ލޯނަށް ހުށަހަޅާ ކޯޓޭޝަންތައް ދޫކުރާ ފަރާތްތަކަކީ އެ މުދަލެއް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ވާންޖެހޭނެ: އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނަށް އެދޭ ފަރާތްތަކަށް މުހިންމު އިރުޝާދެއް ދީފިއެވެ. އެގޮތުން، ލޯނަށް ހުށަހަޅާ ކޯޓޭޝަންތައް ދޫކުރާ ފަރާތްތަކަކީ އެ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ވާންޖެހޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެސްޑީއެފްސީން އެންމެ ފަހުން ތަޢާރަފުކޮށްފައިވާ "ވިޔަފާރި އެހީ ލޯން ސްކީމް" އަކީ މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ހިނގާ ވިޔަފާރި ޚަރަދުތަކަށާއި، މެޝިނަރީ ގަތުމަށް އެހީތެރިވުމަށް ދޫކުރާ ލޯނެކެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން 1.5 މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ލޯނު ސްކީމަށް ކުރިމަތިލެވޭނީ ވޭތުވެދިޔަ އެއް އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުން އައި ފަރާތްތަކަށެވެ. މިވަގުތު އެސްޑީއެފްސީން ވަނީ "ދަނޑުވެރި ނަފާ"، "ވިޔަފާރި އެހީ" އަދި "ފަށާ މަދަދު ލީސިންގ" އާއެކު ތިން ސްކީމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، ކުރިއެރުވުމަށް އަދި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެ ކުންފުނިން މިހާތަނަށް ވަނީ ޖުމްލަ 10 ސްކީމެއް ތަޢާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ