އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ، މެއި 29 ދުވަހުގެ ރޭ ޖެންގައި ބޭއްވުމަށް ނިންމައިފި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހުސްވިއަހަރުގެ އަހަރީ އާއްމުޖަލްސާ، މިހިނގާ މެއިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޓީޑީސީން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ނެރެފައިވާ އަހަރީ އާއްމު ޖަލްސާގެ ނޯޓިހުގައި ބުނެފައިވަނީ، ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ، މިހިނގާ މެއިމަހުގެ 29 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގެ ސަންގްރިއްލާ ބޯލްރޫމްގައި ކަމަށެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 21:00 ގައެވެ. 
މި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީހިސާބުތައް ފާސްކުރުން އޮންނާނެއެވެ. އަދި ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަނުކުރުމާއި އުޖޫރަ ކަނޑައެޅުންވެސް އޮންނާނެއެވެ. މީގެ އިތުރުން ހިއްސާދާރުންނަށް ބަހާނޭ ފައިދާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން އޮންނާނެއެވެ.
Advertisement
އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ އެކުންފުނީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޑިވިޑެންޑް ނުބަހާށެވެ. ނަމަވެސް އެކަން މުޅިން ނިންމާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. އެމްޓީޑީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 1.9 މިލިއަން ޑޮލަރު، ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ، 29.3 މިލިއަން ރުފިޔާ ލިބުނެވެ.
އެމްތީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށްޓަކައި ރައީސް މައުމޫނުގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ