މިނިސްޓްރީއާއެކު އީދު ފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން، މިއަހަރުގެ ބޮޑު އީދު ފާހަަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން އެ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ ބޮޑު އީދު ފާހަގަކުރުމަށް އެ ވުޒާރާއިން ތިން ރަށެއް ކަނޑައަޅާނެކަމަށެވެ. މި ރަށްތައް ކަނޑައަޅާނީ 'ގައުމީ ފެންވަރުގައި އަޟްހާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ' އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ތިން ރަށެއްގައި ކަމަށް އެ އިއުލާނުގައި ވެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިއެވެ. ވުޒާރާއިން ބުނީ، ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ވުޒާރާގެ މެއިލް މެދުވެރިކޮށް ކަމަށެވެ. މާލި ޕެރޭޑެއްގެ ތެރެއިން: ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއެކު، ރަށުގައި ބޮޑު އީދު ފާހަގަކުރަން ވަނީ ފުރުސަތު ހުޅުވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން، ޕްރޮޕޯސަލްގައި ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދާއި އާންމުކޮށް ދިރިއުޅޭ މީހުންގެ އަދަދު ހިމަނަން ޖެހެއެވެ. އެއާއެކު، ތާރީޚީ ގޮތުން ރަށަށް ނިސްބަތްވާ ޚާއްސަ ކަމެއް ނުވަތަ ސިފައެއް ނުވަތަ ވާހަކައެއް ނަމަ އެ މައުލޫމާތު ހިމަނަން ވާނެ ކަމަށް އުސޫލުގައިވެއެވެ. އުސޫލުގައިވާ ގޮތުން، ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށްގެންދަން ވާނީ މަދުވެގެން ހަތަރު ދުވަހަށް ބަހާލައިގެންނެވެ. އަދި ކޮންމެހެން ކައުންސިލްތަކުގެ ޕްރޮޕޯސަލްގައި ހިމަނަން ޖެހޭނެ ކުޅިވަރުތަކާއި ހަރަކާތްތައް ވެސް މި އުސޫލުގައި ހިމަނާފައެވެ. އެއީ: އީދު ވެދުމާ ދިޔުން އީދު ދުވަހު ބޮޑު ޖަމާއަތުގައި ނަމާދުކުރުން އީދު ދުވަހު މެންދުރު އަވަށްޓެރިންނަށް އީދު ތަށިބަރި ނުވަތަ އީދު ކޭން ހަދިޔާކުރުން އިސްރަށްވެހިންނާއި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޑަކުދީންނާ ގުޅޭ ތަފާތު ހަރަކާތްތައް ރޭގަނޑު މުނިފޫހިފިލުވުމުގެ ޚާއްސަ ދިވެހި ހަރަކާތްތައް ކުރިއަށް ގެންދިޔުން ގިނަ ރައްޔިތުން ބައިވެރިކޮށްގެން އީދުގައި ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ކުޅިވަރުތައް ހިމެނުން މިއަހަރުގެ ބޮޑު އީދު ދުވަހަށް ވަނީ އަންނަ ޖޫން މަހުގެ ހައެއްވާ ހުކުރު ދުވަސް ކަމަށް ކަލަންޑަރުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ