ޖިންސީ ކުށް ކުރި އެމެރިކާގެ ފައިނޭންސަރު ޖެފްރީ އެޕްސްޓީންގެ ފައިލްތައް އާންމުކުރުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓަށް އެންގުމަށް އެމެރިކާގެ ކޮންގްރެސްގެ ދެ ޗެމްބަރުން ވެސް އިއްޔެ ފާސްކޮށްފި އެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވަނީ 427-1ގެ އަގުލަބިއްޔަތުން އެ ނިންމުން ފާސްކޮށްފަ އެވެ. ސެނެޓުގެ އިއްތިފާގުން އެ ނިންމުން ފާސްކުރީ ރަސްމީކޮށް ވޯޓެއް ނުނަގަ އެވެ.
އެ ފިޔަވަޅު އަޅާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުން ބަދަލުވެ، އޭނާގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާ ގުޅިގެން އެ ރެކޯޑްތައް އާންމުކުރުމަށް ކޮންގްރެސްއަށް ވޯޓު ދިނުމަށް ގޮވާލިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޖުމްލަ 20،000އަށް ވުރެ ގިނަ ސަފުހާގެ ލިޔެކިޔުންތައް އާންމުކުރަން ނިންމިއިރު، ޓްރަމްޕާއި އެޕްސްޓީންއާ ގުޅުން އޮތް ގޮތް އަލުން ހެޑްލައިންތަކަށް އައީ މިދިޔަ ހަފުތާގަ އެވެ. ބައެއް މީހުން ޓްރަމްޕާ ބެހޭ ގޮތުން އެ ތުހުމަތު ކުރެ އެވެ. ނަމަވެސް ވައިޓް ހައުސް އިން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ލޫޒިއާނާގެ ރިޕަބްލިކަން ޕާޓީގެ ކްލޭ ހިގިންސް ވަނީ އެ މައުލޫމާތު ހާމަކުރުމުން ކުށެއް ނެތް މީހުންނަށް ގެއްލުން ލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ކެޕިޓަލް ހިލްގައި ހުރި ފައިލްތައް ދޫކޮށްލަން ގޮވާލި މީހުންނަށް ޓްރަމްޕް ފާޑުވިދާޅުވުމުގެ ބަދަލުގައި "ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް" ކަމަށް ވިދާޅުވުމުން ވޮޝިންޓަންގެ ބައެއް މީހުން ހައިރާން ކުރުވި އެވެ.
ހައުސްގެ ސްޕީކަރު މައިކް ޖޯންސަން ވަނީ އެޕްސްޓީންގެ ފައިލްތައް ދޫކޮށްލަން ގޮވާލުމަކީ "ޑިމޮކްރެޓިކް ޖޯކެއް" ކަމަށް ތަކުރާރުކޮށް ސިފަ ކުރައްވައިފަ އެވެ.
އެމެރިކާގެ ސެނެޓަށް އެ ފިޔަވަޅު އަޅަން ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، ހައުސްގެ ވޯޓުގެ އަގުލަބިއްޔަތުން ނިންމުމުން، އެ މުއްދަތު އަވަސްވެގެން ދިޔަ އެވެ.
ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ ވަނީ އެ ބިލް ސެނެޓުގެ ތަޅުމުގައި ހުށަހަޅުއްވައިފަ އެވެ. އެއްވެސް މެންބަރަކު އެކަމާ ދެކޮޅެއް ނުހައްދަވަ އެވެ. އަދި ބަހުސެއް ނުހިނގަ އެވެ.
ޓްރަމްޕް އެ ބިލް ތަސްދީގުކުރައްވާނެ ކަމަށް ބެލެވެ އެވެ.
އެ ފައިލްތައް އާންމުކުރަން ކޮންގްރެސްގެ ވޯޓެއް ނަގާކަށް ނުޖެހެ އެވެ. އެ ފައިލްތައް ދޫކުރުމަށް ޓްރަމްޕަށް އަމުރުކުރެވިދާނެ އެވެ.
އެ ބިލުގެ ދަށުން އެޓާނީ ޖެނެރަލް ޕާމް ބޮންޑީއަށް ސިއްރު ނުކުރެވޭ ހުރިހާ ރެކޯޑްތަކާއި ލިޔެކިޔުންތަކާއި މުވާސަލާތީ މައުލޫމާތުތައް ހާމަކުރަން ޖެހެ އެވެ. އަދި އެޕްސްޓީން އާއި އޭނާގެ ބައިވެރިޔާ ގިސްލައިން މެކްސްވެލްއާ ގުޅޭ ތަހުގީގީ ލިޔުންތައް، ގާނޫނު ވުޖޫދަށް އަންނަތާ 30 ދުވަސް ތެރޭގައި ހާމަކުރަން ޖެހެ އެވެ.
އޭގެ ތެރޭގައި ޖަސްޓިސް ޑިޕާޓްމަންޓްގެ އެތެރޭގެ ކޮމިއުނިކޭޝަންސް، ފްލައިޓް ލޮގް އަދި އެޕްސްޓީންއާ ގުޅުން ހުރި ފަރާތްތަކާއި އިދާރާތައް ހިމެނެ އެވެ.
ނަމަވެސް ފެޑެރަލް ތަހުގީގަށް ހުރަސް އެޅޭ ފަދަ މައުލޫމާތެއް ސިއްރު ކުރުމުގެ ބާރު އެ ބިލުން ބޮންޑީއަށް ދީފައިވެ އެވެ.
އެޕްސްޓީން އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނީ 2019 ވަނަ އަހަރު ނިއު ޔޯކްގެ ޖަލުގެ ގޮޅީގަ އެވެ.
އޭނާ ހައްޔަރު ކުރީ 2008 ވަނަ އަހަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވުމުންނެވެ.
އެޕްސްޓީންގެ މައްޗަށް ކުރި ދެ ޖިނާއީ ތަހުގީގެއްގައި އެތައް ހާސް ލިޔެކިޔުންތަކެއް ވަނީ އެއްކޮށްފަ އެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު މީހުންނާއި ހެކިވެރިންނާ އިންޓަވިއުތަކުގެ ބަޔާންތައް ވެސް ހިމެނެ އެވެ.
ޓްރަމްޕާއި އެޕްސްޓީން ވެސް އުޅުއްވީ އެއްކަހަލަ ގުޅުންތަކެއްގެ ތެރޭގަ އެވެ. ނަމަވެސް މީގެ އެތައް އަހަރެއް ކުރިން އެޕްސްޓީންއާ އޮތް ގުޅުން ކަނޑާލި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެޕްސްޓީންގެ ޖިނާއީ ކުށުގެ އަމަލުތައް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެޕްސްޓީންގެ ފައިލްތައް އާންމުކުރުމަށް ކޮންގްރެސްއިން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ