ހިޔާވެހި ފައިނޭންސިން: ބިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން މިހާތަނަށް 1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް އެޕްރޫވްކޮށްފައިވާކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް"ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އެދުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވާލިއެވެ. އަދި ލޯނު ލިބުނު ފަރާތްތަކަށް މިދިޔަ ޑިސެންބަރު މަހުން ފެށިގެން އަންނަނީ ލޯނު ދެމުންނެވެ.
"ހިޔާވެހި ފައިނޭންސިން"އަކީ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ސްކީމެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ "ހިޔާވެހި ފައިނޭންސިން"އިން މިހާތަނަށް 820 މީހަކަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދިނުމަށް އެޕްރޫވްކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޢަދަތުތައް އިތުރުވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
" އަމިއްލަ ގެދޮރު ހުރި ފަރާތްތަކަށް ގެދޮރު ބިނާކުރެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި ލުއި ލޯނު މިހާރު ވަނީ ތަޢާރަފްކޮށްފައި. މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔަވަހިކަމުގެ އެކި ސްކީމްތައްވެސް އެކުލަވާލަނީ އެމީހުން ތިބި ހާލަތަށް ބެލުމަށްފަހު އެމީހުންނަށް ހައުސިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި. އެގޮތުން އާޢިލީ ބޯހިޔާވަހިކަމުގެ ތެރެއިން ބިމާއި ފްލެޓް ދޫކުރުން ހިމެނެނޭ." އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.
ގެދޮރު ބިނާކުރުމަށް ސަރުކާރުން ދޫކުރާ ލޯނުގެ އިތުރަށް ރަށްރަށުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލާ އޭގެ ޙައްގުވެރިންނަށް ހަވާލުކުރާނެކަމަށެވެ. އޭގެތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ބީއެމްއެލްގެ ފައިނޭންސިންގެ ދަށުން 800 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ. ސްޓޭޓް މިނިސްޓަރ ވަނީ ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފަށަމުންދާކަން ފާހަގަކުރައްވާފައެވެ.
ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން 3 ސްކީމެއް ކުރިއަށްގެންދާއިރު ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ސްކީމެވެ. މި ސްކީމް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާއާއި ހަމައަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް މާލީ އެހީ ދޫކުރާނެއެވެ.
ތިންވަނަ ސްކީމު މާލެ ސަރަހައްދަށް ޚާއްޞަކޮށްފައިވާއިރު، މި ސްކީމްގެ ދަށުން 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާނެއެވެ. މި ސްކީމު އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، ހަދަން ފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރާތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށެވެ. އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.
ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ