މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާދެއްވީ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން އެނގިއްޖެ އެވެ.
އޮގަސްޓު 2024 ގައި އެ ދެ މަގާމަށް އައްޔަންކުރި ނޮއެލް އިސްތިއުފާދެއްވީ މާޗު 23، ގަ އެވެ. އަދިވެސް އެ ބޭންކުގެ ހިދުމަތް ފެށިފައެއް ނުވެ އެވެ. ނޫސްވެރިން ސުވާލުކުރުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ނޮއެލް އިސްތިއުފާދެއްވި ސަބަބު އެނގިނުލައްވާ ކަމަށެވެ.
މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އެޕްރީލް 7، ގައި ނޮއެލް ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އޭގެ މަހެއް ފަހުން ޓްރައިބިއުނަލް އިން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
މައްސަލަ ބާތިލުކުރި ސަބަބެއްގެ ގޮތުގައި ޓްރައިބިއުނަލް އިން ބުނެފައިވަނީ ނޮއެލް އަކީ ބިދޭސީއަކަށް ވުމާއި އޭނާއަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭތީ، ތަރުޖަމާނަކު އައްޔަންކުރަން ދިން މުއްދަތުގައި އެކަން ކޮށްފައި ނުވުމެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް ނޮވެމްބަރު 16، ގައި ޑީބީއެމްގެ އޮފީހެއް މާލެގައި ހުޅުވި ނަމަވެސް މިހާތަނަށް އެ ބޭންކުން ހިދުމަތެއް ދީ އެއްވެސް ލޯނެއް ދޫކޮށްފައެއް ނުވެ އެވެ.
ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޮކްޓޯބަރު 13، 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ވެސް ކުރުމަށް ފަހު އެވެ.
ބޭންކުގެ ހިދުމަތް ފެށުން ލަސްވި ނަމަވެސް ސަރުކާރުން ބުނަމުންދަނީ މި ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގައި މިހާރަށްވުރެ މާލުއި ގޮތްތަކެއް ފަހިވެގެން ދާނެ ކަމަށެވެ.
ހިދުމަތް ފެށުން ލަސްވުމާ ގުޅިގެން ކުރިމަތިވަމުންދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ނޮވެމްބަރު މަހު ބޭންކުގެ އޮފީސް ހުޅުވީ ވަގުތުން ހިދުމަތް ދޭން ފަށާ ގޮތަކަށް ނޫން ކަމަށެވެ. އެތަނުގެ ހިދުމަތްތައް ފަށާނީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްލޭނެއްގެ ދަށުން ކަމަށް ސަރުކާރުން އެންމެ ފުރަތަމައަކު ނުބުނެ އެވެ.
ޑިވެލޮޕްމަންޓު ބޭންކުގެ އެމްޑީ އަދި ސީއީއޯ އިސްތިއުފާ ދިނީ މުސާރަ ނުދޭތީ ޑިވެލޮޕްމަންޓު ބޭންކުގެ އެމްޑީ އަދި ސީއީއޯ އިސްތިއުފާ ދިނީ މުސާރަ ނުދޭތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ