ސަލާހާއި ވެން ޑައިކަށް ލިވަޕޫލުން ދެ އަހަރުގެ އެއްބަސްވުމެއް: ރިޕޯޓް ސަލާހާއި ވެން ޑައިކަށް ލިވަޕޫލުން ދެ އަހަރުގެ އެއްބަސްވުމެއް: ރިޕޯޓް

ލިވަޕޫލް (އޭޕްރީލް 11) - މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި މުހައްމަދު ސަލާހު އާއި ވާޖިލް ވެން ޑައިކް އަށް އެ ކްލަބާ އެކު ދެން ދެނީ ދެ އަހަރުގެ އެއްބަސްވުމެއް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސަލާހު، 32، އާއި ވެން ޑައިކް، 33 އާ އެކު އާ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ލިވަޕޫލުން ފެށީ މި ސީޒަން ފެށުނުތަނާހެން ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެން ނަމަވެސް، އެ ދެ ކުޅުންތެރިންގެ އޭޖެންޓުންނާ އެކު، ލިވަޕޫލުން ކުރަމުން އަންނަ މަޝްވަރާތަކުގައި ކުރިއެރުން ލިބެން ފެށީ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ސަލާހާއި ވެން ޑައިކް އެއްބަސްވުން އާ ކުރަނީ، މިހާރު ވެސް ލިބެމުން އަންނަ މުސާރަ އަށް މާ ބޮޑު އިތުރުވުމެއް ނެތި އެވެ.
ލިވަޕޫލާ 2017 ވަނަ އަހަރު ގުޅުނު ސަލާހު، އެންމެ ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރީ، 2022 ވަނަ އަހަރު އެވެ. އެއީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. ސައުތެމްޓަން ދޫކޮށް، 2018 ވަނަ އަހަރުގެ ޖެނުއަރީގައި ވެން ޑައިކް ލިވަޕޫލަށް ބަދަލުވީ 94 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. މިއީ އޭރަށް ބަލާނަމަ ޑިފެންޑަރަކަށް ކްލަބަކުން ދިން އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.
ޔާގަން ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ހޯދި އެންމެ ބޮޑު ކާމިޔާބީތަކުގައި، ވެން ޑައިކާއި ސަލާހު އިސް ރޯލެއް ކުޅުނެވެ. ކްލޮޕަށް ފަހު، މި ސީޒަނުގައި، ލިވަޕޫލާ ހަވާލުވި އާނާ ސްލޮޓްގެ ކޯޗުކަމުގައި ވެސް ވެން ޑައިކް އާއި ސަލާހު އަންނަނީ މޮޅަށް ކުޅެމުންނެވެ.
ލިވަޕޫލްގެ ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އަލިމަގެއް ފެނިފައިނުވާއިރު، ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އާނޯލްޑް ވަނީ ސްޕެއިނުގެ ގަދަބާރު، ރެއާލް މެޑްރިޑަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވާން އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ