ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ޓައުންޝިޕްތައް ތަރައްގީކުރަން ބޭނުންވާ ތަންތަނުގައި ރާއްޖެއަށް ބޭނުންވާ ދެ ބާވަތެއްގެ އުފެއްދުންތަކުގެ އިމްޕޯޓުގެ 50 ޕަސެންޓު އުފައްދަން ޖެހޭ ގޮތަށް އޮތް ބައި ބަދަލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި ގެޒެޓުކޮށްފައިވާ އާ އުސޫލުގައި އޮތް ގޮތުން ދަނޑުވެރިކަމުން ބޮޑު މަންފާއެއް ލިބޭ ގޮތަށް އޮތް ބައި ބަދަލުކޮށް، ސީދާ ކަނޑައެޅިފައިވާ ވަކި ކަމެއް ހާސިލުނުވިޔަސް ދަނޑުވެރިކަމުގެ ބައި ފުރިހަމަވީ ކަމަށް ކަނޑައެޅޭ ގޮތަށެވެ.
ފުރަތަމަ ގެޒެޓުކުރި އުސޫލުގައި އޮތީ، މިފަދަ ޓައުންޝިޕެއްގައި ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީތަކާއި އެކުއަކަލްޗާ މެދުވެރިކޮށް، އެސްއީޒެޑު އިންވެސްޓްމަންޓު ބޯޑުން ކަނޑައަޅާ މަދުވެގެން މުހިންމު ދެ ބާވަތެއްގެ ނުވަތަ އުފެއްދުމެއްގެ ގައުމީ އިމްޕޯޓުގެ 50 ޕަސެންޓު ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އާ އުސޫލުގައި އޮތީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި، އިމްޕޯޓްކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ބަރޯސާވާ މިންވަރު ކުޑަވާ ގޮތަށް، ސަރުކާރާ އެއްބަސްވެވޭ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ ބައި ފުރިހަމަވީ ކަމަށް ކަނޑައެޅޭ ގޮތަށެވެ.
އެސްއީޒެޑުގެ ދަށުން ޓައުންޝިޕެއް ނޫނީ މީހުން ދިރިއުޅެން ހާއްސަކޮށްގެން ތަރައްގީކުރާ ތަންތަނަށް މަދު ވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަން ޖެހެ އެވެ. މިއީ މުއްސަނދި މަހުޖަނުން، އެ މީހުންގެ އާއިލާތަކާ އެކީ ރާއްޖޭގައި ދިރިއުޅެން ޝައުގުވެރިކަން ހުޅުވާލާފައިވާ އިންވެސްޓުމަންޓު ފުރުސަތެކެވެ.
މިފަދަ ޓައުންޝިޕްތަކުގައި މައިގަނޑު ގޮތެއްގައި ހުންނަން ޖެހެނީ ރިއަލް އެސްޓޭޓެވެ. އޭގެ އިތުރުން މަތީ ފަންތީގެ ރިސޯޓާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މަތީ ފަންތީގެ ސިއްހީ ހިދުމަތްތަކާއި ތައުލީމީ ވަސީލަތްތަކައި އެހެނިހެން އުމްރާނީ ވަސީލަތްތައް އެ ތަނުގައި ތަރައްގީކުރަން ޖެހެ އެވެ.
މިހާތަނަށް ޓައުންޝިޕެއް ތަރައްގީކުރުމުގެ ހުއްދަ ދީފައި ވަނީ ނ. ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރަމުން އަންނަ "ޕްރޮޖެކްޓް އައީލާ" އަށެވެ. މިއީ ބޮޑު ބައި އިރުގެ ހަކަތައިން އުފައްދާ ގޮތަށް ހިންގާ ލަގްޒަރީ ވިލާތަކާއި އެހެނިހެން ވަސީލަތްތައް ހިމެނޭ ޓައުންޝިޕެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.
ޕްރޮޖެކްޓު އަޔާލާ ޓައުންޝިޕުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުއަކަލްޗާ އަދި އެޑްވާންސް އެގްރިކަލްޗާގެ މަސައްކަތްތައް ހިނގާނެ ކަަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެސްއީޒެޑުގެ ދަށުން ހިންގާ ޓައުންޝިޕް ޕްރޮޖެކްޓުގެ އިތުރުން މިހާތަނަށް ހުއްދަ ދިން އަނެއް މަޝްރޫއަކީ "ޕްރޮޖެކްޓު ސޯލާ ސިޓީ" އެވެ. މިއީ ފްލޯޓިން ސޯލާ ޕެނަލްތަކުން ކަރަންޓު އުފައްދާ ގޮތަށް، ރިއަލް އެސްޓޭޓާއި ސިނާއީ މަސައްކަތުގެ ބަޔެއް ހިމެނޭ ގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ.
ކުޑަ ބަނޑޮސް އިރުމަތިން އޮންނަ ފަޅުގައި ގާއިމުކުރާ މި ސޯލާ ނިޒާމު ގްރޭޓާ މާލޭ ސަރަހައްދުގެ ގްރިޑާ ގުޅާލާ، އެ ނިޒާމުން އުފައްދާ ކަރަންޓު މާލެ އާއި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.
އެސްއީޒެޑު ޓައުންޝިޕްތަކުގައި ދަނޑުވެރިކަން ކޮށްގެން ބޮޑު މަންފާއެއް ލިބޭ ގޮތަށް އޮތް ބައި ބަދަލުކޮށްފި އެސްއީޒެޑު ޓައުންޝިޕްތަކުގައި ދަނޑުވެރިކަން ކޮށްގެން ބޮޑު މަންފާއެއް ލިބޭ ގޮތަށް އޮތް ބައި ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ