ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވި މައްސަލަ ތަހުގީގުކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ލަފައެއް ހޯދަނީ ލަނޑެއް ދިނުމުގެ ނިޔަތުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ފަލާހު ވިދާޅުވި ވާހަކައާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި، މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައެއް ޕީޖީން ހޯދަނީ ޕީޖީ، އައްބާސް ޝަރީފަށް ލަނޑެއް ދިނުމަށް ކަމަށެވެ.
"އުލުބައިންދަނީ ކީހިނެއްތޯ ބަލަން ބަސްފޮތް ހޯދަން ދާންވީކީ ނަސީރު ކައިރިއަކަށެއް ނޫން. މިއީ ހަމަ ބަލަން ޖެހޭ ކަމެއް ބެލޭނެ ކަމެއް. އެނގޭތޯ. އެހެންވީމަ މަގު ދިއްކުރަން މިހާރު އެހެރަ ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަނޑެއް ދޭން،، ކެއްސެއް ދޭން ނޫން ގޮތަކަށް އަޅުގަނޑަކަށް ސިފައެއް ނުވެއޭ،" ޔާމީން ވިދާޅުވި އެވެ.
އުލު ބޭންދުމަކީ ކޮބައިކަން ހުރިހާ އެންމެންނަށް ވެސް އެނގޭނެ ކަމަށާއި އޭގެ މާނަ ހޯދުމަށް ހެރިޓޭޖު މިނިސްޓަރު، އާދަމް ނަސީރު އަރިހަށް ނުވަތަ ރަދީފު ބަލަން ނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭގެއިތުރުން ޔާމީން ވިދާޅުވީ އުލުބައިންދަން ފަލާހް ގޮވާލިއިރު އޭގެ މާނަ އެނގޭނެ ކަމަށާއި އޭގެ ކުރިން ދެއްކީ ނޫސްވެރިން ޖަލަށް ލާނެ ވާހަކަ ކަމަށެވެ.
"އަޅުގަނޑަކަށް ނުވިސްނޭ ބަހުގައި ތަފާތު މާނަތަކެއް އުޅޭ ކަމަކަށް. އެނގޭތޯ. އުލުބޭންދުމަކީ ނޭގިގެން ރަދީފު ހޯދާކަށް ނުޖެހޭ އަދި އެއަށް އިތުރު މާނައެއް ހޯދުމަށްޓަކައި މިހާރު އަނެއްކާވެސް މީތި ޕްލެޖަރައިޒްކޮށްފައި ނޫނީ މާނަ ކޮންވީނިއަންޓްލީ އަނެކަތިކުރުމަށްޓަކައި މައްޗަށް އުފުލިގެންދިޔުން،" ޔާމީން ވިދާޅުވި އެވެ.
"އެކަހަލަ މާނައެއް ނެރުން ޅެންވެރިކަމާ ބެހޭ ވަޒީރު އަރިހަށް ދާކަށް ނުޖެހޭ. މީގެ މާނަ ވަރަށް ސާފު. އޭގެ މާނަ ސާފުވީމަ ފަލާހް އެވާހަކަ ދައްކާނީ. އަނެއްކާ އޭނަ ބުނީ ކީކޭ. ބޮޑު ކުށަކަށްވުރެ ބޮޑަށް މިކަން ކުރަން ޖެހެއޭ. ޖަލަށް ލުމަށްވުރެ ބޮޑަށް މި މީހުން އެންމެން އުލު ބައިންދަން ޖެހެއޭ. މިއީކީ އޮޅިގެން ހިނގާ ކަންކަމެއް ނޫން."
ޔާމީން ވިދާޅުވީ މައްސަލަ ބެލި ކަމުގައިވިޔަސް ފަލާހްއަށް މި ސަރުކާރުގައި އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ މިވަގުތު ރައީސް މުހައްމަދު މުއިއްޒު ބުނާހާ ގޮތް ހައްދަވަނީ ފަލާހް ކަމަށްވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިކަމެއް ނުހިގާނެކަން ވެސް އަޅުގަނޑަށް އެނގޭ. އެ މިކަން ނުހިނގާނެ ގޮތަކީ މުއިއްޒު ބުނިއްޔާ ބުނިހާ ކަމެއް ކުރަން މިވަގުތު ހުރި މީހަކީ ފަލާހް. އެނގޭތޯ. އެއީ މިހާރު މުއިއްޒު ބުނިއްޔާ ބުނިހާ ކަމެއް އަބްދުއްރަހީމް ވެސް ނުކުރޭ. އެހެން މީހަކުވެސް ނުކުރޭ،"
ބައެއް ނޫސްވެރިން އުލު ބައިންދަންޖެހޭ ކަމަށް ފަލާހު ވިދާޅުވީ މިދިޔަ ބުދަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.
"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.
ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.
ފަލާހު ދެއްކި ވާހަކައަށް ޕީޖީގެ ލަފައެއް ފުލުހުން ހޯދަނީ ލަނޑެއް ދޭން: ޔާމީން ފަލާހު ދެއްކި ވާހަކައަށް ޕީޖީގެ ލަފައެއް ފުލުހުން ހޯދަނީ ލަނޑެއް ދޭން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ