އިންޑިއާގެ ވެރި ރަށް ދިއްލީގައި ބޮމެއް ގޮއްވާލައިގެން އަށް މީހުން މަރާލި ހާދިސާގައި ހައްޔަރު ކުރި ޑރ. ޕަރްވޭޒް އަންސާރީ ހަރުކަށި ފިކުރަށް ދިޔައީ އޭނާ ދިވެހިރާއްޖޭގައި މަސައްކަތް ކުރިއިރު ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި ރާއްޖޭގެ ހޮސްޕިޓަލެއްގައި ތިން އަހަރު މަސައްކަތް ކުރި ޕަރްވޭޒް، 41، ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހެވެ. އޭނާގެ ދައްތަ، ޑރ. ޝާހީން ޝާހިދާއެކު އެ މައްސަލައިގައި ޖުމްލަ 10 ޑޮކްޓަރަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.
އިންޑިއާގެ އެންމެ އިތުބާރު ހިފޭ އެއް ނޫސް ކަމަށްވާ ހިންދުސްތާނު ޓައިމްސްގައި، އުއްތަރު ޕްރަދޭޝްގެ އެންޓި ޓެރަރިސްޓް ސްކޮޑުގެ މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ، ޕަރްވޭޒް ރާއްޖޭގައި މަސައްކަތް ކުރިއިރު ހަރުކަށި ފިކުރަށް ގޮސް، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން ގާއިމް ކުރި ކަމަށް ބެލެވޭ ކަމަށެވެ.
"ބައިނަލްއަގުވާމީ ޓެރަރިސްޓު ނެޓްވޯކުތަކާ ޑރ. ޕަރްވޭޒްއަށް ގުޅުން އުފެދުނީ ރާއްޖެއިން ބައްދަލުވި ބައެއްގެ ފަރާތުން ކަމަށް އެ މައްސަލަ ތަހުގީގު ކުރާ ފުލުސް އޮފިސަރުން ތުހުމަތު ކުރޭ. ގައުމުން ބޭރުގައި އޭނާ އުފެއްދި ގުޅުންތައް 'އޮޕަރޭޝަނަލައިޒް' ކުރަން ލަކްނޯއަށް އެނބުރި ދިޔުމަށްފަހު ޑރ. ޕަރްވޭޒް މަސައްކަތް ކުރި،" ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ.
އިންޑިއާއިން ބޭރުގައި ޑރ. ޕަރްވޭޒް ހޭދަ ކުރި ދުވަސްތަކާއި އިންޑިއާއަށް އެނބުރި އައުމަށްފަހު ހަރަކާތްތެރިވި ގޮތް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އިންޑިއާއަށް އެނބުރި ދިޔުމަށްފަހު މުޖްތަމައާ އެކަހެރިކޮށް އޭނާ ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާތީ އޭގެ ސަބަބު ވެސް ފުލުހުން ދަނީ ހޯދަމުންނެވެ.
އިންޑިއާއަށް ދިޔުމަށްފަހު ޕަރްވޭޒް އުޅެން ފެށީ އޭނާގެ އާއިލާއާ ވަކިން އެހެން ގެއެއްގަ އެވެ. އޭގެ ފަހުން އަވައްޓެރިންނާ ވެސް އާންމުކޮށް ވާހަކަ ދައްކައި ނޫޅޭ ކަމަށް އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނެ އެވެ. އަދި އޭނާގެ ބައްޕައާއެކު އޮތް ގުޅުން ވެސް ޕަރްވޭޒް ކަނޑާލި ކަމަށް ބައެއް މީހުން ބުންޏެވެ. އޭގެ ފަހަތުގައި ވަނީ "ސިއްރުވެރި ދިރިއުޅުމެއް" އުޅުން ކަމަށްވެ އެވެ.
އާސާރީ ބިނާއެއް ހުންނަ އަދި ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ ދިއްލީެ ރެޑް ފޯޓު ސަރަހައްދުގައި ބޮން ގޮއްވީ ކާރެއްގައި ބޮން ހަރުކޮށްގެންނެވެ. ބޮން ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށް މިހާތަނަށް ބެލެވެ އެވެ. ރިމޯޓުން ބޮން ޓްރިގާ ކުރީ ޕަރްވޭޒްގެ އެއްބަނޑުއެއްބަފާ ދައްތަ، ޑރ. ޝާހީން އަހުމަދު ކަމަށްވެ އެވެ.
ބޮން ގޮއްވާލި ހާދިސާގައި، ޕަރްވޭޒް އަދާކުރި ސީދާ ރޯލު ހޯދަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ނޫސްތަކުން ތުހުމަތު ކުރާ ގޮތުގައި، އޭނާ ހަރަކާތްތެރި ޓެރަރިސްޓު ސެލްއަށް މީހުން ރެކްރޫޓު ކުރަން ޕަރްވޭޒް ވަނީ މަސައްކަތްކޮށްފަ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޑރ. ޕަރްވޭޒް ހަރުކަށި ފިކުރަށް ދިޔައީ ރާއްޖޭގައި މަސައްކަތް ކުރިއިރު ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޑރ. ޕަރްވޭޒް ހަރުކަށި ފިކުރަށް ދިޔައީ ރާއްޖޭގައި މަސައްކަތް ކުރިއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ