ޒަކިއްޔާގެ މަރާ ގުޅިގެން ހައްގު އަދަބު ދިނުމަށް ގޮވައިލާ ހުށަހެޅި ކުއްލި މައްސަލަ ބޭރު

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާ އެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ތަހުގީގު އަވަސްކޮށް، އެ އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ. ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކަރަށް ލިބިފައިވާ ޒަޚަމުތަކެވެ. ނަމަވެސް، މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. ޒަކިއްޔާގެ މަރަށް އިންސާދފު ނުލިބޭކަމަށް ބުނެ އެރަށުގެ އާންމު ވަނީ ސިލްސިލާ އަޑުއުފުލުންތަކެއް ކުރިއަށް ގެންގޮސްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ފޮޓޯ/ މަޖިލިސް އެ މައްސަލައާ ގުޅިގެން އައްބާސް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. "ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ސިފަތަށް ބަޔާންކޮށްފައިވާއިރު، ކުއްލި މައްސަލާގައި ބަޔާންކުރާ ކަމެއް ދިމާވީ ކުއްލިއަކަށް ކަމުގައިވުމަށާއި އެގޮތުން ވޭތުވެ ދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައެއްކަމުގައިވުން އެއީ ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތު،" އަބްދުއްރަހީމް ވިދާޅުވިއެވެ. އައްބާސް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމާއި، އެކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. ސެޕްޓެމްބަރު 10، 2024ގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މާލެ ގެނެސް ޕޯސްޓްމޯޓަމް ނުހަދައި އަނބުރާ ރަށަށް ގެންގޮސް ވަޅުލާފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަން ވަނީ ފާހަގަކުރައްވައިފައެވެ. ފުލުހުންގެ ތަހުގީގާ ގުޅޭ މައުލޫމާތު އެއްވެސް ވަރަކަށް އާއިލާއާ ހިއްސާކޮށްފައިނުވާތީ، ޒަކިއްޔާގެ މަރުގެ ހާދިސާ ހިނގިތާ ފަސް މަހަށްވުރެ ގިނަ ދުވަސްވީއިރު ވެސް، އިންސާފު ނުލިބުމުގެ ސަބަބުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި، ޒަކިއްޔާގެ އާއިލާއިންނާއި މުޅި ރަށުގެ ރައްޔިތުންގެ ނުތަނަވަސްކަން ބޮޑުވެ، ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާކަން އެ މައްސަލައިގައި ވަނީ ފާހަގަކުރައްވައިފައެވެ. ޒަކިއްޔާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ހޮޅުދޫގައި މުޒާހަރާކުރުން -- ފޮޓޯ/ ފޭސްބުކް ޒަކިއްޔާ މަރުވެފައި އޮއްވައި ފެނިފައިވަނީ ޒަޚަމުތަކަކާ އެކު ކަމަށްވާއިރު، ޕޯސްޓްމޯޓަމް ނުހަދައި އަލުން އަނބުރާ ހޮޅުދުއަށް ފޮނުވުމަކީ ތަހުގީގީ އިދާރާއާމެދު އާއިލާ އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއްކަމަށް މެންބަރު އައްބާސް ވަނީ އެ މައްސަލައިގައި ބުނެފައެވެ. އެހެންކަމުން ޒަކިއްޔާގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމަށް އައްބާސް ވަނީ ސަރުކާރަށް ގޮވައިލާފައެވެ. "އެއްވުންތަކުގައި ހާލަތާ ނުބައްދަލުގެ ބާރުގެ ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބި ރައްޔިތުންތަކަކަށް އިތުރު ތަކުލީފުތަކެއް ލިބެމުންދާތީ، އެކަންކަން މިހާރުން މިހާރަށް ހުއްޓާލަ ދެއްވާ،" އައްބާސް ވިދާޅުވިއެވެ. ހަމައެއާއެކު ޒަކިއްޔާގެ މަރުގެ ތަހުގީގު މިހާތަނަށް ލަސްވެފައިވާ ސަބަބު ދެނެގަނެ، އެ ސަބަބުތައް ނައްތާލައި، ތަހުގީގު އަވަސްކޮށް، އެ އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް އައްބާސް ވަނީ ގޮވައިލާފައެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ހޮޅުދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ އެ ރަށަށް އިއްޔެ ވަޑައިގެންފައެވެ. https://sun.mv/203053 އެގޮތުން ޒަކިއްޔާ މަރުވީ އާދައިގެ ގޮތަކަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު ވެސް ވަނީ ރޭ ވިދާޅުވެފައެވެ. ސީޕީ ވިދާޅުވީ ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވާނަމަ އެކަން ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މި މައްސަލައަކީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ މައްސަލައެއްކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ. ރޭ ބޭއްވުމު މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ ސީޕީ ސުޖާއު އަދި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ފޮރެންސިކް ޓީމު އެރަށަށް އައުމުގެ ކުރިން، ފުލުހުންގެ އޮފިސަރުން "ކްރައިމް ސީން" ރޫޅާލިކަމަށް ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިސްޓަރު ވަނީ މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާކަން ގަބޫލުކުރައްވާ ކަމަށް މިރޭ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ