ލޮލުގެ ދުޅަހެޔޮކަމަށް ކާންވީ ޒުވާރި
ޒުވާރިއަކީ ގޮދަނުގެ ބާވަތްތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ކެއުމުގައި ބޭނުންކުރާ އެއް ބާވަތެވެ. ޒުވާރީގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި ފޮނި ޒުވާރި އަދި އެކި ކުލަ ކުލައިން ހެދޭ ޒުވާރި ވެސް ހިމެނެއެވެ. ޒުވާރި ބޭނުންކޮށްގެން އާއްމުކޮށް ތައްޔާރުކުރާ މަގުބޫލު ބާވަތަކީ ގިނަ ބަޔަކު ލުއި ކެއުމެއްގެ ގޮތުގައި ކައި އުޅޭ ޕޮޕް ކޯންއެވެ. މީގެ އިތުރުން، އެކި ވައްތަރުގެ ތޮޓީލާ ޗިޕްސް، ޒުވާރި ފުށް، ޒުވާރި ސިރަޕް އަދި ޒުވާރި ތެލަކީ ވެސް ޒުވާރިން ތައްޔާރު ކުރެވިފައިވާ ބާވަތްތަކެވެ. ގޮދަނުގެ އެހެން ބާވަތްތަކެކޭ އެއްގޮތަށް ޒުވާރިއަކީ ވެސް އޭގައި ސިއްހީ މާއްދާތައް އެކުލެވޭ ހަށިގަނޑަށް ފައިދާތަކެއް ކުރުވަނިވި ބާވަތެކެވެ. ޒުވާރި އެކި ޤައުމުތަކުގައި އެކި ކުލަތަކުން ހެދޭ--ފޮޓޯ/ޖޮނީސީޑްސް ނިއުޓްރީޝަން ސައިންޓިސްޓެއް ކަމަށްވާ އެޓުލީ އެނަސަން ބުނެފައިވާ ގޮތުގައި ޒުވާރިން ލިބޭ ސިއްހީ ފައިދާތައް ޚާއްސަވެފައިވަނީ އޭގައި އެކުލެވޭ ފައިބާ، މިނެރަލްސް، އެންޓިއޮކްސިޑެންޓްސް އަދި އެކި ވައްތަރުގެ ވިޓަމިންސް މާއްދާތަކުން މުއްސަނދިވެފައިވާ ބާވަތަކަށް ވީމައެވެ. ޒުވާރިން ލިބިދޭ ސިއްހީ ފައިދާތަކުގެ ތެރޭ ޒުވާރީގައި ފައިބަރު ހުރުމުގެ ސަބަބުން ބޭރަށް ހިންގުންފަދަ ބަލިތައް މެދުވެރިވުން ކުޑަކޮށްދީ، ކާނާ ހަޖަމުކޮށްދިނުމަށް އެހީތެރިވެދެއެވެ. ޒުވާރީގައި ފައިބާ ހުރުމަކީ ބަނޑު ހިކުމުން ދުރުކޮށްދިނުމާ އެކު، ފުރަގަސް ފަރާތު ބަލީގެ އުނދަގޫތައް ކުޑަކޮށްދީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. އާއްމުކޮށް ޒުވާރި ފިހެގެން ކެއުމަކީ ދިވެހީންގެތެރޭ ވަރަށް އާއްމުކަމެއް--ފޮޓޯ/ދަގުޑްއޮއިލް ޑރ.ޢަބްދުލް ޢަޒީޒް ޙަމީދުގެ ސިއްޙަތު ބްލޮގްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޒުވާރީގައި އެކުލެވޭ ދަގަނޑާއި، ވިޓަމިން ބީ12 އަދި ފޮލިކް އެސިޑްގެ ސަބަބުން ލޭމަދުވުމުން ދުރުވެހުރުމަށް އެހީތެރިވެދެއެވެ. ޒުވާރިއަކީ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތަކަށް ވުމުން ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭ ކަމަށް މި ބްލޮގްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު ސަރުބީ ދަށްކޮށްދިނުމުގެ އިތުރުން ބަރުދަން އިތުރުވުމަށް ވެސް ޒުވާރިއަކީ އެހީވެދޭ ބާވަތެކެވެ. ޒުވާރިން ލިބިދޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭ، ލޭމައްޗަށް ދިއުމާއި ހަކުރު ބަލި ކޮންޓްރޯލްކޮށްދިނުން، ކަނެކްޓިވް ޓިޝޫތައް ވަރުގަދަ ކުރުން، ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ