ރެއާލްގެ ދަނޑުގައި ވެސް އާސެނަލް މޮޅުވެ ސެމީ ފައިނަލަށް

އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބުކުރުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވިޔަސް ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތުގައި އާސެނަލް ހޯދަމުން އަންނަ ކުރިއެރުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވެސް ނުހުއްޓުވި، މިރޭ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރެއާލްގެ ބިޔަ ދަނޑުގައި، އެތައް ހާސް ސަޕޯޓަރުންގެ ގަދަ ހަޅޭއްކުގެ ތެރެއަށް އާސެނަލް ނުކުތް އިރު ފުރަތަމަ މެޗުގައި 3-0 އިން މޮޅުވެފައި އޮތް އޮތުމަކީ ރެއާލްއަށް ބިރެކެވެ. ރެއާލްއަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ 3-0އިން މޮޅުވުމެވެ. އިތުރު ވަގުތުގެ ކުޅުމަށް ނުގޮސް ސެމީއަށް ދާން ބޭނުން ނަމަ 4-0 އިން އާސެނަލް ބަލިކުރުމެވެ.
ނަމަވެސް އާސެނަލްގެ ފަރާތުން ފެނުނީ ރެއާލްއަށް އެ ފުރުސަތު ލިބޭނެ ފަދަ ކުޅުމެއް ނޫނެވެ. އެއަށް ވުރެ ވަރުގަދަވެފައި ގޮތްދޫނުކުރުން ބޮޑެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނެލްޓީ ކީޕަރުގެ އަތަށް ޖެހި ނަމަވެސް ދެވަަނަ ހާފުގައި ބުކާޔޯ ސަކާ ވަނީ އާސެނަލްއަށް ލަނޑެއް ކާމިޔާބުކޮށް، ރެއާލްގެ ދަތުރު އިތުރަށް އުނދަގޫކޮށްފަ އެވެ.
ނަމަވެސް އޭގެ އެންމެ ދެ މިނިޓް ފަހުން ވިނީޝިއަލް ޖޫނިއަ ލަނޑެއް ޖަހައި، 1-1އިން އެއްވަރުކޮށްދިނެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މެޗެކޭ އެއްގޮތަށް މާ ބޮޑު ނުރައްކަލަކަށް ނުވި ރެއާލްގެ ފޯވަޑް ކީލިއަން އެމްބާޕޭއަށް ރެއާލްގެ އަމިއްލަ ދަނޑުގައި ވެސް އޭނާގެ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. އަދި 75 ވަނަ މިނިޓްގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބޭލި އެވެ.
އާސެނަލް މޮޅުކޮށްދިން ލަނޑު 93 ވަނަ މިނިޓްގައި ޖެހީ ޖިބްރީލް މާޓިނެއްލީ އެވެ. ރެއާލްގެ ކުޅުންތެރިން ކުރިއަށް އަރާފައި ތިއްބާ މެދު ރޮނގާ ހަމައިން މިކޭލް މެރީނޯ ދިން ބޯޅަ އޭނާގެ ބާރު ދުވުމުގައި ހިފައިގެން ގޮސް ލަނޑަކަށް ހެދީ އެއްވެސް ގޯހަކާ ނުލަ އެވެ.
މިއީ 2006ގެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާސެނަލް ދިޔަ ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލްގައި އާސެނަލް ނުކުންނާނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.
މިރޭ ކުޅުނު ކްއާޓާ ފައިނަލްގެ ދެވަނަ ލެގުގެ އަނެއް މެޗުގައި އިޓަލީގެ އިންޓަ މިލާން އާއި ޖަރުމަންގެ ބަޔާން މިޔުނިކް އިޓަލީގައި ބައްދަލުކޮށް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޖަރުމަންގައި ކުރި ވާދަ 2-1 އިން އިންޓަ ކާމިޔާބުކޮށްފައި އޮތުމުން ސެމީއަށް ދިޔައީ އިންޓަ މިލާނެވެ. ސެމީގައި ބައްދަލުކުރާނީ ބާސެލޯނާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ