ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
އެހެންވެ ހުސްވެފައިވާ ދެ މަގާމަށް ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީން ނިންމީ ސަލީމާއި ހަމީދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށެވެ. މި މަހުގެ ދެވަނަ ދުވަހު ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސް ހުށަހެޅުއްވިއެވެ. އެ ދުވަހު ބޭއްވި ބައްދަލުވުމުގައި ޖުޑީޝަރީ ކޮމިޓީން ނިންމީ ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާކުރުމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ފުރިހަމަ އިއްތިފާގުން ނިންމީ ދެ ފަނޑިޔާރުންނަށް ރުހުން ދޭން ފެންނަ ކަމަށެވެ. އެކަމަކު ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެނީ ބޮޑު އީދު ބަންދަށް ފަހު އަންނަ އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމުންނެވެ.
ފަނޑިޔާރު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމީދު ވަނީ ހައިކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
ކޮމިޓީގެ ފުރިހަމަ އިއްތިފާގުން ސަލީމާއި ހަމީދަށް ރުހުންދޭން ފެންނަ ކަމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ