ނަސްލު ނައްތާލުމުގެ މައްސަލައިގައި ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީން ނެރެފި

ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވާތީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އިސްރާއީލުގެ އެހެން އިސް އޮފިޝަލުން ހައްޔަރު ކުރަން ތުރުކީން އަމުރު ނެރެފިއެވެ. ހައްޔަރު ކުރަން ލިސްޓްކޮށްފައިވާ 37 މީހުންގެ ތެރޭގައި އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒްއާއި، ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވީރާއި، ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒާމިރު ހިމެނޭ ކަމަށް އިސްތަންބޫލްގެ ޕީޖީ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވެއެވެ. ތުރުކީ ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމައިގައި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް އޮފިޝަލުންގެ މައްޗަށް ތުހުމަތުކޮށްފައެވެ. "އޮކްޓޯބަރު 17، 2023 ގައި އަލް އަހުލީ ބޭޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާގައި 500 މީހުން މަރާލި. ފެބްރުއަރީ 29، 2024 ގައި އިސްރާއީލުގެ ސިފައިން ގަސްތުގައި ސިއްހީ ސާމާނު ނައްތާލި. ޣައްޒާ އޮތީ ހިސޯރުކޮށްފައި. އަނިޔާ ލިބުނު މީހުންނަށް އިންސާނީ އެހީ ދިނުމަށް އިންކާރު ކުރި،" ތުރުކީން ނެރުނު އަމުރުގައި ބުނެފައިވެއެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން އިސްރާއީލުން ގެންދިޔަ ފަލަސްތީނުގެ މީހުންގެ ހަށިގަނޑުތައް ވަޅުލާފައި ވަނީ ޣައްޒާގެ ދީރް އަލް ބަލާހުގައި -- ފޮޓޯ/ އޭޕީ އަމުރުގައި ހިމަނާފައިވާ ވަކިވަކި ޖަރީމާތަކުގެ ތެރޭގައި ޣައްޒާގައި ތުރުކީން ބިނާކޮށްފައިވާ "ޓާކީ ޕަލަސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް"އަށް މާޗް މަހު ދިން ހަމަލާވެސް ހިމެނެއެވެ. އިސްރާއީލުން ވަނީ ތުރުކީގެ އެ އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށް ބުނެފައެވެ. ނަމަވެސް ހަމާސްއިން ވަނީ ތުރުކީން ނެގި އެ ފިޔަވަޅަށް މަރުހަބާ ކިޔާފައެވެ. ތުރުކީން އެ އަމުރު ނެރެފައި ވަނީ ނަތަންޔާހޫއާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީން) އަމުރެއް ނެރުނުތާ އަހަރެއް ފަހުންނެވެ. ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 67،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އެމެރިކާއާއި ގަތަރު އަދި މިސްރު މެދުވެރިވެގެން ކުރި މަސައްކަތުން މިވަގުތަށް ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ