ޕީއެންސީގެ މެންބަރުންނަށް ބަޖެޓު ފެންނަ ގޮތް؛ އޮތީ އިމާންތެރިކަމާއި ހެޔޮ ދުއާ އަދި ރައީސްގެ އިހުލާސްތެރިކަން ޕީއެންސީގެ މެންބަރުންނަށް ބަޖެޓު ފެންނަ ގޮތް؛ އޮތީ އިމާންތެރިކަމާއި ހެޔޮ ދުއާ އަދި ރައީސްގެ އިހުލާސްތެރިކަން

ޕީއެންސީގެ މެންބަރުން ރައީސް މުހައްމަދު މުއިއްޒުއަށް ތައުރީފުގެ ބަސް ރައްދަކުރައްވަމުން އެ ގެންދެވީ، މަޖިލީހަށް ހުށަހަޅާފައިވާ ތަފްސީލެއް ނެތް، އަދަދުތައް ޔަގީން ނުކުރެވޭ، އަދި ޖަވާބުދާރީ ވެސް ނުކުރެވޭ ގޮތަށް ހުށަހަޅާފައިވާ އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގަ އެވެ.
ބައެއް މެންބަރުން ބަޖެޓާއި ތަރައްގީގެ އުއްމީދު ދޫކޮށްލީ, އީމާންތެރިކަމާއި ހެޔޮދުއާ އަދި ރިޔާސީ އިހުލާސްތެރިކަމުގެ މައްޗަށެވެ.
މައްސަލަތައް ހައްލު ކުރައްވާނެ ގޮތާއި، ފައިސާ ހޯއްދަވާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކަންކަން ގޯހުން ގޯހަށް ގެންދަވާއިރު، އަދިވެސް ބަހަނާއަކަށް ހަދާފައި ވަނީ ކުރީގެ ސަރުކާރެވެ. ރަށްރަށުގައި މަޝްރޫއުތައް ހުއްޓިފައި ހުއްޓަސް، ދެ އަހަރުން 100 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުސްކޮށްލައިފި އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން މުއިއްޒު ރިކޯޑެއް ހެއްދެވިއިރު، އެ މަނިކުފާނު ވީ ވައުދުތަކުގައި ކުލައެއް އެއްވެސް އަތޮޅެއްގައި ނުޖެހެ އެވެ. ސަރުކާރަށް މަޝްރޫއުތައް ހިންގޭނެ ގޮތެއް ނެތިގެން، ރަންބިސް އަޅާ ދެ ކުކުޅުގެ ގޮތުގައި މުއިއްޒުއަށް ފެނިވަޑައިގެންނެވި ހުޅުލެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި ބީއެމްްއެލް މެދުވެރިކޮށް ބައެއް މަޝްރޫއުތައް އެބަ ފަށަ އެވެ.
އެހެންވެ، އިދިކޮޅު މެންބަރުން ކިޔާ ފާޑުތަކަށް ޕީއެންސީގެ ބައެއް މެންބަރުން ރައްދު ދީފައިވަނީ ލާނެތް ގޮތަކަށެވެ. އެއީ މުއިއްޒުއަށް ތައުރީފު ކުރެއްވުންތޯ، ނުވަތަ މަލާމާތް ކުރެއްވުންތޯ ނިންމަވާނީ ކިޔުންތެރިންނެވެ.
އަންނަ އަހަރަށް ލަފާކުރާ 64 ބިލިއަން ރުފިޔާގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ޕީއެންސީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދަވާއިރު، އެ ޕާޓީއަށް ނިސްބަތްވާ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވީ، ބައެއް ކަންތައްތައް ފަހަރެއްގައި ބަޖެޓު ފޮތުން ފެންނަން ނެތަސް، އެކަންކަން ރައީސް ފުއްދަވަމުން ގެންދިޔުމަކީ އުއްމީދީ ބަޖެޓެއްގެ ސިފައެއް ކަމަށެވެ.
"އެހެންވީމާ، އުންމީދީ ބަޖެޓުގައި އޮންނާނީ ދާއިރާގެ ރައްޔިތުންގެ އީމާންކަމާއި އުންމީދުގެ ތެރޭގައި ތިބެގެން ހެޔޮ ދުއާކުރުން. މާތް ﷲ ރަހުމަތުން އިރާދަކުރެއްވިއްޔާ ހެޔޮ ގޮތްތައް މިންވަރުވެގެން އަންނާނެ. ބައެއް ފަހަރު ވުޖޫދުގައި ބައެއް ކަންތައްތައް ނެތުމަކީ ވެސް އެއީ ރަހުމަތެއް،" ރިޒާ ވިދާޅުވި އެވެ.
"އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންތައްތަކަކީ ހަމައެކަނި އެ މަނިކުފާނުގެ ވައުދުފުޅުތަކެއް ފުއްދެވުމެއް ނޫން. ވައުދުފުޅުގައި ނުވާ ކަންތައްތައް ވެސް އެ ހިނދަކަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އެބަ ކޮށްދެއްވާ."
މުއިއްޒުގެ ކުރިން ބަޖެޓު ހުށަހަޅަމުން ގެންދިޔައީ ރަށްރަށަށް ހުރި ޕްރޮޖެކްޓުތަކުގެ ތަފުސީލާ ވެސް އެކު އެވެ. އެ ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ކަމެއް ނުކޮށް ލަސްވާނަމަ އެކަމަކާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރެވެ އެވެ.
ކުރީ ސަރުކާރުތަކުގައި ވެސް ބަޖެޓުކުރި ގޮތަށް ހުރިހާ ކަމެއް ނުދެ އެވެ. ނަމަވެސް އެކަންކަމުގައި ރައްޔިތުންނަށް ލިބިފައި އޮތް ހިތްހަމަޖެހުމަކީ ސަރުކާރާއި މެންބަރުން ޖަވާބުދާރީ ކުރެވުމެވެ. ސުވާލު ކުރެވުމެވެ. މުއިއްޒު ކުރެއްވި ކަމަކީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލު ލިޔުން ހުއްޓައިލުމެވެ. މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ދާއިރާތަކުގައި ޖުމުލަ އަދަދެއް ޖަހާފައިވާ ބަޖެޓެކެވެ. ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު މުހައްމަދު ލަތީފު އަށް ބަޖެޓު ފޮތުން ވަރަށް ތަފްސީލު މަންޒަރު ފެނެ އެވެ.
"އަޅުގަނޑު ހީކުރީ ބަޖެޓުގައި އަޅުގަނޑުގެ އެއާޕޯޓު ނޫނީ ބިން ހިއްކުން ނޯންނާނެ ކަމަށް، އެހެންނަމަވެސް ބަޖެޓުގައި ބިން ހިއްކުމާއި އެއަރޕޯޓު އެބަ އޮތް. އަޅުގަނޑު ހީކުރީ އަޅުގަނޑުގެ ހޮސްޕިޓަލް ނޯންނާނެ ކަމަށް، އިރާދަކުރެއްވީތީ މި ބަޖެޓުގައި ހޮސްޕިޓަލް އޮތް ވާހަކަ ވެސް ދަންނަވައިލަން. އަޅުގަނޑު ހީކުރީ އިންޓަރނޭޝަނަލް ފުޓުބޯޅަ ދަނޑެއް ވެސް މި ބަޖެޓުގައި ނޯންނާނެ ކަމަށް. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީގެ ރަނގަޅުކަމުން އިންޓަނޭޝަނަލް ފުޓުބޯޅަ ދަނޑެއް ވެސް އެބަ އޮތް. މީގައި ހަމަ އަޅުގަނޑު ހީކުރިން އަޅުގަނޑުމެންގެ ޒުވާނުންގެ މަރުކަޒެއް ނޯންނާނެ ކަމަށް، އިރާދަކުރެއްވިއްޔާ މި ބަޖެޓުގައި ފުޓުބޯޅަ ދަނޑެއް ވެސް އެބަ އޮތް،" ލަތީފު އިއްޔެ ވިދާޅުވި އެވެ.
މިއީ ކަނޑައެޅިގެން ދޮގެކެވެ. ނަމަވެސް ލަތީފުގެ އެ ހުއްޖަތް މުޅީން ބިނާކުރީ ހަމަޖެހޭ ވިސްނުމަކަށް ވުރެ ބޮޑަށް މުއިއްޒަށް ވަފާތެރިކަން އޮތްކަން ދެއްކުމަށެވެ. ނުވަތަ މަލާމާތް ކުރުމަށެވެ.
މަޝްރޫއުތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު، އެއީ މި ސަރުކާރުގެ ނުކުޅެދުންތެރިކަން ނޫންކަން ސާބިތުކޮށް ދިނުމަށް މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ "މިރި ނުވެ ގޮބޮޅި، ކާށި ނުވާނެ" ކަމުގެ މިސާލެވެ.
"ފުރަތަމަ، އަޅުގަނޑުމެން މި ކިޔަނީ ގޮބޮޅި ދެން އެވާނީ މިރިއަށް، ދެން އެ ވާނީ ކުރުނބާއަށް ދެން އެ ވާނީ ގަބުޅިއަށް ދެން އެ ވާނީ، ކާއްޓަށް ދެން އެ ވާނީ ކުރޮޅިއަށް. އެހެންވީމާ، މި ތަރުތީބުން މި ދަނީ އެ މަސައްކަތް ވެސް،" ޒަރީރު ވިދާޅުވި އެވެ.
މިއީ ރައްޔިތުންގެ މަންދޫބުންގެ ވާހަކަތަކެވެ. ބަޖެޓަކީ ރައްޔިތުންނަށް ހުރި ކަންކަމާއި، ސަރުކާރުގެ ހަރަދުތަކުގެ ތަފްސީލު ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ލިޔުމެކެވެ. އެކަން އެގޮތަށް ތަރުތީބުކޮށްގެން ކުރަމުން އައި ނަމަވެސް، ރައްޔިތުންގެ ފަޅީގައި ހުންނެވި ކަމަށް ވަކާލާތުކުރައްވާ މުއިއްޒު އެވަނީ ރައްޔިތުންނަށް އެކަންކަން ސިއްރު ކުރައްވައިފަ އެވެ. އެކަންކަން ޕީއެންސީގެ މެންބަރުންނަށް މައްސަލައަކަށް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ