ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވަނީ
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެފައިވިޔަސް، ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިިފި އެވެ.މަރުކަޒީ ބޭންކް، އެމްއެމްއޭން އާންމުކުރި ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު 186،738 ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެއެވެ. އެއީ، މިދިޔަ އަހަރުގެ ޖުލައި މަހު ޒިޔާރަތްކުރި 167،528 ފަތުރުވެރިންނަށް ވުރެ 11 ޕަސެންޓު އިތުރު އަދަދެކެވެ.އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ބެޑްނައިޓްސް ނުވަ ޕަސެންޓު އިތުރުވެފައިވެއެވެ. މި މުއްދަތުގައި ގެސްޓްހައުސްގެ ބެޑްނައިޓްސް 55 ޕަސެންޓު އިތުރުވިއިރު ރިސޯޓުތަކުގެ ބެޑްނައިޓްސް ދެ ޕަސެންޓު އިތުރުވި ކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.މީގެ އިތުރުން، މި އަހަރުގެ މި މުއްދަތުގައި ހިދުމަތަށް 1،673 އެނދު އިތުރަށް ނެރުނުއިރު، 963 އެނދު އިތުރަށް ރެޖިސްޓްރީކޮށްފައި ވެއެވެ. އެހެންކަމުން، މި އަހަރުގެ މި މުއްދަތާ ހަމައަށް ޖުމުލަ 63،077 އެނދު ހިދުމަތަށް ނެރެފައިވާއިރު، 64،413 އެނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.ނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާ ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު ވަނީ ކުރުވެފަ އެވެ. މިިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގައި އެވަރެޖްކޮށް 7.6 ދުވަހު ފަތުރުވެރިން ހޭދަކުރިއިރު، އެ އަދަދު ވަނީ މި އަހަރުގެ އެ މުއްދަތުގައި 6.9 ދުވަހަށް ވެއްޓިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،100އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށެވެ. މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1،468،740 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 9.3 ޕަސެންޓުގެ އިތުރުވުމެކެވެ.ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެންމެ ގިނަ ފަތުރުވެރިން މި އަހަރު އައީ ޗައިނާއިންނެވެ. އެގޮތުން، ޗައިނާއިން 231،337 ފަތުރުވެރިން އައިއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ރަޝިއާއިން 175،161 ފަތުރުވެރިން އައިސްފައިވެއެވެ. އަދި، އިނގިރޭސި ވިލާތުން 133،063 ފަތުރުވެރިން އައިއިރު، ޖަރުމަނުން 101،081 ފަތުރުވެރިން، އިޓަލީން 105،571 ފަތުރުވެރިން، އަދި އިންޑިއާއިން 83،784 ފަތުރުވެރިން އައިސްފައި ވެއެވެ.މި އަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ