މިސައިލުތަކެއް ގަންނަން އުޅޭކަމުގެ އަޑު ފެތުރިފައި އޮއްވައި އިގްތިސާދީ މިނިސްޓަރު ތުރުކީއަށް ފުރާވަޑައިގެންފި މިސައިލުތަކެއް ގަންނަން އުޅޭކަމުގެ އަޑު ފެތުރިފައި އޮއްވައި އިގްތިސާދީ މިނިސްޓަރު ތުރުކީއަށް ފުރާވަޑައިގެންފި

ތުރުކީއިން ދިވެހި އަސްކަރިއްޔާއަށް މިސައިލުތަކެއް ގަންނަން އުޅޭކަމުގެ އަޑު ފެތުރިފައި އޮއްވައި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނެފައި ވަނީ މިނިސްޓަރު ސައީދުގެ ދަތުރުގައި ބައިނަލްއަގުވާމީ އަދި ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
އެ ދަތުރުގައި މިނިސްޓަރު މަސައްކަތް ކުރައްވާނީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ފުޅާ ކުރުމަށާއި އިތުރު ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރަން ކަމަށް ސަރުކާރުން ބުނެ އެވެ.
މިނިސްޓަރު ސައީދު މިއަދު ތުރުކީއަށް ފުރާވަޑައިގަތީ މިސައިލު ފޮނުވޭ ހަތިޔާރު ބެހެއްޓުމުގެ ގާބިލުކަން ހުރި މަނަވަރެއް އެ ގައުމުން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ހޮނިހިރު ދުވަހު ރިޕޯޓު ކުރި ފަހުންނެވެ.
އެ ބާވަތުގެ މަނަވަރެއް ތުރުކީއިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވެސް ޔަގީންކޮށްދީފަ އެވެ. އޭގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވާނެ ކަމަށް ސިފައިން ބުނެ އެވެ.
މިސައިލު ފޮނުވޭ މަނަވަރެއް ހަދިޔާ ކުރުމުގެ ބޭނުމަކީ، ދިވެހި ސަރުކާރު ލައްވައި އެއަށް ބޭނުންވާ ހަތިޔާރު ގަތުން ކަމަށް އޮތީ އަޑު ފެތުރިފަ އެވެ. އެފަދަ މިސައިލެއްގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ބެލެވެ އެވެ.
މާލީ ހާލަތު ދަށް އަދި ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑު ދުވަސްވަރެއްގައި މިސައިލުތަކެއް ގަންނަން އުޅޭކަމުގެ އަޑު ފެތުރިފައިވާތީ ސަރުކާރަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ