ޢިބްރަތްތެރި ވާހަކަ: ދަރަނިފިލުވަން ދަރިން ވިއްކާ މައިންބަފައިންނަށް އަގުހުރި ފިލާވަޅެއް!

ޝަހުމާއަކީ ކިޔެވުނު އެންމެ މައްޗަކަށް ކިޔަވައިގެން އަމިއްލަ ދިރިއުޅުމެއް އުޅެން ބޭނުންވާ ކުއްޖެކެވެ. މައްސަލައަކަށްވެފައި އޮތީ އޭނާގެ މައިންބަފައިންގެ ދަރަނިން ސަލާމަތްވާން ތަނަވަސް މީހަކަށް އޭނާ ވިއްކާލަން އުޅޭ ކަމެވެ. 
ޝަހުމާ އެކަމަށް އިންކާރުކުރަމުން ދަނިކޮށް ވިޔަފާރި ނިންމާލައި ކައިވެނީގެ ކަންކަން ނިންމަން އެމީހާ ގެއަށް ގެނައުމުން ޝަހުމާ މަގުމައްޗަށް ނުކުމެ އަޑުގަދަކުރަމުން ދުއްވައިގަތެވެ. އެވަޤުތު ޖެހިގެންހުރި ގޭގައި އުޅޭ ބޮޑުބޭބެ ނުކުމެ ޝަހުމާ ހުއްޓުވިއެވެ. ވަޤުތުން އޭނާގެ ބެލުމުގެދަށަށް ގެންގޮސް އޭނާގެ ޚަރަދުގައި ކިޔަވަން ދުރުސިޓީއަކަށް ފޮނުވައިލިއެވެ. އެހިސާބުން ޝަހުމާގެ މައިންބަފައިންނަށް ޝަހުމާ ގެއްލުނީއެވެ. 
ޝަހުމާ އެނބުރި އަވަށަށް އައީ 7 އަހަރުފަހުންނެވެ. ކިޔަވައިނިމިގެން ވަޒީފާ އަދާކުރަމުން އަމިއްލަ މަސައްކަތްކުރަމުން އައިސް ކާމިޔާބު ވިޔަފާރިވެރިއަކަށްވެގެންނެވެ. އައީ އަމިއްލަ އަގުބޮޑު ކާރުގައެވެ. 2،3 އިސް މުވައްޒިފުންނާއިވެސް އެކުގައެވެ. 
ކާރުން ފޭބިއިރު މަންމަ އާއި ބައްޕަގެ އިތުރުން ބޮޑުބޭބެވެސް މަގުމަތީގައި ހުއްޓެވެ. ޝަހުމާ އައި ކާރާއި ހުރި ޢިއްޒަތް ފެނުމާއިއެކު މަންމަ މަންމަވެގަތެވެ. ބައްޕަ ބައްޕަވެގަތެވެ. ބޮޑުބޭބެ އަނގައިންވެސް ނުބުނެ ހުރީއެވެ. 
ޝަހުމާ އައިސް ބޮޑުބޭބެގެ އަތުގައި ހިފައިގެންވަނީ ބޮޑުބޭބެގެއަށެވެ. ވަނުމުން ފަހަތުން މަންމައާއި ބައްޕަވެސް ވަނެވެ. ބޮޑުބޭބެއާއި ވާހަކަދައްކަން އިރުކޮޅަކު އިނދެފައި ނުކުތުމުން ފަހަތުން މަންމަ އާއި ބައްޕަ ނުކުމެ ގެއަށް ވަންނަން ބުނުމުންވެސް ޝަހުމާ ދިއައީ ކާރާއި ދިމާއަށެވެ. 
ކާރަށް އަރަމުން މަންމައާއި ބައްޕައަށް އަޑުއިވޭވަރަށް ބޮޑުބޭބެގެ ގާތުގައި ބުންޏެވެ. "އަހުރެން ދިން ކޭޝްކާޑުން މިދެމަފިރިންގެ ބޭސްފަރުވާއަށާއި އަސާސީ ކަންކަމަށްވެސް ޚަރަދުކުރާށެވެ! އިރާދަކުރެއްވިއްޔާ ފައިސާ ހުހެއް ނުވާނެއެވެ!" އެހެން ބުނެފައި ކާރަށް އަރައިގެން ޝަހުމާ ދިއުމުން މަންމަ ޢާއި ބައްޕަ ފެށީ އެކަކު އަނެކަކު ކުށްވެރިކުރާށެވެ! "މިއީ ކަލޭގެ ސަބަބުން މެދުވެރިވި ކަމެއް!" ކަމަށް ބުނެއެވެ. 
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަގޮތެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ޝަހުމާ ކަންކަން ކުރި ގޮތް ރަނގަޅުކަމަށް ބުނާކަށްވެސް ނޫނެވެ. މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް އޮތީ ހެޔޮކޮށް ހޮިތުންކަމަށްވީމައެވެ. 
އެއީ ޢަމަލުކުރަން އޮތްގޮތް ނަމަވެސް ފައިސާއަށް ދަހިވެތިވެ ދަރިންގެ މުސްތަޤްބަލު ނަގައިލާނަމަ މިފަދަ ގޮތްތައްވެސް މެދުވެރިވާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ. ފައިސާގެ ދަހިވެތިކަމުގައި ދަރިން ވިއްކުމަކީ ރާއްޖޭގައިވެސް ހިނގަމުން އަންނަ ކަމެކެވެ. ޚުދު އަޅުގަނޑުގެ ފުރަތަމަ ކައިވެންޏަކީވެސް އެފަދަ ކައިވެންޏެކެވެ. ވިއްކައިލީ މަސްތުވާތަކެތި ޑީލްކުރާ މީހަކަށެވެ. އަޅުގަނޑުގެ ނަޞީބު ރަނގަޅުކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ދިގުމުއްދަތުގެ ޖަލުޙުކުމެއް އިއްވުމުން ސަލާމަތްވެވުނީއެވެ. 
ދެވަނަ ފިރިމިހާއާއިއެކު ދިރިއުޅެމުން މިއަންނަނީ ރަށެއްގައެވެ. މާލެނުދާތާ 8 އަހަރެވެ. މަޖުބޫރުވެގެން ނޫނީ ނުވެސްދާނަމެވެ. އިން ޝާ ﷲ. މަންމަ ޢާއި ބައްޕައާއި ވާހަކަ ދައްކަމެވެ. ހަދިޔާވެސް ފޮނުވަމެވެ. އެކަމަކު ދެކެން ދާކަށް ބޭނުމެއް ނޫނެވެ. ބަލިވެ ކަމެއްވެގެން އަޅުގަނޑާއި ހަމައަށް އަތުވެއްޖެނަމަ ބަލައިދޭނެ ކަމަށާއި އެމީހުންގެ މުދަލުން ބޭނުން ނޫންކަމަށްވެސް އޮންނާނީ ބުނެފައެވެ.
 
- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ