ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިނުލެވުމަކީ އެމްޑީޕީއަށް ހެދުނު ގޯހެއް: މީކާއިލް ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިނުލެވުމަކީ އެމްޑީޕީއަށް ހެދުނު ގޯހެއް: މީކާއިލް

ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު މިދިޔަ ސަރުކާރުގެ ދުވަސްވަރު އުވާނުލައި ބޭއްވުމަކީ އެމްޑީޕީއަށް ހެދުނު ގޯހެއް ކަމަށް އެ ޕާޓީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް މިފަދައިން ވިދާޅުވީ އެ ގާނޫނު އުވާލަން އޭނާ މިހާރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތް ބިލަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އުވާލަން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ޕާކު ކޮށްފައި ބޭއްވުމަކީ ގޯހެއްކަން ގަބޫލުކުރައްވާ ކަމަށް މީކާއިލް މިއަދު ވަނީ ވިދާޅުވެފަ އެވެ.
"ކާށިދޫ ދާއިރާގެ އިއްޒަތްތެރެި މެންބަރު ޖާބިރު އެ ބިލު ހުށަހަޅުއްވާ ރައްޔިތުންގެ މަޖިލީހުގައި އެތައް ދުވަހެއް ވަންދެން އެ ބިލު ބޭއްވުމަކީ، އަޅުގަނޑުމެން މިއަދު އެކްނޮލެޖް ކުރަން އިއްޒަތްތެރި ރައީސް. ހެދުނު ވަރަށް ބޮޑު ގޯހެއް،" މީކާއިލް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުން އަދި ސިޔާސީންނަށް ހެދޭ ގޯސްތަކަށް އިއުތިރާފުވުމަކީ މަދުން ނޫނީ ނުވާ ކަމެއް ކަމަށާޢި ނަމަވެސް މިއަދު އެމްޑީޕީން އެ ގޯހަށް ފަހުރުވެރިކަމާއެކު އިއުތިރާފުވާ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުމަށް ޕާޓީތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަަމަށް ވެސް ވިދާޅުވި އެވެ.
މި ގާނޫނު ވުޖޫދުގައި އޮތުމުން މި ސަރުކާރުން ތިން މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ދައުވާ ކުރަން ނިންމިކަން މީކާއިލް ފާހަގަކުރި އެވެ.
އޭގެތެރެއިން އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރާން ރޭ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން "ކުއްލިއަކަށް" ނިންމީ މިއަދު މި ބިލަށް ބަހުސް ކުރާތީ ކަމަށް މީކާއިލް މިއަދު ތުހުމަތުކުރެއްވި އެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މަރުހަބާ ދަންނަވަން މި ބިލު އެޖެންޑާ ކުރެވުނު ހިސާބުން ނަމަވެސް. އެ ބޭފުޅުންނަށް އެބޭފުޅުންނަށް ހެއްދެވުނު ގޯސް ފާހަގަވެ އެ ދައުވާ އަނބުރާ ގެންދިޔަކަން އެއީ އަޅުގަނޑުމެން އުފާކުރާ ކަމެއް،" މީކާއިލް ވިދާޅުވި އެވެ.
އެ މުޒާހަރާގެ އިތުރުން ދެން ސަރުކާރުން ދައުވާ ކުރީ ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާ އާއި ގުޅިގެން ޒުވާނުން ކުރި މުޒާހަރާތަކުން ހައްޔަރުކުރި ދެ ޒުވާނެއްގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއިން ހައްޔަރުކުރި ބަޔަކަށެވެ.
ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ހޯމް މިނިސްޓްރީން އޭރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ.
އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެއީ އަމަލު ކުރަންޖެހޭ ގާނޫނެއް ނޫން ކަމަށެވެ. އެއްވެ އުޅުމުގެ ހައްގު ހިފެހެއްޓުމަށް ފާސްކުރި އެ ގާނޫނު އުވައިލުމަކީ 2018 ގައި ވެރިކަމަށް އައި އެމްޑީޕީގެ ރިޔާސީ ވައުދެއް ވެސްމެ އެވެ. އެހެންނަމަވެސް ވެރިކަން ނިމުމާ ހަމައަށް ވެސް އެ ގާނޫނު އުވާލައިފައެއް ނުވެ.
އެމްޑީޕީގެ ވެރިކަމުގައި އެ ގާނޫނަށް އަމަލު ކުރާތީ، އެކަމަށް ވަރަށް ބޮޑަށް މިހާރުގެ ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުން، ފާޑުވިދާޅުވަމުން ގެންދެވި އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ ގާނޫނު އުވައިލާނެ ކަމަށް މިހާރުގެ ބަންޑާރަނައިބު، އަހުމަދު އުސާމް ވެސް އޭރު ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމުގެ ވާހަކަ މުއިއްޒުގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަަނުއްވައިފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެމަނިކުފާނުގެ މެނިފެސްޓޯގެ 19.11 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަލައި ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ބެލުމަށްފަހު އިސްލާމް ދީނާ ހިލާފުނުވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ