އަބްދުއްރަޙުމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދަޢުވާތައް ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މިދިޔަ ޖުލައި މަހުގެ 13ގައެވެ. އެ މައްސަލައިގައި އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ އޮގަސްޓު މަހު 21ގައެވެ. އެއީ، އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދާއި، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އާޝިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިސާމާއި، ފާރިސްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާ މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށް ޢަބްދުއްރަޙްމާންގެ އާއިލާއިން މީގެ ކުރިން ބުންޏެވެ. އެ ރަށުން 'ސަން'އާ ވާހަކަދެއްކި އިތުރު މީހަކު ކުރިން ބުނި ގޮތުގައި އެ ތިން ޒުވާނުންނަކީ ވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ޒިންމާދާރު ބައެކެވެ. އަދި، އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއް ކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ މާޅޮހުގެ ސްޓެލްކޯ ގޮފީގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ. https://s1.sun.mv/210568 މިތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެ ރަށު މީހުން ބުނާ ގޮތުންނަމަ އަބްދުއްރަހްމާނަކީ ސިހުރުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. އެކަމަކު، އާއިލާއިން އެ ތުހުމަތު ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ