އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގއެއް ވަނީ ކަނޑައަޅާފައެވެ. މިއީ، "ސީފުޑް ވޮޗް"ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަ ކޮށްގެން ކަނޑުމަހުގެ މަސްވެރި ކަމަށް ރޭޓިންގއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މިއީ ދިވެހިރާއްޖެއަށާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަން ކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެކެވެ.
މި ރޭޓިންގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރި ކަމަކީ، ދެމެހެއްޓެނިވި މަސްވެރި ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރި ކަމުގެ ދެމެހެއްޓެނިވި ކަމާއިމެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރު ކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް"ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކޮށްފައެވެ. މިއީ ދިވެހި މަސްވެރިންނާއި، މަސް ގަނެ ޕްރޮސެސް ކުރާ ފަރާތްތަކާއި، ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގެ ނަތީޖާއެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ވަނީ، މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިއީ، ފާއިތުވި 9 ވަރަކަށް އަހަރުގެ މަސައްކަތް ކާމިޔާބުވުން ކަމަށް އޭނާ ވިދާޅުވިއެވެ. 2016ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކުރަމުން އައި މަސައްކަތަކީ، އިންޑިއާ ކަނޑުގެ ޤައުމުތަކުން ކުރާ މަސްވެރި ކަމާއި ދިވެހިރާއްޖެއިން ކުރާ މަސްވެރި ކަމުގެ ވަރަށް ބޮޑު ތަފާތުތަކެއްވާކަން ސާބިތު ކޮށްދިނުމުގެ މަސައްކަތެވެ. އެކި ފަހަރު މަތިން ސީފުޑް ވޮޗުގެ ބޭފުޅުންނާއިއެކު ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް ވިދާޅުވިއެވެ.
މީގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރި ކަމުގައި ލިބޭ އާމްދަނީ އިތުރުވުމާއި އަދި އިތުރު މާކެޓުތައް ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"މިއިން ގިނަ ފައިދާތަކެއް މަސްވެރި ކަމަށް ކުރާނެ. ފުރަތަމަ ކަމަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތް މުޅި ދުނިޔެއިން ބަލައިގަތުން. ހަމައެއާއިއެކު އެކަން އެބަ ބަދަލުވެގެންދޭ އަޅުގަނޑުމެންނަށް އައު ބާޒާރުތަކެއް އެބަލިބޭ އެމެރިކާގެ އައު ޕްރޮޑަކްޓްސްތަކެއް ތަޢާރަފް ކުރަން. މިއަންނަ ހަފުތާގައި އޮންނަ ބާސެލޯނާ ސީފުޑް ފެއަރގަވެސް ދިވެހިރާއްޖެ ޕްރޮމޯޓް ކުރާނީ، މިދެންނެވި ގޮތަށް. ހައިއެންޑް މާކެޓުތައް ލިބޭ މިންވަރަކަށް އަޅުގަނޑުމެންނަށް ވިއްކޭ މަހުގެ އަގު ބޮޑުވެގެންދާނެ. ރަނގަޅު އަގެއް ލިބޭ ކަމަށްވަންޏާ އެ އަގު އަޅުގަނޑުމެންނަށް މަސްވެރިންނާއި ހަމައަށް ބަދަލު ވެގެންދާނެ." ސިނާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ވަނީ މިއީ ދިވެހިރާއްޖެއަށް ފަޚުރުވެރި ވަގުތު ކޮޅެއް ކަމަށާއި، "ސީފުޑް ވޮޗް" އިން ވަކި ޤައުމަކަށް ހާއްޞަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވި ކަމާއި ޒިންމާދާރު ކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އިޤްތިސާދު ބިނާކުރުމާއި، ކަނޑުފަޅުތައް ރައްކާތެރި ކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާ ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ގްލޯބަލް ސީފުޑް ވޮޗުގެ ރޭންކިންއަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ހިމެނޭގޮތައް އެމެރިކާގެ ބައްރަށް ސީފުޑް ނުވަތަ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާއިރު، ސަސްޓެއިނަބްލިޓީއަށް ބަލާފައި ސޯސްކުރަން އެންމެ ރަނގަޅު ބާވަތްތައް ރޭޓްކުރާ ޕްރޮގްރާމެކެވެ. އެމެރިކާ ބައްރަކީ، މިވަގުތު ސަސްޓެއިނަބިލިޓީ މާކެޓުގެ އެންމެ ބޮޑަށް ތަރައްޤީވަމުން އަންނަ ބާޒާރެވެ.
އިނގިރޭސިވިލާތް ފިޔަވައި ދެން އެންމެ ބޮޑު ބާޒާރަކީ، އެމެރިކާގެ ބާޒާރެވެ. އެހެންކަމުން އެ ބާޒާރަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ، ރާއްޖޭގެ އުފެއްދުންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ސީފުޑް ވޮޗުގެ ޚާއްޞަ ރޭޓިން ރާއްޖެއަށް: މަސްވެރިކަމަށް ލިބުނު ބޮޑު ފަޚުރެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ