ރޯދައަށް ދޭ މަސްދަޅު ކޭސް ބަހަނީ ރޭގަނޑު 8:30 އިން 11އަށް

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް މިއަދު ބަހަން ފަށާއިރު، އެކަން ކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން 11އަށް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެނގުން މުހިންމު - ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަސް ފަށާނީ އަންނަ މަހު 18ގަ އެވެ.
ވީ ކިހިނެއް؟ - ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނީ މަސްދަޅު ކޭސް ބަހާނީ މިރެއިން ފެށިގެން އަންނަ މަހު 13 ވަަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ތަފްސީލް - މަސްދަޅު ކޭސް ބަލާ ދާން ޖެހެނީ ފުލުހުން ތައާރަފްކުރި ޕޯޓަލެއް މެދުވެރިކޮށް ނަންބަރު ނަގައިގެން، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ 15 މަރުކަޒަކުން ތަނަކަށެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މާލެ:
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލު
ހެންވޭރު ބޯޅަދަނޑު
ގަލޮޅު ދަނޑުގައި ގާއިމްކުރާ 4 ސެންޓަރު
ހުޅުމާލެ ފޭސް 1:
އުމަރު ޒާހިރު ބިލްޑިން
ޕޮލްކޯ ޓަވަރު
މުހައްމަދު ގާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2:
ކާމިލުދީދީ ސްކޫލް
ހިޔާ ޓަވަރު 10
އެމްޕީއެލް ޓަވަރު
ވިލިމާލެ:
ވެމްކޯ ސައިޓް
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ރަށްރަށުގައި ގޭބީސީގެ ގޮތުގައި ބަލާފައިވާނީ ވަކިން ކައްކާ ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެއް ކަމަށެވެ. މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއްގެ ގޮތުގައި ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެ މިނިސްޓްރީން ގޭބީސީގެ ލިސްޓް އެކުލަވާލިއިރު، ޖުމްލަ ގޭބިސީގެ އަދަދަކީ، މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، 118,673 އެވެ. އެއީ:
ރަށްރަށާއި ސިޓީތަކުގެ ގޭބީސީގެ ޖުމްލަ އަދަދަކީ 56,918 
މާލެ ސަރަހައްދުގެ ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 
ރަށްރަށަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާނެ ކަމަށާއި، ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ ކައުންސިލުތަކުން ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ