އިޒުރޭލުގެ ޖާސޫސީ އިދާރާ، ހަރުޒްލިއާގައި ހުންނަ އިންސްޓިޓިއުޓް ފޯ އިންޓެލިޖެންސް އެންޑް ސްޕެޝަލް އޮޕަރޭޝަންސް ނުވަތަ މޮސާޑްގެ ތަމްރީން މަރުކަޒަށް އީރާނުން މިރޭ ހަމަލާދީފި އެވެ. އެ މަރުކަޒު ހުންނަނީ ވެރި ރަށް ތެލްއަވީވް ކައިރީގަ އެވެ.
އީރާނުގެ ނޫސް އެޖެންސީ، ތަސްނީމް ނިއުސް އިން ވަނީ އަލިފާން ރޯވެފައިވާ އިމާރާތެއް ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އަދި ބުނީ އެއީ ހަރުޒްލިއާގައި ހުންނަ މޮސާޑް އޮފީސް ކަމަށެވެ.
ވަރަށް ދުރުން ރެކޯޑްކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ގަދަ ދުމެއް އުޑުމައްޗަށް އަރަމުން ދިޔަ އިރު އިމާރާތެއްގައި އަލިފާން ރޯވެފައިވާ މަންޒަރެވެ.
ހިބްރޫ ބަހުން މީހަކު ހަޅޭއްލަވާ އަޑު އިވެ އެވެ. އޭގެ މާނައަކީ "އެމީހުން މޮސާޑަށް ހަމަލާދިނީ، މިއީ މޮސާޑު އިމާރާތެ"ވެ.
ހަރުޒްލިއާގައި އަލިފާން ރޯވެފައިވާ އިމާރާތެއްގެ ފޮޓޯއެއް ނިއުސް އެޖެންސީ ރޮއިޓާސް އިން ވެސް ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން އިމާރާތެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އިޒުރޭލުގެ ނޭޝަނަލް އިމަޖެންސީ ސާވިސް، މެޖެން ޑޭވިޑް އަޑޮމް އިން ވަނީ ހަރުޒްލިއާގައި ހަމަލާދީފައިވާ ލޮކޭޝަންތަކަށް ޓީމެއް ފޮނުވައިފަ އެވެ.
"ފާއިތުވި މިނިޓްތަކުގެ ތެރޭގައި އިވުނު ސައިރަންތަކާ ގުޅިގެން އެމްޑީއޭގެ ޓީމުތައް ވަނީ ރިޕޯޓް ލިބުނު ސަރަހައްދުތައް ބަލައި ފާސްކުރަން ފޮނުވައިފައި،" މެޖެން ޑޭވިޑް އަޑޮމްގެ ތަރުޖަމާނު ވިދާޅުވި އެވެ.
އިޒްރޭލުގެ ފުލުހުން ވަނީ އީރާނުގެ މިސައިލްތައް ހަރުޒްލިއާއަށް ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.
އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ތަމްރީން މަރުކަޒަށް އިޒުރޭލުން ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ