ތުރުކީ ވިލާތުން ރާއްޖެއަށް ހަދިޔާ ކުރަން ނިންމި މަނަވަރުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާބިލްކަން ދިވެހި ސިފައިންގެ އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައި އެކަމުގެ މަސައްކަތްތައް ފަށާފައިވާކަން ތުރުކީގެ އަސްކަރިއްޔާއިން އެ ގައުމުގެ ނޫސްތަކަށް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އެފަދަ މަނަވަރެއް ރާއްޖެއަށް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް މީގެ ކުރިން އެއްޗެއް ނުބުނެ ތިބުމަށް ފަހު ދިފާއީ ވުޒާރާއިން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލް - އެ ބަޔާނުގައި ދިފާއީ ވުޒާރާއިން ބުނީ ރައީސް މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރެއްވުމަށް ރައީސް މުއިއްޒު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާކަން ފާހަގަކުރައްވައި އެ ބަޔާނުގައި ބުނީ:
ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރައްވައި އިތުރުކުރެއްވުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުން
ރަހުމަތްތެރި ގައުމުތަކާއެކު ރައީސް ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން އަސްކަރީ ހިލޭ އެހީތައް ރާއްޖެއަށް ވަނީ ލިބެން ފަށާފައި
ބަޔާނުގައި ދިފާއީ ވުޒާރާއިން ބުނީ އެ މަނަވަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށް ބާރަކަށް ވާނެ ކަމަށެވެ.
"އެ ގާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ،" ދިފާއީ ވުޒާރާގެ ބަޔާނުގައި ބުންޏެވެ.
ދިވެހި ސިފައިންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުންކަން ފާހަގަކޮށް އެ ބަޔާނުގައި ދިފާއީ ވުޒާރާއިން އިތުރަށް ބުނީ މަނަވަރުގެ ސަބަބުން ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބޭ މިއީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ތުރުކީން ދޭ މަނަވަރާ އެކު އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން އިތުރުކުރެވޭނެ: ދިފާއީ ވުޒާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ