ރާއްޖޭގައި ތިބި އެންމެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންނާއެކު ކުޅުދުއްފުށީގައި ޒިގްޒެގް އިންޓަރ އޮފީސް 11 ވަނަ ފުޓްސަލް މުބާރާތް ފަށައިފި އެވެ.
ރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ފެށުނު ފުޓްސަލް މުބާރާތް ހުޅުވި މެޗުގައި ބައްދަލުކުރީ ކުޅުދުއްފުށި ޕޯޓް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ކޭއާރުއެޗް އެވެ.
ފުރަތަމަ މެޗުގައި ފަސޭހަކަމާއިއެކު ކޭޕީއާރުސީން ވަނީ ކޭއާރުއެޗް ބަލިކޮށްފަ އެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ މޮޅު ކުޅުމަކާ އެކު 6 - 1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ކޭޕީއާރުސީގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ސާދް ނިޒާރުއާ އަހްމަދު ހަމީދު އެވެ. އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ 4 ލަނޑު ޖަހާފަ އެވެ. މެޗުގައި ޝާއްޕެގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ކާމިޔާބުކުރީ ޝާއްޕެ އެވެ.
މިމެޗުގައި ކޭއާރުއެޗްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 މަމްދޫހު އިބްރާހީމް އެވެ.
ދެވަނަ މެޗުގައި ޔުނައިޓެޑް ބީއެމްއެލުން ނުކުތީ ދިރާގާ ދެކޮޅަށެވެ. 4 - 1 ގެ ނަތީޖާއަކުން ބީއެމްއެލް ވެސް ވަނީ ފަސޭހަކަމާ އެކު މިމެޗު ކާމިޔާބު ކޮށްފަ އެވެ.
ބީއެމްއެލް ޓީމުގައި ރާއްޖޭގައި ނަންވިދާ ކުޅުންތެރިން ހިމެނުނުއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. ސައްޓުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ދެލަނޑު ޖަހާ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ބީއެމްއެލްގެ އަނެއް ލަނޑުތައް ޖަހައިދިނީ ހަސަން މުހައްމަދުގެ އިތުރުން މުހައްމަދު ފާއިލް ފާއިގު އެވެ. މިމެޗުގައި ދިރާގުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 13 މުހައްމަދު ވިލްފް އެވެ.
ގްރޫޕް ބީގައި ރޭގައި ކުޅެވުނު މެޗުތަކަށް ބަލާއިރު ގްރޫޕް ބީގެ ދެމެޗު ވެސް ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. އާރުއާރުސީއާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މެޗު ހަނި ތަފާތަކުން ކާމިޔާބު ކުރީ އެމްޓީސީސީންނެވެ. އެމްޓީސީސީގެ ޓީމުގައި ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިން ހިމެނުނުއިރު އެންމެ ފާހަގަކޮށްލެވެނީ އިސްމާއިލް ވަޖީހު (ވައްޖެ), އަލީ ޝިޔާހު (ޝިޔާ) އަދި އަޔާޒް އަހްމަދު (އަޔާ) އެވެ.
މިމެޗުގައި އެމްޓީސީސީގެ ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. އާރްއާރުސީގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ހުސެއިން ގައްސާން ލަބީބް (ހުސީ) އެވެ.
އާރްއާރުސީ ޓީމުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ހިމެނެ އެވެ. އެގޮތުން އެންމެފަހުން ބޭއްވި ކުލަބް މޯލްޑިވްސް ކަޕުގެ ކިންގް އަހްމަދު އަފްލާޒްއާއި އެޓީމުގެ އިބްރާހީމް އަސްވަދު (ގަބޭ) ފާހަގަކޮށްލެވެ އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ ޖާޒީ ނަންބަރު 11 އިސްމާއިލް ވަޖީހު އެވެ.
ރޭގެ ފަހު މެޗުގައި ކުޅުދުއްފުށި ސިޓީ ޕޮލިހާއި ކުލަބް ވެމްކޯ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1 - 1 ން އެއްވަރުވެގެންނެވެ. މިމެޗުގައި ވެސް ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. މިމެޗުގައި ޕޮލިހަށް ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 71 މުހައްމަދު އުލްވާން އެވެ.
ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އެޓީމުގެ ޖާޒީ ނަންބަރު 71 އަބްދުﷲ ފިޒާން އަބްދުލް ގަފޫރު އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޖާޒީ ނަންބަރު 21 ނާއިހް މުފީދެވެ.
މިރޭވެސް މުބާރާތުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކޭސީސީއާރުސީއާއި އާރްއާރުސީ އެވެ. ދެވަނަ މެޗުގައި އެމްޓީސީސީން ނުކުންނާނީ ކުލަބް ވެމްކޯއާ ދެކޮޅަށެވެ. ފަހު މެޗުގައި ބީއެމްއެލްއިން ނުކުންނާނީ ކޭޕީއާރުސީއާ ދެކޮޅަށެވެ.
ފޯރިގަދަ ޒިގްޒެގް ފުޓްސަލް މުބާރާތް ފަށައިފި، މިއަހަރުވެސް މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ