ބޮޑު ތުހުމަތެއް: ނޮވެންބަރު 17 ގެ އެއްވުން އެމްޑީޕީން ނުބޭއްވީ ފައިސާ ނަގައިގެން!
އިދިކޮޅު އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ބާއްވާނެ ކަމަށް މީގެ ކުރިން އިއުލާނުކުރި ބޮޑު އެއްވުން ކެންސަލްކުރީ 'ދާނެ މީހަކު ނުވެގެން ވިއްކާލައިގެން' ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ތުހުމަތުކުރައްވައިފިއެވެ. ސަރުކާރަށް ދެ އަހަރު ފުރޭ ނޮވެންބަރު 17 އާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން އިއުލާނުކުރީ މިދިޔަ މަހު ތިންވަނަ ދުވަހު ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ފަހު، ޖެހިގެން އައި ދުވަހު ބޭއްވި ގައުމީ މަޖިލީސް ބައްދަލުވުމެއްގައެވެ. އެހެންވެ، އެ އެއްވުމަށް ތައްޔާރުވާން އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެކަމަކު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހުރަސްއަޅުއްވަނީ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ އެއްވުން މުއްދަތެއް ނެތި ފަސްކޮށްފައެވެ. އެ ޕާޓީގެ ގައުމީ މަޖިލީސް އިއްތިފާގުވެގެން ނިންމީ އެއްވުން ފަސްކޮށް، ދެން އެއްވުން ބާއްވާނެ ތާރީޚަކާއި ތަނެއް ޕާޓީގެ ލީޑާޝިޕުން ނިންމާ ގޮތަށެވެ. https://sun.mv/213645 ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން އެ ފަހުން ވަނީ އެއްވެ އުޅުމުގެ ގާނޫނު އުވާލަން ހުށަހަޅާފައެވެ. އެ ބިލަށް ބަހުސްކުރައްވަމުން ފަލާހް މިއަދު ވިދާޅުވީ، އެއްވުމަށް ދާނެ މީހަކު ނުވެގެން އެމްޑީޕީން 'ބިޑަށް ލާފައި' އެއްވުން ވިއްކާލީ ކަމަށެވެ. "ދާނެ މީހަކު ނުވެގެން އެންމެ ފަހުން އެ [އެއްވުން] ވެސް ވިއްކާލީ،" އޭނާ ތުހުމަތުކުރެއްވިއެވެ. "ބިޑަށް ލާފައި އެ ވިއްކާލީ. އެއް ބަޔަކަށް ނޭނގުނު ކޮން ބައެއް ކަމެއް ނެގީ. މި ހާލަތުގައި އޮތް ޕާޓީއެއްގެ ވާހަކަ މި ދައްކަނީ. އެހެންވީމާ އެމްޑީޕީއެއް މިއަދަކު ނެތް. އެމްޑީޕީއެއް ނެތް،" ފަލާހް ވަނީ އެމްޑީޕީން އެއްވުމަށް "އަންނާނެ މީހަކު ވޭތޯ" ރަށްރަށަށް ދަތުރުކުރި ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ ވަނީ އެމްޑީޕީގައި ތިއްބެވި މެންބަރުން ވެސް 'ނުކުންނަން ބޭނުންވެފައި' ތިއްބެވި ކަމަށް ތުހުމަތުކުރައްވާފައެވެ. މެޖޯރިޓީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ އެމްޑީޕީން އެއްވުން ވިއްކާލީ ކަމަށް --- ފޮޓޯ/ މަޖިލިސް ފަލާހް ވަނީ އެއްވެ އުޅުމުގެ ގާނޫނު އުވާލަން އެމްޑީޕީގެ ފަރާތުން ހުށަހަޅާފައި އޮތް ބިލަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެ ބިލު ހުށަހެޅުއްވިއިރު، ބަހުސްގައި އޭނާ ވަނީ ބާރު އޮތްއިރު އެ ގާނޫނު އުވައިނުލެވުމަކީ ހެދުނު ގޯހެއް ކަމަށް ވިދާޅުވެފައެވެ. އޭނާ މި ފަދަ ބޮޑު ތުހުމަތެއް ކުރައްވާފައިވާއިރު، އެމްޑީޕީގެ އެތެރޭގައި ވެސް އެއްވުން ކުއްލި ގޮތަކަށް ކެންސަލްކުރުމުން ނުތަނަވަސްކަން އޮތީ ބޮޑުވެފައެވެ. ނަން ނުޖަހާ ގޮތަށް 'ސަން'އާ ވާހަކަދެއްކެވި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅަކު ވެސް ވަނީ އެ ފަދައިން ތުހުމަތުކުރައްވާފައެވެ. އެއްވުން ކުއްލި ގޮތަކަށް ފަސްކުރުމުން އެ ޕާޓީގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެސް އުފެދުނެވެ. ގިނަ އަދަދެއްގެ މީހުންނާ އެކު އެމްޑީޕީން މިދިޔަ މަހު ބޭއްވި އެއްވުމުން ހަތް މީހުން ހައްޔަރުކުރިއެވެ. އެ މީހުން ދޫކޮށްލީ 15 ދުވަހު ބަންދުކޮށްގެން ގެންގުޅުމަށް ފަހުގައެވެ. އެކަމަކު، އެ މީހުންނާ ދެކޮޅަށް ދައުވާނުކުރާން އިއްޔެ ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ