ފުލުހުން, ނޫސްވެރިންނަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ އެންޓި-ޓޯޗާ ސެކްޝަނުން ބަލަނީ

މިހާރު އަމަލުކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނު ފާސްކުރުމާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ބުނެފިއެވެ. އެ ކޮމިޝަނުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ދޮށުގައި ކުރި މުޒާހަރާގައި ކަންހިނގައިދިޔަ ގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގުކުރުމުގެ މަސައްކަތާއި، މުޒާހަރާގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި، އެ ކޮމިޝަންގެ މުވައްޒަފުން ދިޔައީ މުޒާހަރާ ގާތުން ބަލަމުން ކަމަށާއި، ކޮމިޝަންގެ އެންޓި-ޓޯޗާ ސެކްޝަނުން މުޒާހަރާއާ ގުޅޭ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ނިމުމުން ހިއްސާކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ. ފާހަގަކުރެވޭ ގޮތުގައި، އެ ދުވަހުގެ އިހުތިޖާޖުގައި ފުލުހުން ނޫސްވެރިންނަށާއި މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެރިވި މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވަނީ މިދިޔަ ބުދަ ދުވަހު ހުށަހަޅައިފައެވެ. https://www.sun.mv/211491 ނަމަވެސް، މުޒާހަރާގައި އަނިޔާވެރިވެފައިނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައިގައި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަނަކަށް އެއްވާނަމަ ފުލުހުންގެ ހުއްދައެއް ލިޔުމުން ހޯދަންޖެހޭނެ ކަމަށެވެ. ނޫސްވެރިންގެ މުޒާހަރައަށް ހުރަސްއެޅީ އެފަދަ ހުއްދައެއް ހޯދާފައިނުވާތީއާއި މަޖިލީސް ކުރާ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދަކަށްވުމުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އެ ސަރަހައްދުގައި ހަރަކާތްތެރިވީ ގާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރަން ކަމަށެވެ. އެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަދެފައިވަނީ ފުލުހުންގެ އޮޕަރޭޝަނަށް ހުރަސްއަޅާފައި ކަމަށް އެ ޚިދުމަތުން ނެރުނު ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ބުނީ، އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައިވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ކަމަށާއި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަންފަދަ ތަކެތި ބޭނުންކޮށްފައިނުވާނެ ކަމަށެވެ. https://sun.mv/211467 ފާހަގަކޮށްލެވޭ ގޮތުގައި ތުހުމަތުތައް ދޮގުކުރި ނަމަވެސް ފުލުހުން އަނިޔާކުރި ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. އަދި، ބައެއް މީހުންނާއި ނޫސްވެރިންނަށް އެއްވުމުގެ ތެރެއިން އަނިޔާވެފައިވާ ފޮޓޯތައް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ނޫސްވެރިން އެ ދުވަހު މުޒާހަރާކުރީ މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނު އޭރު ބިލެއްގެ ސިފައިގައި އޮތްއިރު އެ ބިލު ފާސްކުރުމާ ދެކޮޅަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ. އެ ބިލާ މެދު ކަންބޮޑުވުންތައް ހުރުމުން ދުނިޔޭގެ ސަމާލުކަން ވެސް ލިބުނެވެ. އަދި، އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ނޫސްވެރިކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ދިވެހި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ ގުޅޭ ގޮތުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ