ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ނިންމުމާ އެއްގޮތަށް 2021 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) އަށް އެ މުއައްސަސާގެ ވަޒީފާ އިއާދަ ކޮށްދީފި އެވެ.
ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން ޖުމުލަ ހަތް ބޭފުޅުން ވަޒީފާއިން ވަކިކުރަން އޯގަސްޓު 9، 2021 ގައި ޕޮލިސް ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ޓޫފޯ އާއި ޖަމްޝީދު ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 10، 2021 ގަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން ފުލުހުންގެ ވަޒީފާއަށް ނެރުނީ މިއަދު އެވެ.
އެ ދެ މީހުންނަށް ފުލުހުންގެ ވަޒީފާ އިއާދަ ކޮށްދީފައި މިވަނީ ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބޭރު ކޮށްލުމުންނެވެ.
އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ ދިވެހި ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ. ޖުލައި 23، ގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު، ފުލުހުންގެ އިދާރާއިން މީގެ ކުރިން އަމަލު ކޮށްފައިވާ ގޮތުގައި އެއްގޮތް ނޫން ކަންތައްތަކެއް ހުރި ކަމަށެވެ.
އެގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި ފުލުހުންގެ ފަރާތުން އިސްތިއުނާފު ކުރިއިރު، ފުލުހުންގެ ވަޒީފާއިން ވަކިކުރަން އެ އިދާރާއިން ނިންމި ބައެއް އޮފިސަރުންނަށް ސިވިލް ކޯޓުގެ ހުކުމަށްފަހު، އެ ހުކުމް ރަނގަޅު ކަމަށް ބަލައިގެން ޕްރޮމޯޝަން ދީފައިވާކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"އެއްކޮޅުން އެ ހުކުމުގެ ސައްހަކަމާމެދު ދައުލަތުން ސުވާލު އުފައްދަމުން، އަދި ހަމަ އަނެއްކޮޅުން އެ ހުކުމަށް ރިއާޔަތްކޮށް އެއްބަޔަކަށް ޕްރޮމޯޝަން ދެމުންދާ ދިޔުމަކީ އިސްތިއުނާފުގައި އޮތް މައްސަލައިގައި ދައުލަތުގެ ސްޓޭންޑާ ތައާރުޒުވާ ގޮތަށް ހިންގިފައިވާ އަމަލުތަކެއް ކަމުގައި އަހުރެންނަށް ފާހަގަކުރެވެ އެވެ. މިއީ އެއް އަތުން ފިރުމަމުން އަނެއް އަތުން އެ ފިރުމިތަނުގައި ޖަހަމުން ދިޔުންފަދަ ކަމެއްކަމުގައި އަހުރެންނަށް ސިފަ ކުރެވެ އެވެ،" އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވި އެވެ.
ފުލުހުންގެ ބޯޑުން އެ އޮފިސަރުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލު ކުރަން އެދި ސިވިލް ކޯޓުގައި ދައުވާ އުފުލީ އޮކްޓޫބަރު 6، 2021 ގަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ޑިސެމްބަރު 21، ގައި ހުކުމް ކުރީ އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ނިންމުން ބާތިލު ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ އެ ނިންމުން ބާތިލު ކުރަން އެދި ފުލުހުންގެ ބޯޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މާޗު 2، 2023 ގަ އެވެ.
ނަމަވެސް އޭގެ ކުރިން ސިވިލް ކޯޓުގެ އަމުރު ރަނގަޅު ކަމަށް ބަލައިގެން ފުލުހުންގެ އިދާރާއިން ވަނީ، އެ މުއައްސަސާގެ ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ތެރެއިން، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަބްދުالله ޝަރީފް އާއި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ޕްރޮމޯޝަން ދީފަ އެވެ. އަދި އެމީހުންނަށް ޕްރޮމޯޝަން ދިނީ ދަށު ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކޮށްގެން ކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކުރި އެވެ.
ދަށު ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އެ ދެމީހުންނަށް ޕްރޮމޯޝަން ދިން ނަމަވެސް، ފުލުހުންގެ ވަޒީފާއިން ވަކިކުރިކަން އަންގައި ލިޔުން ދިން އަހުމަދު މުހައްމަދު އާއި މުހައްމަދު ޖަމްޝީދު އަލުން ވަޒީފާއަށް ނެރެން ފުލުހުން ދެކޮޅު ހަދާފައިވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ފުލުހުންގެ އަމަލުތައް ދެފަހަރު ދެގޮތަށް ހުރުމުން އިސްތިއުނާފާމެދު ސުވާލު އުފެދޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޖަމްޝީދު އާއި ޓޫފޯއަށް އަލުން ވަޒީފާ ދީފި ފުލުހުންގެ ވަޒީފާއިން ވަކިކުރި ޖަމްޝީދު އާއި ޓޫފޯއަށް އަލުން ވަޒީފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ