ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އިހުމާލުވި، ފަރުވާ ކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ: ރިޕޯޓު ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އިހުމާލުވި، ފަރުވާ ކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ:

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ތަހުގީގުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެ ތަހުގީގުގައި ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ހާދިސާގެ ތަހުގީގަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓު މިރޭ ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުރަވެފައިވަނީ ޔުމްނު ވެއްޓުނީ ކަމަށެވެ. އަދި ޔުމްނު އާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، އޭނާ ވައްޓާލީ ނުބެލި ނަމަވެސް، ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން ފަރުވާ ކުޑަކޮށްފައިވާކަން ފާހަގަކޮށް އެ ކަންކަން އިސްލާހު ކުރަން ވަނީ ލަފާ ދީފަ އެވެ.
މި ހާދިސާގެ މައުލޫމާތު އިންވެސްޓިގޭޝަން އޮފިސަރަށް (އައިއޯ) ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯއަށް އެ ތަނަށް ދެވުނު އިރު ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ސީންގައި ހުރި އޮފިސަރު ނަގާ ނިންމާފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކި ހޯދިފައި ނުވެ އެވެ.
އެ ތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި ޕެރަމެޑިކް ޓީމުތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ހާޒިރުވެވުނު ނަމަވެސް ފުލުހުންގެ ޓޭޕު ދަމައި ބައުންޑްރީއެއް ކަނޑައަޅާފައި ނެތުމުން، ކުށުގެ ވެށި ރައްކާތެރި ކުރެވިފައި ނުވާ ކަމަށް ރިޔާސީ ކޮމިޝަނަށް ވަނީ ހޯދިފަ އެވެ.
"ޔުމްނު އެ ރޭގައި އުޅުނީ ހ. ފެންޓެނޯއީގެ 7، 8، އަދި 9 ވަނަ ފަންގިފިލާގައި ކަމާއި، ޔުމްނު އޮތީ ހ. މިޓާޒްގޭގެ ފުރާޅު މަތީގައި ކަމަށް ތަހުގީގަށް އެނގެން އޮތްއިރު، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާކަން އެނގޭ،" ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ހ. މިޓާޒްގޭގެ ފުރާޅު މަތިން އެއްވެސް ހެއްކެއް ހޯދަން ފުލުހުން މަސައްކަތެއް ކޮށްފައި ނުވެ އެވެ. އެޕްރީލް 18، ގެ ހަވީރު ފެންޓެނޯއީއަށް ތަހުގީގަށް ދިޔަ ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވެސް ހ. މިޓާޒްގޭގެ ފުރާޅަށް އަރައި ހެކި ހޯދުމަށް މަސައްކަތް ކޮށްފައި ނުވެ އެވެ.
މިފަދަ ކަންކަން ތަކުރާރުވެ ނުދިނުމަށް ފުލުހުންގެ ތެރޭގައި ހުރި އެސްއޯޕީތައް މުރާޖާ ކުރުމަށް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
އެ ރޭ ހިނގައިދިޔަ ކަންކަން ރައުދު ހަނދާން ނެތިފައިވާ ކަމަށް ބުނެފައިވާތީ އަދި ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ފުންމާލިކަން ނުވަތަ ވެއްޓުނުކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށެވެ.
ނަމަވެސް، ކޮމިޝަނަށް ލިބިފައި ހުރި ހެކިތަކަށް ބެލުމަށްފަހު ރިޕޯޓުގައި ބުނީ ބޮޑަށް ބުރަވެވެނީ ޔުމްނު ވެއްޓުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ