އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާއަކުން، ބިޑަކަށް ހުޅުވާލުމެއް ނެތި ސިންގަލް ސޯސްކޮށްގެން އަމިއްލަ ކުންފުނިތަކާ ހަވާލު ކުރި 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވަން އެދި ކޯޓަށް މައްސަލަ ހުށަހަޅަން އެމްޑީޕީން ރޭ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި 206 މަޝްރޫއުގައި ސޮއިކުރީ 53 އަމިއްލަ ކުންފުންޏަކާ އެކުގަ އެވެ.
މި މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވަން ވެގެން ކޯޓަށް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަކުންނެވެ.
ތަފްސީލް - އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެގެން އެމްޑީޕީގެ ގައުމީ މަޖިލީހަށް ރޭ ގަރާރެއް ހުށަހެޅުއްވީ އެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ސައްލެ) އެވެ.
ސަލީމްގެ ގަރާރުގައި ފާހަގަކުރައްވާފައިވަނީ:
ވާދަވެރި ބިޑަކަށް ހުޅުވާ ނުލައި އެހާ ގިނަ މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް
ބިޑަކަށް ނުލައި އެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކުރީ ވެސް މާލިއްޔަތު ގާނޫނާ ހިލާފަށް
މި މަޝްރޫއުތައް ހިންގާނެކަން ކުރިން އިއުލާންކޮށްފައި ނެތުމަކީ ވެސް މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް
ބިޑަކަށް ހުޅުވާނުލުމުގެ ނަތީޖާއެއްގެ ގޮތުން، މަޝްރޫއުތައް ހަވާލުކުރީ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުން އޮތް ފަރާތްތަކުގެ ކުންފުނިތަކަށް އެކަނި
އެހެންވެ އެ މައްސަލަ ކޯޓަށް ހުށަހެޅުމާއި މި މައްސަލަ ބަލަން ޖެހޭ މިނިވަން މުއައްސަސާތަކުން މައްސަލަ ނުބަލައިފި ނަމަ އެމްޑީޕީގެ ސަރުކާރެއްގައި އެ މުއައްސަސާތަކުގައި ތިބި މެންބަރުން ވަކިކުރުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
އެނގުން މުހިންމު - މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ 13 މަޝްރޫއު: 997.38 މިލިއަން ރުފިޔާ
ތައުލީމީ ދާއިރާގެ 31 މަޝްރޫއު: 511 މިލިއަން ރުފިޔާ
ސިއްހީ ދާއިރާގެ 30 މަޝްރޫއު: 312 މިލިއަން ރުފިޔާ
ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު: 204 މިލިއަން ރުފިޔާ
ކުޅިވަރާ ގުޅުންހުރި 52 މަޝްރޫއު: 197 މިލިއަން ރުފިޔާ
ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު: 196 މިލިއަން ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއު: 131.8 މިލިއަން ރުފިޔާ
ހޯމްލޭންޑް ސެކިއުރިޓީގެ 39 މަޝްރޫއު: 114.99 މިލިއަން ރުފިޔާ
ޒުވާނުން ބާރުވެރިކުރުމުގެ 1 މަޝްރޫއު: 40 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ދިވެހި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފާސްކޮށްފައިވާ ޕީއެސްއައިޕީ ކޮންޓްރެކްޓްތަކުގެ މައްޗަށް ބިނާކޮށް ޕްރޮޖެކްޓް ފައިނޭންސް ލިބޭނެ ކަމަށެވެ.
ސަރުކާރުން ފައިސާ ދައްކާނީ ކުރިއަށްދާ މިންވަރު ޔަގީންކުރުމަށް ފަހު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ބިޑަށް ހުޅުވާނުލާ ހަވާލުކުރި 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވަން އެމްޑީޕީން ކޯޓަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ