ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު މަޖިލީހަށް ޕެޓިޝަނެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު މަޖިލީހަށް ޕެޓިޝަނެއް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމު ކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީތެރިކަމުގެ އިތުރުން ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ފަރާތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ޖުމުލަ 46 ބެލެނިވެރިންގެ ސޮއި އާއެކު މަޖިލީހަށް ހުށަހަޅާފައިވާ އެ ޕެޓިޝަނުގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަ ކޮށްފައިވެ އެވެ.
އެ ކަންބޮޑުވުންތަކާއެކު ބެލެނިވެރިންގެ ފަރާތުން އެދިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ މާލީ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ނުކުޅެދިފައި ވާ ސަބަބު ތަހުގީގު ކޮށްދިނުމަށެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ބެލެނިވެރިންނަށް އެންސްޕާ އާ މުއާމަލާތް ކުރުމުގައި ދިމާވާ ދަތިތަކާއި އޯޓިޒަމް އަދި އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭސް ރާއްޖެއިން ނުލިބުމުގެ އިތުރުން އެ ކުދިންނަށް ރާއްޖެއިން ދޭ ތެރަޕީގެ ފެންވަރު ދަށްވުމާއި ތެރަޕީ ނެގުމަށް އެންސްޕާއަށް އެދި ހުށަހެޅުމުން ތެރަޕީ ނަގަން ބޭނުންވާ އަދަދަށްވުރެ މަދުން ފައިސާ ދިނުން ފަދަ ކަންކަމާމެދު އެ ޕެޓިޝަނުގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އޭގެ އިތުރުން އެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އާއި އެންސްޕާގެ ސީއީއޯ، އަދި ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދުއާ ބައްދަލުކޮށް ކުރި މަސައްކަތުން ވެސް ކުރިއެރުމެއް މިހައިތަނަށް ލިބިފައި ނުވާކަން ބެލެނިވެރިންގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ އެ މައްސަލަތަކަށް ހައްލު ނުލިބުމުގެ ސަބަބުން ފަރުވާ ދޭންޖެހޭ ބައެއް ކުދިންގެ ހާލަތު އިހުނަށްވުރެ ގޯސްވެ، ރިގްރެޝަނަށް ގޮސް އެ ކުދިންގެ އާންމު ހާލަތު ގޯސްވެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ފަރާތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަމުންދާ އިހުމާލުތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ވެރިކަން ކުރާ ޕީއެންސީ މެންބަރުން މިއަދު ބޭރުކޮށްލާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ