ލުބުނާނާއެކު ވީހާވެސް އަވަހަކަށް މަޝްވަރާތައް ކުރަން ތައްޔާރު: ނަތަންޔާހޫ

ލުބުނާނާއެކު މަޝްވަރާތައް ކުރަން ތައްޔާރަށް އޮތް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން ބަދަލު ހިފުމުގެ ގޮތުންނާއި ލުބުނާނާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ހަމަލާ ދޭތީ ރައްދުގައި ހިޒްބުﷲ އިން ދިން ހަމަލާއަކާ ގުޅިގެން އިސްރާއީލުން ވަނީ ލުބުނާނަށް ވަރުގަދަ ހަަމަލާތަކެއް ދީފައެވެ. "އިސްރާއީލާއެކު ސީދާ މަޝްވަރާތަކަށް ލުބުނާނުން ތަކުރާރުކޮށް އެދުމުން އަޅުގަނޑު އިއްޔެ ކެބިނެޓަށް އަންގާފައި ވާނީ ވިހާވެސް އަވަހަކަށް ލުބުނާނާއެކު ސީދާ މަޝްވަރާތައް ފެށުމަށް." ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާނީ ހިޒްބުﷲގެ ހަތިޔާރު ނައްތާލައި އިސްރާއީލާއި ލުބުނާނާ ދެމެދު ސުލްހަވެރި ގުޅުންތަކެއް ގާއިމް ކުރުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާން ނެރެފައި މި ވަނީ އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމަށް, އިސްރާއީލުން ލުބުނާނަށް ހަމަލާދޭތީ ހުރަސްތަކެއް އެޅިފައި ވަނިކޮށެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑައިލަން ވީ އެއްބަސްވުމުގައި އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިނުވާ ކަމަށް އިސްރާއީލާއި އެމެރިކާއިން ބުނެއެވެ. ނަމަވެސް އެ އެއްބަސްވުމުގައި ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ހުށަހަޅާފައިވާ ކަމަށް އީރާނާއި މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލުން އަދާކުރާ ޕާކިސްތާނުން ބުނެއެވެ. މަޝްވަރާތަކެއް ކުރެވިދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވުމުގެ ކުރިން ލުބުނާނުގެ ރައީސް ޖޯސެފް އައުން ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކާއެކު މައްސަލައިގެ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައިގެ ހަމައެކަނި ހައްލަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރުން ކަމަށްވެސް އައުން ވިދާޅުވިއެވެ. އަދި ލުބުނާނުގެ ކެބިނެޓުން ވަނީ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުالله އަށް ދިން އިންޒާރެއްގެ ގޮތުން ބެއިރޫތުގައި ހަތިޔާރު ގެންގުޅުން ހަމައެކަނި ދައުލަތުގެ މުއައްސަސާތަކަށް ހަނިކުރުމަށް ސަލާމަތީ ބާރުތަކަށް އަންގާފައެވެ. ހިޒްބުالله ⁠ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ⁠އަލީ ފައްޔާދު ވިދާޅުވީ އިސްރާއީލާއެކު ސީދާ މަޝްވަރާތައް ކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށާއި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ކުރިން ޝަރުތެއްގެ ގޮތުގައި ލުބުނާން ސަރުކާރުން ހަނގުރާމަ ހުއްޓާލުމަށް ޑިމާންޑް ކުރަން ޖެހޭ ކަމަށެވެ. އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 303 މީހުން މަރުވެ، 1000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ސިއްޚަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންވެ، އިއްޔެ އަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ލުބުނާނުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ