ސަރުކާރުން ގައުމީ ފެންވަރުގައި މިފަހަރު އީދު ފާހަގަކުރަނީ ކެލާ، ގުރައިދޫ އަދި ގަމުގައި
ނިމި ދިޔަ އަހަރެކޭ އެއްފަދައިން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ގައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައަޅައިފިއެވެ. ބަހާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި އަހަރު އަޟްޙާ ޢީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ރަށްތަކަކީ އެ ހަރަކާތަށް ޝައުގުވެރިކަން ފައުޅުކޮށް, ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން "ގައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްތަކެވެ. އެގޮތުން އެންމެ މަތިން ޕޮއިންޓް ލިބި, 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ތިލަދުންމަތީ އުތުރުބުރީ ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ހައްދުންމަތީ ގަމެވެ. ޖޫން 16، 2024: ހުޅުމާލޭގައި އަޟްހާ އީދު ފާހަގަކުރުމަށް ހަވާއެރުވުން -- ފޮޓޯ/ އެޗްޑީސީ ބަހާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މީގެ އިތުރަށް ހުޅުމާލޭގައި ކުޑަކުދީންނާއި އާއިލާތަކަށް ޚާއްސަކޮށް ވަރަށް ޝައުޤުވެރި ހަރަކާތްތަކެއް ކުރިޔަށް ދާނެއެވެ. ސަރުކާރުގެ އަމާޒަކީ މި ފަދަ ކޮންމެ ކުލަގަދަ ޢީދަކީ ވެސް އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރެވޭ, ދިވެހީންގެ މެދުގައިވާ އެއްބައެއްވަންތަ ވިސްނުން ތަރައްގީ ކުރާނޭ އުފާވެރި އިޙްތިފާލުތަކަށް ހެދުން ކަމަށް ބަހާ ބެހޭ ވުޒާރާއިން ބުންޏެވެ. އެގޮތުން މި އަހަރުގެ އަޟްޙާ ޢީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވާ ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް ވިލަރެސްކުރުމުގައި އެ މިންގަނޑުން ބަލާނެ ކަމަށް ބަހާ ބެހޭ ވުޒާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ