ފިއޮރެންޓީނާ ބަލިކޮށް މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް ފިއޮރެންޓީނާ ބަލިކޮށް މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް

މިލާން (އޮކްޓޫބަރު 20) - އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އޭސީ މިލާނުން ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން މި ހަފްތާގައި ކުޅުނު މެޗުން ބަލިވުމުގެ ފައިދާ މިލާނުން މި ވަނީ ނަގައިފަ އެވެ. މިލާން، އެއް ވަނަ އަށް އެރީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނާއި ތިން ވަަނައިގައި އޮތް ނަޕޯލީ އަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.
މިލާނުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަަމަ ހާފު ނިމުނީ ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ފިއޮރެންޓީނާ އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ ގޯލެއް ޖަހައި، ލީޑުނަގައިފަ އެވެ. ފުރަތަމަ ހާފުގައި މަދު އެޓޭކުތަކެއް ކުރި، ފިއޮރެންޓީނާ އިން ވަނީ 55 ވަނަ މިނިޓްގައި، ރޮބިން ގޮސެންސްގެ ލަނޑުން ކުރިހޯދައިފަ އެވެ. މިއީ، ލޫކަ ރަނިއޭރީ ބޮލުން ޖައްސާލި ބޯޅައަކަށް އަރައި، ގޮސެންސް ޖެހި ގޯލެކެވެ.
ފިއޮރެންޓީނާ އަށް ލީޑުގައި އޮވެވުނީ އަށް މިނިޓެވެ. މެޗުގެ 63 ވަނަ މިނިޓްގައި، އޭރިއާބޭރުން މިލާނުގެ ރަފައެލް ލެއާއޯ ފޮނުވާލި ބޯޅައެއް ގޯލުގެ ކަނަށް އަމާޒުވެ، މިލާނުން ވަނީ ނަތީޖާ ހަމަހަަމަކޮށްފަ އެވެ. މިލާން، މި މެޗުން މޮޅުވީ 86 ވަނަ މިނިޓްގައި ލެއާއޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ، މިލާނުގެ ފޯވާޑް، ސަންޓިއާގޯ ޖިމެނޭޒަށް އޭރިއާތެރެއިން ފިއޮރެންޓީނާގެ ފަބިއާނޯ ޕަރީސީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ލެއާއޯ މި މެޗުގައި ދެ ގޯލު ޖެހިއިރު، މިއީ، މިދިޔަ އަަހަރުގެ ނޮވެމްބަރުގެ ފަހުން، މިލާނުން ލީގުގައި ކުޅުނު އެއް މެޗެއްގައި ލެއާއޯގެ ފަރާތުން ދެ ގޯލު ފެނުނު ފުރަތަމަ ފަހަރެެވެ.
ލީގުގައި ރޭ ސެސްކް ފަބްރެގަސްގެ ކޯމޯ އިން ވަނީ 2-0 އިން ޔުވެންޓަސް ބަލިކޮށްފަ އެެވެ. މިއީ، މި ފަހަރު ލީގުގައި ޔުވެންޓަސް ބަލިވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ