ޔަމާލް ފަހަތަށް ޖައްސާލައި ޑެމްބެލޭ ބެލޮންޑިއޯ ހޯދައިފި ޔަމާލް ފަހަތަށް ޖައްސާލައި ޑެމްބެލޭ ބެލޮންޑިއޯ ހޯދައިފި

ޕެރިސް (ސެޕްޓެމްބަރު 23) - ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ފަހަތަށް ޖައްސާލުމަށް ފަހު، ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ، ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ، ބެލޮންޑިއޯ އެވޯޑް ހޯދައިފި އެވެ.
އުމުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ބެލޮންޑިއޯ އެވޯޑްގައި ދޭ ކޮޕަ ޓްރޮފީ ދެ ވަަނަ ފަހަރަށް ހޯދި 18 އަހަރުގެ ޔަމާލް، ބެލޮންޑިއޯ އެވޯޑްގެ ދެ ވަނަ އަށް ދިޔައިރު، ތިން ވަނަ އަކީ ޕީއެސްޖީގެ ވިޓީނިއާ އެވެ. އަދި، ހަތަރެއްގައި، ލިވަޕޫލްގެ މުހައްމަދު ސަލާހު އޮތްއިރު، ފަސް ވަނަ އަކީ، ބާސެލޯނާގެ ރަފީނިއާ އެވެ.
ބެލޮންޑިއޯ އެވޯޑް ހޯދި، ޑެމްބެލޭ، 28، އަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ކާމިޔާބީގައި މުހިންމު ކުޅުންތެރިއެކެވެ. ޕީއެސްޖީން ފްރާންސްގެ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދި ސީޒަނުގައި ޑެމްބެލޭ ވަނީ، 53 މެޗުން 35 ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. ފްރެންޗް ލީގުގައި އެކަނި 21 ލަނޑު ޖެހި އެެވެ.
ކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި ބާސެލޯނާ އަށް ކުޅުނު ޑެމްބެލޭ ބުނީ، ބެލޮންޑިއޯ ހޯދުމަކީ ކެރިއަރުގައި ކަނޑައެޅި ޓާގެޓެއް ނޫން ކަމަށާއި އެކަމަކު، މި މަގާމު ލިބުމުން ބުނާނެ އެއްޗެއް ނޭނގޭހާ ހިތްހަމަޖެހުން ލިބިފައިވާ ކަމަށެވެ.
ސްޕެއިނާއި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ވަނީ ތިން ފަަހަރު ބެލޮންޑިއޯ ހޯދައި، އެ އަދަދަށް މި ޓްރޮފީ ހާސިލްކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔައީ އާސެނަލަށް ކުޅޭ މަރިއޯނާ ކަލްޑެންޓޭ އެވެ.
އެންމެ މޮޅު ކޯޗަކަށް ޕީއެސްޖީގެ ލުއިސް އެންރީކޭ ހޮވުނުއިރު، އެންމެ މޮޅު ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ހޯދީ ޕީއެސްޖީ ދޫކޮށް މެންޗެސްޓާ ސިޓީ އަށް ބަދަލުވި، ޖިއަންލުއީޖީ ޑޮނަރުންމާ އެވެ. މިއީ، ޑޮނަރުންމާ މި މަގާމު ހޯދި ދެ ވަނަ ފަހަރެެވެ.
އަދި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ގާޑް މުލާ ޓްރޮފީ ހޯދީ، ސްޕޯޓިން ލިޒްބަން ދޫކޮށް، އާސެނަލާ ގުޅުނު ވިކްޓަ ޔޯކެރޭޝް އެވެ.
ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.
ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ. މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ރޮޑްރީ އެވެ. މި ފަހަރުގެ ބެލޮންޑިއޯ ހަފްލާ އޮތީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ