެކެވެ. 3. ވަސް ބެލުމަކީ ބާރުގަދަ ހިއްސެއް: ގުދުރަތީ މާހައުލު ފެނުމާއި އަޑުއިވުމެކޭ އެއްފަދައިން، ގަސްގަހާގެއްސާއި ފަސްގަނޑުން ދުވާ ވަހަކީ ވެސް ނުހަނު ބާރުގަދަ އެއްޗެކެވެ. ގަސްތަކުން ބޭރުކުރާ ބައެއް މޮލިކިއުލްތައް ނޭވާލުމުގެ ތެރެއިން ލޭގެ ތެރެއަށް ދަތުރުކުރެއެވެ. މިސާލަކަށް، ޕައިން ފޮރެސްޓްގައި ހުންނަ ގަސްތަކުގެ ވަހުން އެންމެ 90 ސިކުންތުގެ ތެރޭގައި ހަށިގަނޑަށް ހިތްހަމަޖެހުން ލިބިދެއެވެ. މިއީ ހަމައެކަނި ބޮޑެތި މީހުންނަށް އިހުސާސްވާ ކަމެއް ނޫނެވެ. ދިރާސާއަކުން ދެއްކި ގޮތުގައި، ވަސްތަކަށް ރަހްމަތްތެރި ނޫން ތުއްތު ކުދީންވެސް ލިމޮނީން ފަދަ ބާވަތްތަކުގެ ވަސް ޖެހުމުން ހިތްހަމަޖެހުމާއި އުފާވެރިކަން ފާޅުކޮށްފައިވެއެވެ. ގުދުރަތީ މާހައުލުތަކުގައި ހުންނަ ފަސްގަނޑާއި ގަސްތަކުން ވެސް ހަށިގަނޑަށް ސިއްހީގޮތުން ފައިދާތަކެއް ކުރުވާ--ފޮޓޯ/ބީބީސީ 4. ގޮހޮރުގެ ސިއްހަތަށް ބޭނުންވާ ބެކްޓީރިއާ ލިބުން: ގުދުރަތީ މާހައުލަކީ ހަމައެކަނި ނަފްސާނީ ހަމަޖެހުމެއް ނޫނެވެ. ފަސްގަނޑާއި ގަސްތަކަކީ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިއާތަކުން މުއްސަނދިވެފައިވާ ތަންތަނެވެ. މިއީ އަޅުގަނޑުމެން އަގުދީފައި ގަންނަ "ޕްރޯބަޔޮޓިކްސް" ތަކުގައި ހިމެނޭ ފަދަ ފައިދާހުރި ބެކްޓީރިއާތަކެކެވެ. ގުދުރަތީ މާހައުލުގައި ހުންނަ ބައެއް ކެމިކަލްތައް ނޭވާލުމުގެ ތެރެއިން އެތެރެވުމަކީ މޫޑު ރަނގަޅުކޮށްދީ، ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އިތުރުކޮށްދޭ ކަމެކެވެ. ބައެއް ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި، ކުޑަކުދިން ވެލީގައި ނުވަތަ ފަސްގަނޑުގައި ކުޅެން ދޫކޮށްލުމަކީ އެކުދިންގެ ދިފާއީ ނިޒާމު ވަރުގަދަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކޮންމެ މީހަކީ ކޮންމެ ވަގުތަކު ޖަންގައްޔަކަށް ނުވަތަ ބޮޑު ބަގީޗާއަކަށް ދެވޭނެ މީހެއް ނޫނެވެ. ނަމަވެސް، ގޭތެރޭގައި ވެސް ގުދުރަތީ ބައެއް ކަންކަން ހިމަނައިގެން މި ފައިދާތައް ހޯދިދާނެ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެތެރޭ: ހުދު ނުވަތަ ރީނދޫ ކުލައިގެ ފިނިފެންމާ ފަދަ މާތައް ފެންނަ ހިސާބުގައި ބެހެއްޓުމަކީ ސިކުނޑިއަށް ބޮޑު ހަމަޖެހުމެއް ލިބޭ ކަމެކެވެ. ގުދުރަތީ ވަސް ދުވާ ތެޔޮ ނުވަތަ އޮއިލް ޑިފިއުޒަ ސިޓިންގް ރޫމް ނުވަތަ ކޮޓަރީގައި ބޭނުންކުރެވިދާނެއެވެ. ކޮމްޕިއުޓަރުން ނުވަތަ ފޯނުން ގުދުރަތީ މަންޒަރެއް ބަލާލުމަކީ ވެސް ސްޓްރެސް ދަށްކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މި ދެންނެވެނު ކޮންމެ ކަމަކީ ވެސް މާބޮޑު މަސައްކަތަކާ ނުލައި އަޅުގަނޑުމެންނަ ކުރެވިދާނެ ކަމެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ޤައުމު ދިވެހިރާއްޖެއަށް ބަލާލި ކަމުގައިވީ ނަމަވެސް މި އުފާވެރިކަން ހޯދިދާނެ ކިތަންމެ ފުރުސަތުތަކެއް އަޅުގަނޑުމެންނަށް ފަހިކުރެވިދާނެއެވެ. އެގޮތުން ހަފްތާ ބަންދުގައި މާލެ ކައިރި ރަށަކަށް ޗުއްޓީއަށް ގޮސް އެ ރަށްރަށުގެ ހިތްގައިމު މާހައުލުން ވެސް ސިކުނޑިއަށް ހިތްހަމަޖެހުމާއި އުފާވެރިކަން އަދި ހަމަހިމޭންކަން ހޯދިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ