މިތުރާ ގަޔާވެލީ... 40 (ފަހުބައި)
"މިރޭ މިކޮޅުގަ މަޑުކޮށްލާ!..." ޔަޒްދާން އެދުނެވެ. "އެކަމަކު..." ނަޖާތު ދެކޮޅުހަދަން އުޅުނެވެ. ******** އަހަރެން މިރޭ ދާނީ ސްޓޭޝަނަށް..." ޔަޒްދާން ބުނެލިއެވެ. "ނައީމުގެ ކަންކަން ނިންމާފަ އަހަންނަށް ދެން ހަމަޖެހުމެއް ލިބޭނީ..." "ވާހަކައެއް އަހާލަންތަ؟..." ނަޖާތު ބޭނުންވީ، ޔަޒްދާން އެހާ ކުރީގެ މައްސަލައެއްގެ ހަގީގަތް ހޯދަން އުޅެނީ ކީއްވެކަން އޮޅުންފިލުވާށެވެ. "ނޭހިޔަސް އޯކޭ..." ޔަޒްދާން ސަމާސާކުރިއެވެ. "އަހަން ތިއުޅޭ ސުވާލުތައް އަހަންނަށް އެނގެޔޭ ބުނެފިއްޔާ؟..." "ކިހިނެއް އެނގުނީ؟..." ނަޖާތު އަހައިލިއެވެ. "އަހަން ތިއުޅެނީ މި ކޭސްއާ އަހަންނާ ގުޅުމެއް ވޭތޯ؟... ކީއްވެތޯ މި ކޭސް އިންވެސްޓިގޭޓް ކުރަނީ؟... ގިވްއަޕް ނުކުރީ ކީއްވެތޯ؟.. ރައިޓް؟..." ޔަޒްދާން ކުރީ ނަޖާތުގެ ހިތުގައި އުފެދުނު ސުވާލުތަކެވެ. ނަޖާތު ފާޑަކަށް އިނދެފައި ބޯޖަހައިލިގޮތުން ޔަޒްދާން ކައިރިއަށް ހިނިއައެވެ. "މި ކޭސް ދޯ؟...." ޔަޒްދާން ދޫކޮށްލީ ފުން ނޭވާއެކެވެ. "އެތަނުން އެއްކުއްޖަކު އެއީ އަހަރެންގެ ފްރެންޑެއް... ވަރަށް ކްލޯޒް... ލައިކް ސިބްލިންގްސް... ފުލުހުންގެ ތެރެއިން އަހަންނާ އެކީ މަސައްކަތް ކުރަން އެ އުޅުނީ އެކުއްޖާގެ ބޭބެ... އިކާންގެ ކޭސްއާ އެ ކޭސްއާ ގުޅުމެއް ވާކަށް އަހަންނަށް އެނގުނީ ޓްވެންޓީ އިޔަރސް ކުރިން އިކާން ގެއްލުނު ދުވަހު... ނައީމު އެއްބަސްވިޔަސް، ތަހުގީގަށް އެއްބާރުލުން ދިނަސް، އަހަރެން މަސައްކަތްކުރާނަން ނައީމަށް އެންމެ ބޮޑު އަދަބު ދެވޭތޯ..." ޔަޒްދާނަށް ބަލަން ނަޖާތު އެތައް އިރަކު އިނެވެ. އެހާ ގިނަ ދުވަސްވީއިރުވެސް ޔަޒްދާންގެ އަޒުމަކަށް ބަދަލެއް ނައެވެ. ހިތްވަރުކޮށްފައި އެތައް ގޮންޖެހުމަކާއި ކުރިމަތިލައިފިއެވެ. މައްސަލަ ހައްލުކޮށް އިންސާފު ހޯދައިފިއެވެ. އެއީ މަދު މީހެއްގެ ކިބައިން ނޫނީ ނުފެންނާނެފަދަ މަންޒަރެކެވެ. ނަޖާތުގެ ހިތުގައި އައު ވިންދެއް ޖަހަންފެށިއެވެ. ޔަޒްދާންގެ އެ ސިފަތަކަކީ ނަޖާތު ހިތްއެދޭ ބައިވެރިއެއްގެ ކިބައިގައި ހުންނަން އޭނާ ލާޒިމުކުރި ސިފަތަކެވެ. "ކިހިނެއްވީ؟..." ނަޖާތު ބަލަން އިންގޮތުން ޔަޒްދާން ކުޑަކޮށް ލަދުގަތެވެ. ނަޖާތަށް ހަމަހޭވެރިކަންވީ ޔަޒްދާން ދެތިން ފަހަރަކު ކަރު ކެހިލުމުންނެވެ. "ކަމެއް ނުވޭ..." ކުރެވުނު ކަންތައް އިހުސާސްވުމުން ނަޖާތު ލަދުން ހަލާކުނުވީ ކިރިޔާއެވެ. ******** ނިދިފައި އޮތް އިކާނަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ރޫބީއަށް ހޭލެވިދާނެތީ، އިކާން އަވަހަށް ފޯނުގެ ރިންގު ކަނޑައިލިއެވެ. ރޫބީ އޮތީ ގަދަ ނިދީގައެވެ. ފޯނުގެ އަޑު އިވުމުން ގުޑިވެސް ނުލިއެވެ. ރޫބީ ދުރުކޮށްލާފައި އިކާން މަޑުމަޑުން އެނދުން ތެދުވިއެވެ. ކުއިލްޓު ގެންގޮސް ރޫބީގެ ކަރާއި ހަމައަށް އަޅާފައި، ފޯނު ހިފައިގެން އިކާން ނުކުތީ ބެލްކަންޏަށެވެ. އޭރު އިރު އޮއްސުމުގެ އަސަރުތައް އުޑުމަތިން ފެންނަން ހުއްޓެވެ. "ސޮރީ ޑިސްޓާބްކުރެވުނީމަ..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ މިފްޒާލެވެ. "އެއްވެސް މީހަކަށް އެތިބެނީ ގުޅަން ނުކެރިފަ... ނިއުލީ ވެޑްސްއަށް ޑިސްޓާބް ވެދާނެތީ...." "ދިމާކުރަންތަ ތިގުޅީ؟..." އިކާން ނުރުހޭގޮތް ދައްކައިލިއެވެ. "އުހުނ... ވަރަށް މުހިއްމު ވާހަކައެއް ބުނަން..." މިފްޒާލް އަވަސް އަވަހަށް ބުނެލިއެވެ. "ތި ދެކުދިންނަށް އުފާވެރި ހަބަރެއްވީމަ ޝެއަރކޮށްލާ ހިތުން ކެތްނުވީ..." "ދެން އަވަހަށް ބުނެބަލަ..." އިކާންގެ ކެތްތެރިކަން ކޮޅުންލިއެވެ. "ނައީމުގެ ކަންތައް ހަތަމް... އުމުރަށް ޖަލަށް ލާނެ... ނުވާނެ ސަލާމަތެއް... ދެން ތި ދެމީހުން ބޭނުންގޮތަކަށް މިނިވަންކަމާ އެކީ އުޅެންވީ... އުނދަގޫ ކުރާނެ މީހެއް ނުހުންނާނެ..." އިކާނަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ މިފްޒާލް ފޯނު ކަނޑައިލިއެވެ. ******** 1 މަސް ފަސް "އަވަސްކުރޭ!..." މިފްޒާލްގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އިބާ ގޮސް އެރީ ޓެކްސީއަށެވެ. "މަޑުކުރޭ!..." ފަހަތުން މީހެއްގެ އަޑު އިވުމުން އިބާ ފަސްއެނބުރުނެވެ. ނަޖާތާއި ޔަޒްދާން ދުވެފައި ޓެކްސީއާއި ދިމާއަށް ދިޔައެވެ. ދެމީހުންނަށް ޓެކްސީއާއި ހަމައަށް ދެވުނީ ޓެކްސީ ނައްޓާލަން ތައްޔާރުވެފައި ވަނިކޮށެވެ. "ހަރަދު ކުޑަކުރަން އެއް ޓެކްސީއެއްގަ ދާނީ..." ކާރަށް އަރަމުން ނަޖާތު ހީގަތެވެ. "ހޫން ހޫން... ތިހާ ދަހި ވާކަށް ނުވާނެ... ސަތޭކަ ރުފިޔާގަނޑު ނުދެއްކޭހާ ބިކާރީ ކުދިންކޮޅެއްތަ ތީ؟... ތި ދެމީހުން މެރީކުރަން އުޅޭތީ ލައްކައިން ރުފިޔާ ސޭވްކުރަން ދޯ ތިއުޅެނީ..." އިބާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "މައި ގާލް ޖެލަސްވީތަ؟...." މިފްޒާލް ސަމާސާކޮށްލިއެވެ. "މައި ގާލް ކިޔާފަ ގޮސް އިކާން ކުރިމައްޗަށް އަރާ... ބޮޑު ބޮމެއް ވައްޓާލާނެ..." ނަޖާތު ދިމާކުރިއެވެ. "މިއަދުގެ ބޮޑު ސަޕްރައިޒް... ދޮންބެ އޯކޭވެއްޖޭ... ރޭގަ ދޮންބެގެ ހުއްދަ ނަގައިފިން... އެއިޓީންވާއިރަށް މެރީ ކުރާނަން... މި އިބާގެ ބޯ މާ ބޮޑުވާނެ..." އިބާ އޭނާ ނުބުނަން އުޅުނު ވާހަކަ އެންމެންނަށް އަންގައިލިއެވެ. "ހަނީމޫނަށް ދިޔަ ވަގުތު ބަލާފަ ދޯ ހުއްދަ ހޯދީ..." ނަޖާތު ޖަހައިލީ ސަކަ ހިނިގަނޑެކެވެ. އެންމެން އެއްފަހަރާ އިބާއަށް މަރުހަބާ ކިޔެވެ. މިފްޒާލް ސިއްރުން އިބާގެ އަތުގައި ހިފައިލިއެވެ. މަޑުމަޑުން އަތަށް ފިތައިލިއެވެ. އިބާ ތުއިވެލިއެވެ. އެއާޕޯޓުގެ ކުރިމައްޗަށް ކާރު މަޑުކުރިއިރު، ރޫބީއާއި އިކާން ފޮށި ދަމަމުން ނުކުންނަނީއެވެ. އިބާ ދުވެފައި ގޮސް ރޫބީގެ އަތުން ފޮށި އަތުލިއެވެ. ޔަޒްދާނަށްވުރެ ކުރިން މިފްޒާލް ގޮސް އިކާންގެ އަތުން ފޮށި އަތުލަން އުޅުނެވެ. "ފޮށި އަތުލިޔަސް، މަގޭ ކޮއްކޮ އަތެއް ނުލެވޭނެ އިނގޭ..." މިފްޒާލްގެ ކަރަށް އަތް އެއްލަމުން އިކާން ބުނެލިއެވެ. "ސޮރީ ބްރޯ..." މިފްޒާލް އިސްޖަހައިލިއެވެ. އެންމެން އެއްފަހަރާ ހީގަތެވެ. މިފްޒާލް ލަދުން ހުރިތަން ފެނުމުން، އިބާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. "ނެކްސްޓް މަންތް މެރީކުރާ ކުދިން ކޮބާތަ؟..." އިބާ ވައްކަޅިން ޔަޒްދާނަށާއި ނަޖާތަށް ބަލައިލިއެވެ. "ދޮންބެމެން ހަނީމޫނަށް ގޮސް އަންނަންވާއިރަށް އެއްބަޔަކު ކަންކަން ނިންމާލައިފި..." އެންމެންގެ ސަމާލުކަން ނަޖާތަށާއި ޔަޒްދާނަށް ހުއްޓުނެވެ. ނަޖާތު ލަދުން އިސްޖަހައިލިއިރު، ޔަޒްދާން ބޯކަހަމުން ފަހަތަށް ޖެހިލިއެވެ. "އަހަރެން ނެތް ދަނޑިވަޅު ބަލާފަ ކުރި ކަންތައް ފަޅާއެރީނު..." ރޫބީ ނަޖާތުގެ ކޮނޑުގައި ޖެހިގަތެވެ. "ނައީމުގެ މައްސަލަގަނޑުގަ އުޅެ އުޅެފަ އެންމެފަހުން ދެމީހުން ހިތްކީދޯ؟... ދެން ބުނެބަލަ... ކިހިނެއްތަ ތި ދެމީހުން ސެޓްކުރީ؟...." ރޫބީ ފަހު ޖުމުލަ ބުނީ ނަޖާތުގެ ކަންފަތް ކައިރީގައި ސިއްރުންނެވެ. ރޫބީ ހޭން ފެށުމުން، ނަޖާތު އަވަހަށް ރޫބީ ދުރުކުރިއެވެ. އެންމެން އެކުގައި މަޖާކުރަމުން ގޮސް ކާރަށް އެރިއެވެ. ނަޖާތާއި ޔަޒްދާން ސައިކަލުގައި ނައްޓާލިއިރު، ރޫބީމެންނާއިއެކު އިބާމެން ތިބީ ކާރުގައެވެ. އެކި ވާހައިގެ ތެރެއިން ނައީމުގެ ވާހަކަ ފެށުނެވެ. ނައީމު މަރުވި ވާހަކަ ބުނިއިރު މިފްޒާލް ހީކުރީ، އެ ހަބަރު ވާނީ އިކާންމެންނަށް އައު ހަބަރަކަށް ކަމަށެވެ. "އެކޮޅުގަ ތިއްބާ ތި ހަބަރު ލިބުނު... އިނގެއެއްނު މަގޭ ކޮއްކޮއަކީ ކުޑަކުޑަ އަނގަގަދަ މިތުރެއްކަން..." އިކާން އިބާއަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ. "ދޮންބެގަނޑު.. އަބަދު އިބާއަށް ދިމާކުރާނީ..." އިބާ ތުންދަމައިލިއެވެ. ގޭގެ ދޮރުމައްޗަށް ކާރު ހުއްޓިއިރު، ޔަޒްދާންމެން މާކުރިން އިންތިޒާރުގައި ދޮރުމަތީގައި ތިއްބެވެ. ފަލާހާއާއި، ނާޝިޒްވެސް ރޫބީމެންނަށް މަރުހަބާ ކިޔަން އައިސް ތިއްބެވެ. އެންމެން އެކީ ގޭތެރެއަށް ވަދެގެން ދިޔައިރު، ގޭތެރޭގައި ހަރުލާފައިވީ ކާތަކެތީގެ މީރުވަހެވެ. ފަލާހާ ހުރީ ވަރަށް ފުރިހަމައަށް ކެއުން ތައްޔާރުކޮށްފައެވެ. ގޭތެރެއިން ފެނުނީ އުފާވެރިކަމެވެ. އެންމެން ގުޅިގެން އުޅޭ މަންޒަރު ބަލަން ރޫބީ ހުރިއިރު، އާއިލާއެއް ފުރިހަމަވެއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. "އައި އޭމް ސޯ ހެޕީ ފޯރ ޔޫ..." ނަޖާތު ރޫބީގެ އަތުގައި ހިފައިލިއެވެ. "އިކާން ހާދަ ރަނގަޅޭ... އެހާ ރަނގަޅު ހަޒްބެންޑެއް ނުލިބޭނެ..." އިކާން އޭނާގެ މަންމައަށް ގެނައި ހަދިޔާތައް ފޮށިން ނަގަމުންދިޔަ މަންޒަރު ބަލަން ހުރި ރޫބީ ބުނެލިއެވެ. "އަހަރެން އެންމެ އުފާވަނީ ނަޖާ މި ފެމިލީއަށް ޖޮއިން ކުރާތީ... އަހަރެންގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިފި... ތޭންކްސް..." ނަޖާތު ހިނިތުންވެލިއެވެ. ރޫބީގެ އަޑު އިވޭ ހިސާބުގައި ހުރި ޔަޒްދާނަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. އެތައް އުއްމީދެއް ގެއްލިފައިވަނިކޮށް، ޔަޒްދާން ވަނީ ނަޖާތުގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދީފައެވެ. މިއަދު ނަޖާތަކީ މުޅީން އެހެން މީހެކެވެ. އެހެންމީހުންނާއި މަޖާކޮށް ސަކަރާތްޖެހުމުގެ އެންމެ އިސް ސަފުގައި ހުންނާނީ ނަޖާތެވެ. އެ ބަދަލު ފާހަގަނުވާ މީހަކު މަދެވެ. އެންމެންވެސް ޝުކުރުވެރިވީ ޔަޒްދާނަށެވެ. ހުދު ޔަޒްދާންގެ ގެއްލިފައިވާ އުފާވެރިކަން ލިބުނީ ނަޖާތުގެ ފަރާތުންނެވެ. މިއަދު ޔަޒްދާނަށް އެންމެ މުހިއްމު އެކަކީ ނަޖާތެވެ. ދުވަހަކުވެސް ރޫބީ ނޫން މީހެއްދެކެ ލޯބިނުވާނެކަމަށް ހީކުރި ޔަޒްދާންގެ ހިތް ފަތަހަ ކުރުމުގައި ނަޖާތު ކާމިޔާބު ހޯދިއެވެ. "އިކާން މިހާރު ކިހިނެއް؟" ނަޖާތު އަހައިލިއެވެ. "އެކޮޅަށް ގޮސް ކުރި ފަރުވާ ވަރަށް ކާމިޔާބު.. މިހާރު އެކަނި ބޭރަށް ނުކުމެ އުޅެން ކެރޭ... ޑޮކްޓަރ ބުނީ ދެތިން މަސް ނަގާނެއޭ މުޅިން ހަމައަކަށް އެޅެން..." ރޫބީ ހިނިތުންވެލިއެވެ. "ދެން ނެތްތަ އުފާވެރި ހަބަރެއް؟.. އުހުމް... އުހުމް..." ނަޖާތު އަހައިލިއެވެ. "ތިކަމާ އަދި ނުވިސްނަން.. ފުރަތަމަ ތި ދެމީހުންނަށް ޗާންސް ދޭނީ... އޭގެ ފަހުން އަހަރެމެން ތިކަމާ ވިސްނާނަން.." ރޫބީ ހީގަތެވެ. "ފުރަތަމަ އެކަމާ ވިސްނަންޖެހޭނީ ދޮންބެދައްތަމެންނޭ... ޔަޒްދާންބެމެން އަދި މެރީވެސް ނުކުރެއެއްނު..." އިބާއަށް ނީނދެވިގެން ބުނެލިއެވެ. "ތިކަހަލަ ކަންކަމަށް އެންމެ ކުރީގަ އުޅޭނީ ޔަޒްދާން... މެރީކޮށްފަ ޔަޒްދާން އެންމެ ފުރަތަމަ އެކަމާ ވިސްނާ!..." އިކާންވެސް ރޫބީއާއި ބައިވެގެން ޔަޒްދާނަށާއި ނަޖާތަށް ދިމާކުރަން ފެށިއެވެ. "ކޮން ކަމަކާ ވިސްނާ ވާހަކައެއް ތި ދައްކަނީ؟..." ނާޝިޒްގެ އަޑަށް އެންމެން ހިމޭންވިއެވެ. ފަލާހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނާޝިޒްވެސް ވަރަށް ސީރިއަސްވެ ހުރެފައި ހީގަތެވެ. އެންމެން ހޭން ފެށިއިރުވެސް ރޫބީ ހުރީ ހީލަންވެސް ނުކެރިފައެވެ. އިކާން މަޑުމަޑުން ރޫބީގެ އުނަގަނޑުގައި އަތް ވަށައިލިއެވެ. އިކާންގެ އަތް މަތީގައި އަތް ބާއްވައިލި ރޫބީ، މަޑުމަޑުން އިކާންގެ ގައިގައި ލެނގިލިއެވެ. އިބާއަށް އެމަންޒަރު ފެނުމުން އަތުގައި އޮތް ރިމޯޓަށް ފިތައިލިއެވެ. ގޭތެރޭގައި އެއް އަޑަކުން ގުގުމައިލީ ނާޒްނީގެ "މިތުރާ ގަޔާވެލީ" ލަވައިގެ ހިތްގައިމު މިޔުޒިކުގެ އަޑެވެ. "އައި ލަވް ޔޫ..." އިކާން މަޑުމަޑުން ރޫބީގެ ކަންފަތް ކައިރީގައި ބުނެލިއެވެ. (ނިމުނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ